Roadha Mihaaru
ފިލްމު ކުޅެން މާ ފަސޭހަ: ކަންގަނާ

ސިޔާސީ ދާއިރާ އަށް ވުރެ ފިލްމު ކުޅެން މާ ފަސޭހަ: ކަންގަނާ

16 ޖޫން 2024

ސިޔާސީ ދާއިރާ އަށް ވުރެ ފިލްމު ކުޅެން އުޅުން މާ ފަސޭހަ ކަމަށް ކަންގަނާ ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ސިޔާސީ ދާއިރާ އަށް ވުރެ ފިލްމު ކުޅެން އުޅުން މާ ފަސޭހަ ކަމަށް ކަންގަނާ ބުނެފި އެވެ.

ކަންގަނާ ވަނީ ދާދިފަހުން ބޭއްވި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށް ގޮނޑިއެއް ކާމިޔާބުކޮށްފަ އެވެ. މިއީ އޭނާ ސިޔާސީ ދާއިރާ އަށް މި އަހަރު ނުކުމެ ހޯދި ފުރަތަމަ ކާމިޔާބީ އެވެ.

ހިމާޗަލި ޕޮޑްކާސްޓަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނީ ފިލްމީ ދާއިރާ އަށް ނުކުތުމާ އެކު އޭނާ އަށް ސިޔާސީ ދާއިރާ އަށް ވަނުމަށް އެކި ފަހަރު މަތިން ފުރުސަތު ލިބުނު ކަމަށެވެ. އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމު "ގޭންގްސްޓާ" އަށް ފަހު، އޭނާ އަށް ސިޔާސީ ޕާޓީއަކުން ޓިކެޓު ލިބުނު ކަމަށް ވެސް ބުންޏެވެ.

އެ ފުރުސަތުތައް އޭނާ ލިބުނު ސަބަބެއް ކަމަށް ބެލެވެނީ އޭނާގެ މުނިކާފަ މަޖިލީހުގެ މެމްބަރުކަން ތިން ދައުރަކަށް ފުރާފައި ވާތީ ކަމަށް ކަންގަނާ ބުންޏެވެ.

ކަންގަނާ ބުނީ އޭނާގެ ބައްޕަ އާއި ދައްތަ އަށް ވެސް އެ ފުރުސަތުތައް ލިބޭ ކަމަށެވެ.

ފިލްމީ ދާއިރާގެ މަސައްކަތުގައި ވެސް އޭނާ ކުރި ހިތްވަރު ސިޔާސީ ދާއިރާގައި ވެސް ކުރާނެ ކަމަށް ކަންގަނާ ބުންޏެވެ.

"އެކަމެއް ކުރަން ބޭނުންވެގެން ކުރާ ކޮންމެ ކަމެއް ވެސް ކުރާނީ ވަރަށް ކެރިގެން،" ކަންގަނާ ބުންޏެވެ.

ސިޔާސީ ދާއިރާ އަކީ ވަރަށް އުނދަގޫ ކަންކަމާއި ކުރިމަތިލާން ޖެހޭނެ ދާއިރާއަކަށް ވިޔަސް، އެ ހުރިހާ ކަމަކަށް ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށް އޭނާ ބުންޏެވެ.

އިންޑިއާގައި ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ޓިކެޓުގައި ވާދަކޮށް ކަންގަނާ ވަނީ ހިމާޗަލް ޕަރްދޭޝްގެ މަންޑީން 72،000 އަށް ވުރެ ގިނަ ވޯޓު ހޯދައިފަ އެވެ. އެއީ އޭނާއާ ވާދަކުރި އިދިކޮޅު ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓާ ވަރަށް ބޮޑު ތަފާތަކުންނެވެ.

ދާދިފަހުން އިންޑިއާގެ ޗަންދިގަރް އެއާޕޯޓުގެ ސެކިއުރިޓީ ޗެކިންގައި ހުއްޓާ އެތަނުގައި މަސައްކަތްކުރާ މުވައްޒަފަކު ވަނީ ކަންގަނާ ކޯތާފަތް މަތީގައި ޖަހައިފަ އެވެ. އެ މައްސަލަ ވަރަށް ހޫނުވެ، އެ މުވައްޒަފު ވަޒީފާ އިން ވެސް ވަނީ ވަކިކޮށްފަ އެވެ. ކަންގަނާގެ މޫނުމަތީގައި އޭނާ ޖެހީ، އިންޑިއާގެ ދަނޑުވެރިން ކުރި މުޒާހަރާތަކާ ދެކޮޅަށް ކަންގަނާ ވާހަކަދެއްކި ކަމަށް ބުނެ އެވެ.