Roadha Mihaaru
އެންމެ ޒިންމާދާރު މަޖިލީހަށް ހައްދަވައިދެެއްވާ: ރައީސް

މިއީ އެންމެ ޒިންމާދާރު، ރައްޔިތުންނަށް ފައިދާކުރާނެ މަޖިލީހަކަށް ހައްދަވައިދެއްވާ: ރައީސް

28 މެއި 2024

މިއަދު ހުވާކުރި 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ބަރުލަމާނު ހަޔާތުގައި މިހާތަނަށް ތަމްސީލް ކުރައްވާ އެންމެ ޒިންމާދާރު މަޖިލީހަށް ހަދައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މިއަދު ހުވާކުރި 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ބަރުލަމާނު ހަޔާތުގައި މިހާތަނަށް ތަމްސީލް ކުރައްވާ އެންމެ ޒިންމާދާރު މަޖިލީހަށް ހަދައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

ރައީސް މިގޮތަށް އެދިވަޑައިގަތީ، މި ދައުރުގެ 93 މެންބަރުން ހުވާ ކުރެއްވުމާ ގުޅިގެން، ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ކޮންފަރެންސަށް އެންޓީގާގައި ހުންނަވައި "އެކްސް"ގައި ކުރެއްވި ޕޯސްޓުގަ އެވެ.

އަލަށް ހުވާ ކުރެއްވި މެންބަރުންނަށް މަރުހަބާ ދަންނަވައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އުންމީދަކީ މި މަޖިލީހަކީ މިހާތަނަށް ފެންނަ އެންމެ ޒިންމާދާރު އަދި އިތުބާރު ހިފޭ މަޖިލީހަށް ވެގެން ދިއުން ކަމަށެވެ.

އަދި، ރައްޔިތުންނަށް މަންފާ ހުރި ގިނަ ކަންތައްތަކެއް ނިންމާނޭ މަޖިލީހަކަށް ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މަޖިލީހުގެ އާ ދައުރުގެ މެންބަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިއަދު ހެނދުނު 9:00ގަ އެވެ. އެ ބޭފުޅުންނަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

މަޖިލީހުން ވަނީ މި ދައުރުގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިހާބުކޮށްފަ އެވެ.

މިދިޔަ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އޭގެ ފަހުން އަމިއްލަ ގޮތުން އިންތިހާބުވި 10 މެންބަރަކު އެ ޕާޓީ އާ ގުޅިވަޑައިގަތުމުން ޕީއެންސީގައި މިހާރު ތިއްބެވީ ޖުމްލަ 76 މެންބަރުންނެވެ.

މަޖިލީހުގައި ދެން ތިއްބަވާނީ އެމްޑީޕީގެ 12 މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްއެންޕީގެ މެންބަރަކާއި އަމިއްލަ ގޮތުން އިންތިހާބުވި މެންބަރެކެވެ.