Roadha Mihaaru
ގޮނޑި ލިބުމުން ފިލްމު ކުޅުން ހުއްޓާލާނަން: ކަންގަނާ

ގޮނޑި ލިބިއްޖެ ނަމަ ފިލްމު ކުޅުން ހުއްޓާލާނަން: ކަންގަނާ

20 މެއި 2024

މިހާރު ކުރިއަށް ގެންދާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އިންތިހާބުން އޭނާގެ ދާއިރާގެ ގޮނޑި ކާމިޔާބުވެއްޖެ ނަމަ ފިލްމު ކުޅުން ހުއްޓާލާނެ ކަމަށް ކަންގަނާ ރަނާވަތު ބުނެފި އެވެ.

މިހާރު ކުރިއަށް ގެންދާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އިންތިހާބުން އޭނާގެ ދާއިރާގެ ގޮނޑި ކާމިޔާބުވެއްޖެ ނަމަ ފިލްމު ކުޅުން ހުއްޓާލާނެ ކަމަށް ކަންގަނާ ރަނާވަތު ބުނެފި އެވެ.

އިންޑިއާގެ ހަބަރުތައް ގެނެސްދޭ ޗެނަލެއް ކަމަށްވާ "އާޖް ތަކް" އަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

ކަންގާނާ ބުނީ ފިލްމީ ދުނިޔެ އަކީ ދޮގެއްގެ މައްޗަށް އުފެދިފައި އޮތް ދެތުވެރިކަމެއް ނެތް ތަނެއް ކަމަށެވެ. އެއީ ވަރަށް "ފޭކް" ދުނިޔެއެއް ކަމަށް އޭނާ ބުންޏެވެ.

ސިޔާސީ ދާއިރާގައި އުޅެމުން ފިލްމީ ކަންކަމަށް ވަގުތު ހުސްކުރާނީ ކިހިނެއްތޯ އެ އިންޓަވިއުގައި ކަންގަނާއާ ސުވާލުކުރި އެވެ.

"އަހަންނަކީ ވަރަށް ޝައުގުވެރިކަމާ އެކު އެ ކުރާކަމެއް ކުރާ މީހެއް. މަސައްކަތެއް ކުރަން ޖެހިގެންނޭ ކިޔައިފައި ވަރަށް ނުކުރަން. ފިލްމު ކުޅެން ފަށައިފައި އަހަރެން ލިޔަން ފެށިން އަދި ފިލްމު ކުޅެން ފޫހިވެގެން ފިލްމު ޑައިރެކްޓުކޮށް ޕްރޮޑިއުސް ވެސް ކުރިން. އެހެންވެ މި ބުނީ އަހަރެން ހިޔާލާއި ފިކުރު ވަރަށް ތަފާތޭ، އަހަރެން ކުރާ ކަމެއް ކުރާނީ ޝައުގުވެރިކަމާ އެކުގައޭ،" ކަންގަނާ ބުންޏެވެ.

ފިލްމު ކުޅުން ހުއްޓާނުލަން ވަރަށް ގިނަ މީހުން އެދެމުން ދާ ކަމަށް ވެސް ކަންގަނާ ބުންޏެވެ. އެހެން ނަމަވެސް، އޭނާގެ ވިސްނުން ހުރީ ސިޔާސީ ދާއިރާއިން ކުރިއަށް ދެވެން އޮތް ނަމަ، އެ ދާއިރާއިން ކުރިއަށް ދިއުމަށް ކަމަށް ބުންޏެވެ.

އެ އިންތިހާބުގައި ކަންގަނާ ވާދަކުރަނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ޓިކެޓްގަ އެވެ. ކަންގަނާ ވާދަކުރަނީ އޭނާގެ އުފަން ސްޓޭޓް، ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާ އަށެވެ.

ފިލްމީ ދާއިރާގެ މަސައްކަތްތަކާ ކުޑަކޮށް ދުރަށް ޖެހިލުމަށް ފަހު ކަންގަނާ ސިޔާސީ ދާއިރާއަށް މި ނުކުތީ ޖައްސަޖައްސައިގެން ސިނަމާތަކަށް ގެނައި އޭނާގެ ގިނަ ފިލްމުތަކެއް ފްލޮޕްވި ފަހުންނެވެ. އެ ފިލްމުތައް ފްލޮޕްވީ އޭނާގެ ބަސްމަގު ހުންނަ ގޮތުން މީހުން މެދުގައި އޭނާއާ މެދު އޮންނަ ހިތްހަމަނުޖެހުން ބޮޑުވުމުގެ ސަބަބުން ކަމަށް އޭރު ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.