23 މެއި 2024
ސިޔާސީ މަސައްކަތުގައި އުއްމީދު ވެސް ނުކުރާ ހިސާބަކަށް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް މިއަދު ވަޑައިގެންނެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ވަރުގަދަ އިތުބާރާ އެކު އެވެ. އެ އިތުބާރު، ޝުކުރާ އެކު ބަލައިގަނެ އަބްދުއްރަހީމް ދެއްވާ ޔަގީން ކަމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ގަބޫލުކުރާ ފަދަ ތަނަކަށް ހަދައި ޕީއެންސީގެ ސުޕަ މެޖޯރިޓީ އެކަތިގަނޑެއްގެ ގޮތުގައި ބާއްވާނެ ކަމުގެ ޔަގީން ކަމެވެ.
ސިޔާސީ މަސައްކަތުގައި އުއްމީދު ވެސް ނުކުރާ ހިސާބަކަށް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށް މިއަދު ވަޑައިގެންނެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ވަރުގަދަ އިތުބާރާ އެކު އެވެ. އެ އިތުބާރު، ޝުކުރާ އެކު ބަލައިގަނެ އަބްދުއްރަހީމް ދެއްވާ ޔަގީން ކަމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން ގަބޫލުކުރާ ފަދަ ތަނަކަށް ހަދައި ޕީއެންސީގެ ސުޕަ މެޖޯރިޓީ އެކަތިގަނޑެއްގެ ގޮތުގައި ބާއްވާނެ ކަމުގެ ޔަގީން ކަމެވެ.
ޕީއެންސީން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައިވާއިރު މަޖިލީހުގެ ރައީސަކަށް އަންނާނެ ބޭފުޅަކާ މެދު ކުރެވެމުންދިޔަ ބަހުސްތައް އިއްޔެ އަބްދުއްރަހީމްގެ ނަން ރައީސް ހުށަހެޅުއްވުމާ އެކު ވަނީ ނިމިފަ އެވެ. ރައީސް ނިންމެވީ މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އަދި ނައިބު ރައީސް ކަމުގެ މަގާމަށް ދިއްގަރު ދާއިރާއަށް އިންތިހާބުވި އަހުމަދު ނާޒިމް ގެންނަވާށެވެ.
ވަރަށް އާދައިގެ މަސައްކަތުން ސިޔާސީ ހަޔާތް ފެއްޓެވި އަބްދުއްރަހީމް މިހާރު ތައްޔާރުވެ ހުންނެވީ ދައުލަތުގެ އެއް ބާރުގެ ވެރިކަމާ އެވެ. މިއީ ސިޔާސީ ގޮތުން އަބްދުއްރަހީމަށް ލިބުނު ބޮޑު ކާމިޔާބެއް ނަމަވެސް، އޭނާ އުއްމީދުކޮށްގެން ހުރި މަގާމެއް ނޫނެވެ. އަބްދުއްރަހީމް ގަބޫލުކުރައްވާ ގޮތުގައި ރައީސްގެ ނިންމެވުމަކީ އޭނާ އަށް އޮތް އިތުބާރާއި ރައީސްގެ އިހްލާސްތެރިކަން ފާޅުކަން ބޮޑުކޮށް ހާމަވެގެންދިޔަ ނިންމެވުމެކެވެ.
"އަޅުގަނޑު ސިޔާސީ ހަޔާތުގައި މިހާތަނަށް ދިމާވި ބަހުގެ އިތުބާރު ބެހެއްޓެވި ބޭފުޅަކީ ރައީސް ޑރ. މުއިއްޒު. އެމަނިކުފާނު މީހަކަށް ބަހެއް ދެއްވައިފި ނަމަ، އެއަށް އިހްތިރާމް ކުރާނެ ކަމުގެ ހެއްކެއް އަޅުގަނޑުގެ ނަން މަޖިލީހުގެ ރައީސްއަކަށް ހުށަހެޅުން އެއީ، އެކަމަށްޓަކައި ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރު ރައީސަށް ދަންނަވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ކޮންމެހެން ބާރެއްގެ ވެރިކަމަށް ދެވޭތީއެއް ނޫން އުފާ ވަނީ. އެކީގައި މަސައްކަތް ކޮށްފައި ވެރިކަމަށް ވަޑައިގެން މިވީ ހަ މަސް ދުވަހުގެ ތެރޭގައި އަޅުގަނޑަށް އެމަނިކުފާނަށް ކުރެއްވި އިތުބާރު އެއީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ."
