Roadha Mihaaru
7ގައުމަކުން ފަލަސްތީނު ބަލައިގަތުމުން ރާއްޖޭގެ މަރުހަބާ

އިތުރު ހަތް ގައުމަކުން ފަލަސްތީނު ބަލައިގަތުމުން މަރުހަބާ ކިޔައި، ބާކީ ތިބި ގައުމުތަކުން ވެސް ބައިވެރިވާން ރާއްޖޭން ގޮވާލައިފި

24 މެއި 2024

ޔޫރަޕާއި ކެރީބިއަން ހިމެނޭ ގޮތަށް އިތުރު ހަތް ގައުމަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމި ނިންމުމަށް ރާއްޖޭން މަރުހަބާ ކިޔައިފި އެވެ.

ޔޫރަޕާއި ކެރީބިއަން ހިމެނޭ ގޮތަށް އިތުރު ހަތް ގައުމަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމި ނިންމުމަށް ރާއްޖޭން މަރުހަބާ ކިޔައިފި އެވެ.

ނޯވޭ، ސްޕެއިން އަދި އަޔަލަންޑުން މި މަހުގެ 28 ގައި ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.

ޔޫރަޕްގެ އެ ތިން ގައުމުގެ އިތުރުން، ބަހާމާސް، ޓްރިނިޑޭޑް އެންޑް ޓޮބޭގޯ، ޖަމޭއިކާ އަދި ބާބޭޑޯސް ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމައިފަ އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން އެކްސްގައި ވަނީ އެ ގައުމުތަކުގެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.

އަދި ފަލަސްތީނަށް ލިބިގެންވާ ހައްގުތަކާ އެއްގޮތަށް މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މަސައްކަތަށް ތާއީދުކޮށް، ބާކީ ތިބި ގައުމުތަކުން ވެސް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ފޮރިން މިނިސްޓްރީން ވަނީ ގޮވާލައިފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ޝަހީދުކޮށްލާފައިވާ އިރު، ފަލަސްތީނަށް ވަކި ދައުލަތެއް ދިނުމަށް ޔޫރަޕްގެ ގިނަ ގައުމުތަކުގެ ވިސްނުން ވަނީ ބަދަލުވާން ފަށައިފަ އެވެ.

މި ފަހުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމި ޔޫރަޕުގެ ގައުމުތަކުގެ ތެރޭގައި ސްލޮވީނިއާ ވެސް ހިމެނެ އެވެ.

އެކަމަކު ޔޫރަޕުގެ އެންމެ ބާރުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖަރުމަނާއި ފްރާންސް ދަނީ ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ދެކޮޅު ހަދަމުންނެވެ. އެ ދެ ގައުމުން ގަބޫލުކުރާ ގޮތުގައި، ފަލަސްތީނަށް ވަކި ދައުލަތެއްގެ ދަރަޖަ ދެވޭނީ، އިޒްރޭލާ އެކު ގާއިމުކުރެވޭ ދާއިމީ ސުލްހައިގެ އެއްބަސްވުމެއްގެ ބައެއްގެ ގޮތުގަ އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރާ ގޮތަށް އެ އިއްތިހާދުގެ ހިމެނޭ 27 ގައުމު އެއްބަސްވެވޭ ހައްލަކަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އދ. ގައި ހިމެނޭ 193 ގައުމުތަކުގެ ތެރެއިން މިހާތަނަށް 137 ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ކަމަށް ޕަލަސްތީނިއަން އޮތޯރިޓީން ވަނީ ބުނެފަ އެވެ.