Roadha Mihaaru
ފުލުހުން ހޯދި ފޯނެއްގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ

ހައްޔަރުކުރި ބައެއްގެ އަތުން ފެނުނު ފޯނެއްގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ

24 މެއި 2024

ބިރު ދައްކައި ބްލެކްމެއިލްކޮށް ފޭރުނު މައްސަލައެއްގައި ހައްޔަރުކުރި ދެ މީހެއްގެ އަތުން ފެނުނު ފޯނަކުން ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ ކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ބިރު ދައްކައި ބްލެކްމެއިލްކޮށް ފޭރުނު މައްސަލައެއްގައި ހައްޔަރުކުރި ދެ މީހެއްގެ އަތުން ފެނުނު ފޯނަކުން ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ ކަމަށް ފުލުހުން ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

ބްލެކްމެއިލްކުރުމާއި ބިރު ދައްކައި ފޭރުނު ކަމުގެ ތުހުމަތުގައި އިއްޔެ ފުލުހުން މާލެ އިން ހައްޔަރުކޮށްފައިވަނީ ގ. ބެރުގެ އަލީ އިރުޝާދު އަދި ގ. ޝާރާޒް، އަހުމަދު އަރީބެވެ.

އެމީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ކަނޑައަޅަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ ރިމާންޑް ޖަލެއްގައި ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.

އެ ކޯޓުގެ އަމުރުގައިވާ ގޮތުން ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ ހާދިސާ ހިނގި ތަނުން އެކަން ހިނގިތާ މާގިނައިރުތަކެއް ނުވަނީހެވެ. އެމީހުންގެ އަތުން އަނިޔާ ލިބުނު މީހާގެ ފޯނު ފެނިފައިވެ އެވެ. އެ ފޯނުން ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ. އަދި އަނިޔާ ލިބުނު މީހާގެ ފޯނުން ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ފެނުނު ސަބަބެއް ވެސް ސާފެއް ނޫނެވެ.

ކޯޓު އަމުރުގައިވާ ގޮތުން މައްސަލަ ހުށަހެޅި ފަރާތުން ތަހުގީގަށް ދިން ބަޔާނާއި ސީންއަށް އެޓެންޑްވި ފުލުހުން ކޯޓުގައި ދެއްކި ވާހަކަ ދިމާވެ އެވެ. ތުހުމަތު ކުރެވޭ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ބައެކެވެ.

އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމީ، ކޯޓު އަމުރުގައިވާ ގޮތުން ކުށަކީ ރާވައި އިންތިޒާމްކޮށްގެން ހިންގާފައިވާ ކަމެއް ކަމަށްވުމާއި އެ ދެ މީހުންގެ ފަރާތުން މުޖުތަމައުއަށް ނުރައްކާ އޮތުމުންނެވެ.