Roadha Mihaaru
ރައިސީ އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް

ރައިސީ އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް ނިންމަވައިފި

20 މެއި 2024

އީރާނުގެ ރައީސް އިބްރާހިމް ރައިސީ އަވަހާރަވުމާ ގުޅިގެން ދިވެހި ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އީރާނުގެ ރައީސް އިބްރާހިމް ރައިސީ އަވަހާރަވުމާ ގުޅިގެން ދިވެހި ގައުމީ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ އުތުރުގައި އޮންނަ އަޒަރުބައިޖާން ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގަ އެވެ.

ރައިސީއާ އެކު އެ ހެލިކޮޕްޓަރުގައި ދަތުރުކުރެއްވި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އާއި، އުތުރު އަޒަރުބައިޖާނު ޕްރޮވިންސްގެ ގަވަރުނަރު މާލިކު ރަހުމަތީ އަދި ތަބްރީޒުގެ އިމާމު މުހައްމަދު އަލީ އަލްހާޝިމް ވެސް ވަނީ އަވަހަރާވެފަ އެވެ.

މީގެއިތުރުން، އެ ހެލިކޮޕްޓަރުގައި ޕައިލެޓާއި ކޯޕައިލެޓާއި، ކްރޫ ޗީފް އަދި ބޮޑީގާޑު ވެސް ވަނީ މަރުވެފަ އެވެ.

ރައީސް އޮފީހުން ބުނީ އީރާންގެ ރައީސް ރައީސީ އަވަހާރަވުމާ ގުޅިގެން ރަސްމީ ގޮތުން ހިތާމަފާޅުކޮށް، މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމާފައިވާ ކަމަށެވެ.

ހެލިކޮޕްޓަރު ދަތުރުކުރި ސަރަހައްދުގައި މޫސުން ގޯސްވުމުގެ ސަބަބުން، އެ ހާދިސާ ހިނގިތާ 15 ގަޑިއިރެއްހާ އިރު ފަހުން، އެ ހެލިކޮޕްޓަރާ ހަމައަށް ދެވުނު އިރު، ހެލިކޮޕްޓަރު އެކީގައި އަނދާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުންޏެވެ. އަދި ހެލިކޮޕްޓަރުގައި ދަތުރުކުރި ފަސަންޖަރުންގެ ހަށިގަނޑުތައް އެކީގައި އަނދާފައިވާ ކަމަށްވެ އެވެ.

ރައިސީ އަވަހާރަވުމާ ގުޅިގެން، އޭނާގެ ޒިންމާތަކާ ވަގުތީ ގޮތުން ނައިބު ރައީސް މޮޚްބެރް ވަނީ ހަވާލުވެވަޑައިގެންފަ އެވެ. އިރާނުގެ ގާނޫނުއަސާސީ ބުނާ ގޮތުން، 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި އާ ރައީސަކު އިންތިހާބުކުރަންޖެހެ އެވެ.

ރައިސީ އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން އަންނަނީ ހިތާމަފާޅުކުރައްވައި ތައުޒިޔާ ވިދާޅުވަމުންނެވެ.