30 މެއި 2024
ރަށުތެރެއިން ކަމެއް ހިނގި ކަމުގެ ރިޕޯޓެއް ނެތް ނަމަ ފުލުހުން ގިނަ ފަހަރު ޑިއުޓީ ނިންމާލަނީ ރައްޔިތުންގެ ތެރެއަށް ނުނިކުމެ، ހަމައެކަނި ސްޓޭޝަނުގައި ތިބެގެން ކަމަށް ވިދާޅުވެ، އެކަމާ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރަށުތެރެއިން ކަމެއް ހިނގި ކަމުގެ ރިޕޯޓެއް ނެތް ނަމަ ފުލުހުން ގިނަ ފަހަރު ޑިއުޓީ ނިންމާލަނީ ރައްޔިތުންގެ ތެރެއަށް ނުނިކުމެ، ހަމައެކަނި ސްޓޭޝަނުގައި ތިބެގެން ކަމަށް ވިދާޅުވެ، އެކަމާ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ފުލުހުންގެ ހިދުމަތާ ގުޅުނު ފުލުހުންނަށް އައްޑޫގައި ބޭއްވި ތަމްރީނުތައް ނިންމަން ފޭދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، ހަމައެކަނި ސްޓޭޝަނުގައި ތިބެފައި ޑިއުޓީ ނިންމާލުމަކީ ހިތާމަ ހުރި ކަމެއް ކަމަށެވެ.
"... މިކަން ބަދަލުވާން އެބަޖެހޭ. އަށް ގަޑިއިރުގެ ޑިއުޓީގެ ބޮޑުބައި ރައްޔިތުންނާ އެކު ހޭދަކުރަން އެބަޖެހޭ،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަގުތަކުގައި އަމާންކަން ގާއިމް ކުރެވެން ވެސް އޮތީ އެ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވެގެންނެވެ. މަގުތައް ބިޒީވާ ގަޑީގައި ވެސް އަމިއްލަ އަށް އިސްނަގައިގެން ފުލުހުން މަގުތަކަށް ނުކުންނަން ޖެހޭ ކަމަށް ސީޕީ ވިދާޅުވި އެވެ.
"ރައްޔިތުންނާ ރީތި ބަހުން ވާހަކަ ދައްކަން ޖެހޭ. ހަމަހަމަކަމާ އެކު ގާނޫނުތައް ތަންފީޒު ކުރާ ތަން ފެންނަން އެބަޖެހޭ. އަބަދުވެސް ކަންކަން ހައްލު ކުރުމުގައި ފުލުހުންނަށް ލިބިފައިވާ ބާރުގެ ބޭނުން ކުރުމަކީ އެންމެ ފަހުން ކުރާ ކަމެއްގެ ގޮތުގައި އެބަޖެހޭ،" ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
ޔުނިފޯމު އެޅި ދެ ފުލުހަކު މަގުމަތީގައި ހަރަކާތްތެރިވަނީ: ސީޕީ ޝުޖާއު ވިދާޅުވީ، މަގުތަކުގައި އަމާންކަން ގާއިމް ކުރެވެން ވެސް އޮތީ އެ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވެގެން ކަމަށް.
މަގުތަކުން ވީހާ ވެސް ގިނައިން ފުލުހުން ފެނުމަށް ފެށުނީއްސުރެ ބާރު އަޅުއްވާ ޝުޖާއު ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމަށް ފުލުހުން އަމިއްލަ އަށް އިސްނަގައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އޭގެ އެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުމެވެ.
ސީޕީ ވިދާޅުވީ، ރަށްރަށަށް އެތެރެކުރާ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރަށުގެ ބަނދަރުމަތީގައި ފުލުހަކު ހުރުމަށް އަބަދުވެސް ރައްޔިތުން އެދޭ ކަމަށެވެ.
ހިތާމައަކީ މިއަދު އަޅުގަނޑުމެން ޑިއުޓީގައި ރަށުތެރެއިން ކަމެއް ހިނގައިގެން ރިޕޯޓު ނުކޮށްފި ނަމަ ގިނަ ފަހަރު ޑިއުޓީ ނިންމާލެވެނީ ސްޓޭޝަނުގެ ތެރޭގައި ތިބެގެން،"--- ސީޕީ ޝުޖާއު
"ސަބަބަކީ ޔުނިފޯމު އެޅި ފުލުހަކު ފެންނަން ހުރުމަކީ އޭގެ ޒާތުގައި ވަރަށް ގިނަ ކަންކަން ހައްލުވާ ކަމެއް. ނަތީޖާއަކަށް ވާނީ މަސްތުވާތަކެތި ފާޅުގައި އެތެރެ ކުރުމަށް މީހުން ޖެހިލުންވުން. ޝައްކު ކުރެވޭ މީހުން، އެ އޮންނަ އުސޫލުގެ ތެރެއިން ބަލައި ފާސްކުރާ ހިސާބުން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރުން ވަރަށް ބޮޑަށް ހުއްޓިގެން ދާނެ،" ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
އައްޑޫގައި ބޭއްވި ފުލުހުންގެ ތަމްރީނުތައް ފުރިހަމަކުރި ދަރިވަރަކާ އެކު ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު
އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ހުއްޓުވުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަންޖެހޭ ހިސާބަށް އެ ތަކެތީގެ ވަބާ ރާއްޖެ އަށް ވަނީ ފެތުރިފަ އެވެ.