އަބްދުއްރަހީމް އަބްދުﷲ މިއަދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އޭނާ ވިދާޅުވީ ސަރުކާރަށް ފުރިހަމަ އެއްބާރުލުންދީ، ރައްޔިތުން އިތުބާރު ކުރާ ފަދަ މަޖިލީހެއް ހިންގޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އަބްދުއްރަހީމް ވިދާޅުވީ އޭނާގެ ނަން މަޖިލީހުގެ ރައީސް ކަމަށް ހުށަހެޅުއްވުމުން އިންތިހާބީ މެންބަރުންގެ ފަރާތުން ފެނުނީ، އެ ބޭފުޅުން އެދިއެދި ތިބި ކަމެއް ހާސިލުވުމުން ލިބޭ އުފާވެރިކަމުގެ އިހްސާސް ކަމަށެވެ. ރައީސް އޭނާގެ ނަން ހުށަހަޅުއްވައިފިއްޔާ އެއާ ދެކޮޅަށް އެއްޗެއް ވިދާޅުވާނެ ބޭފުޅެއް ނުހުންނާނެ ކަން ކުރިން ވެސް އެނގިވަޑައިގަންނަވާ ކަމަށާއި އެއީ އެ ބޭފުޅުންނާ ގާތުން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ހުރިހާ ބޭފުޅުން އިއްތިފާގުވި އަޅުގަނޑާ މެދު. އެހެން އެވީ މި ވޭތުވެދިޔަ ފަސް އަހަރު އަޅުގަނޑުމެން ދަތި ހާލުގައި ތިބިއިރު ޕީޕީއެމް/ޕީއެންސީ ނަގާ ކޮޅަށް ޖަހައި އަލުން ވެރިކަމަށް އައުމަށް ކުރި މަސައްކަތުގައި އެންމެ އިސްކޮށް ހުރެ ކުރެވުނު މަސައްކަތް ބަލައިގަތީމަ. ހުރިހާ މެންބަރުންގެ ފަރާތުން ވެސް ފެނުނީ ހިތްހަމަޖެހުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމަށް އޮތީ ޕީއެންސީގައި މިހާރު ތިއްބެވި 78 މެންބަރުންގެ ސުޕަ މެޖޯރިޓީ ނުރޫޅި، މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިންމާލެވޭނެ ކަމުގެ ޔަގީންކަމެވެ.
"ސުޕަ މެޖޯރިޓީ ގެއްލިގެން ނުދާނެ. އެހެން ކުރިން ދިމާވީ އިސްކޮށް ތިބި މީހުން އަމިއްލަ މަސްލަހަތު އިސްކުރުމުން. އެހެން އެކަން ނުވާނެކަން ޔަގީން އޮތީ ރައީސް ޑރ. މުއިއްޒު އިސްކުރައްވާނީ ގައުމީ މަސްލަހަތު ކަމުގެ 100 ޕަސެންޓް ޔަގީން ކަން އޮތުމުން،" އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް އަބްދުﷲ މިއަދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
އަބްދުއްރަހީމް ރިޔާސަތު ބަހަލައްޓަވަން ތައްޔާރުވަމުން އަންނަ 20 ވަނަ މަޖިލީހަކީ މިހާތަނަށް އެންމެ ގިނަ މަޖިލިސް މެންބަރުން ތިއްބަވާނެ މަޖިލިސް ކަމަށްވީ ނަމަވެސް، އެ ހުރިހާ މެންބަރުންނާ އެކު މަސައްކަތް ކުރެއްވުމަކީ އޭނާ އަށް އޮތް ގޮންޖެހުމެއް ނޫނެވެ. އޭނާ ވިދާޅުވީ 80އާ ގާތްކުރާ ވަރަކަށް ތިބީ އެއް ފިކުރެއް ގަބޫލުކުރާ، ރައީސްގެ ވެރިކަން ދަމަހައްޓަން ބޭނުންވާ ބޭފުޅުން ކަމަށާއި އެހެންކަމުން ވަރަށް އެކުގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.
