Roadha Mihaaru
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތަށް ނާޒިމަށް އެވޯޑެއް

ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތަށް މިނިސްޓަރު ނާޒިމަށް އެވޯޑެއް ދޭން ޑަބްލިއުއެޗްއޯ އިން ނިންމައިފި

01 ޖޫން 2017

ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ހާއްސަ އެވޯޑެއް ދޭން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ހާއްސަ އެވޯޑެއް ދޭން ނިންމައިފި އެވެ.

މިނިސްޓަރު ނާޒިމަށް ޑަބްލިއެއެޗްއޯ އިން މި އެވޯޑު ދޭން ނިންމީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް އިސް ނަންގަވައި އޭނާ ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރުމަށެވެ. ސަރުކާރުގެ އެކި މުއައްސަސާތަކާ ގުޅިގެން، ދުންފަތާ ދެކޮޅަށް، ފައިދާކުރާނެ ކަންކަން ރާއްވަވައި ހިންގަވަމުންދާ ކަން އެ ޖަމއާތުން ފާހަގަކުރެ އެވެ.

އޭގެ ތެރޭގައި، ދުންފަތް ހުންނަ އުފެއްދުންތަކުން 60 ޕަސެންޓް ޓެކްސް ނެގުމާއި ދުންފަތުގެ ބާވަތްތައް ރާއްޖެ އަށް އެތެރެކުރުން މަދުކުރަން ނާޒިމް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

މީގެ އިތުރުން ދުންފަތާ އާއްމުން ދުރުކުރުމަށް މުޖުތަމައުގެ އެކި ގިންތިތައް ބައިވެރިކޮށްގެން ހޭލުންތެރިކަން އިތުރުކުރަން އޭނާ ކުރައްވާ މަސައްކަތް ވެސް ޑަބްލިއުއެޗްއޯ އިން ފާހަގަކުރެ އެވެ.

ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތަށް ދޭ އެވޯޑު މިދިޔަ އަހަރު ރާއްޖެ އިން ލިބުނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅުވައިގެން މިނިސްޓަރު ނާޒިމް އިއްޔެ ނެރުއްވި ހިތޯބުގައި ވިދާޅުވީ ރާއްޖޭގައި މަރުވާ މީހުންގެ 81 ޕަސެންޓް މީހުންނަކީ ދުންފަތުގެ ސަބަބުންގެ ޖެހޭ އެކި ބަލިތަކުގައި މަރުވާ މީހުން ކަމަށެވެ. އަދި ރާއްޖެ އަށް ކޮންމެ އަހަރަކު 462 މިލިއަން ސިނގިރޭޓް އެތެރެކުރާ އިރު އެކަމަށް 1.1 ބިލިއަން ރުފިޔާ އިސްރާފު ކުރާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ނާޒިމް ވިދާޅުވީ ދުންފަތުގެ އުފެއްދުންތައް ބަންދު ކޮށްފައި ހުންނަ ފޮށީގެ ބޭރުގައި ގްރެފިކް ހެލްތް ވޯނިން މެސެޖުތައް ވަރަށް އަަވަހަށް ތައާރަފްކުރާނެ ކަމަށެވެ. މީގެ އިތުރުން އީ ސިނގިރޭޓާއި ޝީޝާ އަދި ވޭޕިން ފަދަ ތަކެތި ކޮންޓްރޯލް ކުރަން ހާއްސަ މަސައްކަތްތަކެއް ކުރަން ހަމަޖައްސާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.