"މި މަސައްކަތް މި ދެންނެވި ބީދައިން ތިޔަ އޮފިސަރުން ކުރައްވާ ނަމަ މީގެ އަހަރުތަކެއް ފަހުން މިކަމުގެ ހެޔޮ ބަދަލު މި ގައުމުން ފެނިގެންދާނެ. ހިތާމައަކީ މިއަދު އަޅުގަނޑުމެން ޑިއުޓީގައި ރަށުތެރެއިން ކަމެއް ހިނގައިގެން ރިޕޯޓު ނުކޮށްފި ނަމަ ގިނަ ފަހަރު ޑިއުޓީ ނިންމާލެވެނީ ސްޓޭޝަނުގެ ތެރޭގައި ތިބެގެން،" ސީޕީ ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ފުލުހުންނަށް ނަސޭހަތްތެރިވަމުން ޝުޖާއު ވިދާޅުވީ، ފުލުހުންގެ ހިތްތަކުގައި އިސްލާމީ ރިވެތި ސިފަތައް ހަރުލައްވަން ޖެހޭ ކަމަށެވެ. ޖަމާއަތުގައި ނަމާދުކުރަން މިސްކިތަށް ދިއުމާއި މުޖުތަމައުގައި ހިންގާ ނޭދެވޭ ކަންކަމުން ފުލުހުން އެއްކިބާ ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭގެ މިސާލަކަށް ސީޕީ ދެއްކެވީ މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދަމުން ދިޔަ މީހެއްގެ ވާހަކަ ސޯޝަލް މީޑިއާގައި ދާދި ފަހުން ފެންމަތިވެ، ފަހުން އެއީ ފުލުހެއްކަން އެނގުނު ހިސާބުން ކުރިމަތިވި މައްސަލަތެކެވެ. އޭނާ ވިދާޅުވީ، އެ ޖަރީމާ ހިންގަމުން ދިޔައީ ފުލުހެއްކަން އާންމުންނަށް އެނގުމާ އެކު، ކުރި ކޮމެންޓުތަކުން ދޭހަވީ ފުލުހުންނަށް ކުރާ އިތުބާރު ކުޑަވެފައިވާ ވަރެވެ.
އައްޑޫގައި ބޭއްވި ފުލުހުންގެ ތަމްރީނުތަކެއް ނިންމަން ރޭ ފޭދޫގައި ބޭއްވި ރަސްމިއްޔާތަކަށް ސީޕީ ޝުޖާއު ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.
އެހެންވެ، ސީޕީ ވިދާޅުވީ އެފަދަ ކަންކަމުން ފުލުހުން ދުރުވެގެން ނޫނީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ނުހޯދޭނެ ކަަމަށެވެ.
"މަސައްކަތުގެ މާހައުލުގައި ވެސް އަދި އަމިއްލަ ދިރިއުޅުމުގައި ވެސް ތިއިން ކޮންމެ އޮފިސަރެއްގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތުގައި ދިވެހި ގައުމަށް ދެރަވާނެ އެއްވެސް ކަމެއް ނުކުރުމަށް އަޒުމް ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެއް. ކޮންމެ ފަރުދަކާ މެދު ވެސް ހަމަހަމަކަމާ އެކު ހިދުމަތް ފޯރުކޮށްދިނުމަކީ އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވީ، ފުލުހުންގެ މުއައްސަސާ ސިޔާސީ ނުފޫޒުން ދުރުކުރެވޭނީ ވެސް އެ އިދާރާގެ ތެރޭގައި ހަދާފައިވާ އުސޫލުތަކުގެ ތެރެއިން ފުލުހުން ކަންކަން ކޮށްގެން ކަމަށެވެ.
"އެއްގޮތަކަށް ވެސް ސިޔާސީ ފަރާތެއްގެ އެހީތެރިކަން ހޯދައިގެން އެފަދަ ކަންކަން ކުރުމުގެ ވިސްނުން ނުގެންގުޅޭތި. ފުލުހުންގެ ހިދުމަތަކީ ވަރަށް ބޮޑަށް ކިޔެވުމާއި އުނގެނުމަށް ބާރުއަޅާ އޮފިސަރުންނަށް ފަހި ފުރުސަތު އޮތް ހިދުމަތެއް،" ސީޕީ ވިދާޅުވި އެވެ.
އޮޕަރޭޝަންތަކާ އެކު އެކްސިޑެންޓުތައް މަދުވެއްޖެ: ސީޕީ
ރައްޔިތަކު އަތުވެއްޖެ ނަމަ މާޔޫސްކޮށް ނުލާތި: ސީޕީ
ކޮންމެ ފަސް މިނިޓަކުން ފުލުހަކާ ދިމާވާނެ ގޮތް ހަދަނީ
ޖިނާއީ އަދުލުގެ ނިޒާމަށް އިތުބާރު ހޯދޭނެ: ޕީޖީ
ކުޑަކުދިން ވެސް ދޫނުކުރި، ފިތްކަނޑައިގެންދާ ވަރުވޭ!
އަންހެންމީހާ ސަލާމަތްކުރުމުގައި ފުލުސްމީހާއަށް އަނިޔާވި!
ފުލުހުން އަމަލުކުރި ގޮތާމެދު ފަހުރުވެރިވަން: ސީޕީ
މަގުތައް ތަރައްގީކުރަނީ ރޭސްޖަހާކަށް ނޫން: ޝުޖާއު
ކާނާ ވިހަވެގެން ހާލު ސީރިއަސްވި މީހާ ދޫކޮށްލައިފި
އައިސީޔޫގައި މިހާރު ފަރުވާދެނީ ދެ ފުލުހަކަށް