"ގޮންޖެހުން ގިނަ ފަހަރަށް ކުރިމަތިވަނީ އިސްކޮށް ތިއްބަވާ ބޭފުޅުން ކަންކަން ކުރައްވާ ގޮތުން. އެންމެ ބޮޑު ޔަގީންކަމެއް އޮތީ ރައީސްއާ މެދު. ރައީސަކީ ވަގުތުން ވަގުތަށް މެންބަރުންނާ މުއާމަލާތު ކުރައްވާ ބޭފުޅެއް. މަޖިލިސް މެންބަރުންނަށްޓަކައި ވަކިން ހާއްސަ ގުޅުމެއް ބާއްވާ ބައްދަލުކުރައްވާ ލަފަ އާއި މަޝްވަރާ ދެއްވާ ބޭފުޅެއް. އެހެންވީމަ އެއްވެސް ގޮންޖެހުމެއް ދިމާވާނެ ކަމަކަށް ގަބޫލެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ނިމިގެންދިޔަ ރައްޔިތުންގެ މަޖިލިސް ފެށިގެން ދިޔައިރު އޭރުގެ ސަރުކާރަށް ސުޕަ މެޖޯރިޓީ އޮތް ނަމަވެސް، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުމުގައި ސުޕަ މެޖޯރިޓީ ގެއްލި، ސަރުކާރަށް މަޖިލީހުގެ ތެރެއިން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި އެވެ.
އަބްދުއްރަހީމް މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންފި ނަމަ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވެސް އެކަން ތަޖުރިބާ ކުރަން ޖެހިދާނެ ކަމަށް ބުނެ ބައެއް މީހުން އަބްދުއްރަހީމަށް ފާޑުކިޔުން އަމާޒުކުރި އެވެ. އެކަމަކު، އަބްދުއްރަހީމް މިކަމުގައި ވެސް ރައީސަށް ދެއްވަނީ ފުރިހަމަ އިތުބާރަކާއި ޔަގީންކަމެކެވެ.
އަބްދުއްރަހީމް އަބްދުﷲ މިއަދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ: އަބްދުއްރަހީމް ވިދާޅުވަނީ ރާއްޖޭގެ ރައީސަކަށް ވެ ވަޑައިގަތުމުގެ އެއްވެސް ޝައުގެއް ނެތް ކަމަށް - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
"އެކަހަލަ ހާލަތެއް ނާންނާނެ ސަބަބަކީ އޭރުގެ މަޖިލީހުގެ ރައީސަކީ ރައިސުލްޖުމްހޫރިއްޔާކަން ކުރައްވައި އަދިވެސް އެ މަގާމު ބޭނުންފުޅުވާ ބޭފުޅެއް. އެކަމަކު އަޅުގަނޑަކީ އެއްވެސް އިރެއްގައި ރާއްޖޭގެ ވެރިކަމަށް ޝައުގުވެރިކަމެއް ހުރި މީހެއް ނޫން އަދި އިރާދަކުރެވިއްުޔާ އެ ޝައުގުވެރިކަމެއް ނުވެސް އުފެދޭނެ. އެހެންވެ އަޅުގަނޑެއް ގަބޫލެއް ނުކުރަން އަޅުގަނޑާއި ރައީސްއާ ދެމެދު އެކަހަލަ މައްސަލައެއް ދިމާވާނެ ކަމަކަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ އޭނާގެ އަމާޒަކަށް ވާނީ ރައީސްގެ ވައުދުތައް ފުރިހަމަކަމާ އެކު ފުއްދަން ރައްޔިތުންގެ މަޖިލީހުން ދޭން ޖެހޭ އެއްބާރުލުން ދޭން ކަމަށާއި އެކަން ރައީސް ހިތްޕުޅާ މިންވަރަށް ކޮށްދޭނެ ކަމަށެވެ. ރައީސް ބޭނުންފުޅުވާ ސްޕީޑްގައި ރާއްޖޭގެ ކަންކަން ކުރިއަށް ގެންދަން މަޖިލީހުގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށާއި އެއީ ސަރުކާރުން ބުނާހާ ގޮތަކަށް "ރަބާ ސްޓޭމްޕް" ޖެހުން ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަސްލަހަތަށް ވުރެ، ސަރުކާރަށް ފައިދާވާ ކަންކަން ކޮށްދިނުމުގައި މަޖިލީހުން ގިނަ ވަގުތު ހޭދަކުރާތީ އެކަމާ މެދު އޮތް ރައްޔިތުންގެ ނުތަނަވަސްކަން ވެސް 20 ވަނަ މަޖިލީހުން ނުފެންނާނެ ކަމަށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަޖިލީހަށް ގެންނާނީ މުޅިން ވެސް ރައްޔިތުންގެ ފައިދާއާ ގުޅޭ ކަންކަމާ މެދު އެއްވެސް ޝައްކެއް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް ފޮނުވާނީ ގައުމާއި ރައްޔިތުނަށް ފައިދާވާ ކަންކަން ކުރަން. އެއީ އަޅުގަނޑުމެންނަށް އޮތް ޔަގީން ކަމަކީ، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ވައުދުތައް ރަނުން ރަނަށް ފުއްދަން. އަބަދުވެސް އިސްކުރައްވަނީ ރައްޔިތުން. އެހެންވެ އަޅުގަނޑަށް ޔަގީން ވަނީ އެހެން މަޖިލިސްތަކަށް ވީގޮތް މި މަޖިލީހަށް ނުވާނެ ކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް އަބްދުﷲ މިއަދު "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ވިހި ވަނަ ރައްޔިތުންގެ މަޖިލިސް ފެނިގެންދާނީ ތަފާތުކޮށް ކަމަށާއި ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން މަޖިލީހަށް ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެތަނުގެ ތެރޭގައި ބޭނުންހާ ގޮތަކަށް ބޭނުންހާ ކަމެއްކޮށް އެ ފުރުސަތެއް ނުދޭނަން. ރައްޔިތުން ގަބޫލުކުރާ، ބަލައިގަންނަ ގަދަރުކުރާ ތަނަކަށް 20 ވަނަ ރައްޔިތުންގެ މަޖިލިސް ހަދާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މަޖިލިސް އިސްލާހު ކުރުމަކީ ރައްޔިތުން އެހާ ބޮޑަށް އެދެމުންދާ ކަމަކަށްވާއިރު 20 ވަނަ މަޖިލީހުން އެކަމަށް މަސައްކަތްތައް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަޖިލިސް މަސައްކަތް ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި އިސްކަން ދޭނީ ރައްޔިތުން ބޭނުންވާ ކަންކަމަށެވެ.
"ރައްޔިތުންގެ ލަބާ އާއި މަންފާއަށްޓަކައި 24 ގަޑިއިރު މަސައްކަތް ކުރަން ޖެހުނަސް އެކަން ކުރާ ގޮތަށް އަޅުގަނޑުމެން މި ތިބީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީއަށް ހުޅުވާލައިފި
އިންތިގާލީ އަރައިރުން ހުއްޓުވޭނެ ގޮތެއް ނެތް؟!
ރިޔާސީ ބަޔާނަށް އިދިކޮޅުގެ ޖަވާބެއް ނެތް!
މަޖިލީހުގެ ތެރޭގައި އަދުރޭ އާއި ރިޔާޒުގެ ޒުވާބެއް
މަޖިލީހުގެ ރައީސް ކަމަށް އަދުރޭ ވާދަކުރައްވަނީ
"އިގްތިސާދު އަނދަވަޅަކަށް ވައްޓާލަން ބޭނުމެއް ނޫން"
ވޭޕް މަނާކުރުމާ ހަމައަށް ޑިއުޓީ ބޮޑުކުރަން ފާސްކޮށްފި
ޓީޖީއެސްޓީ އާއި އޭޑީސީ ޓެކްސް ބޮޑުކުރަން ފާސްކޮށްފި
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ
ސަރުކާރުން ޓެކްސީގެ ހިދުމަތް ހުއްޓުވައިދޭން އެދިއްޖެ