Roadha Mihaaru
ގަސް އިންދުމުގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވައިފި

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ރައީސް ފައްޓަވައިދެއްވައިފި

05 ޖޫން 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމަށް ޕްރޮގްރާމް އެމަނިކުފާނު ފައްޓަވައިދެއްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމަށް ޕްރޮގްރާމް އެމަނިކުފާނު ފައްޓަވައިދެއްވައިފި އެވެ.

ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ފަސް އަހަރުގެ ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.

އެކަން ރައީސް އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ބައްދަލުވުން "ކޮޕް28"ގައި މިދިޔަ އަހަރު އެވެ.

ރައީސް، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވަނީ.-- ފޮޓޯ: އެންވާރްމެންޓް މިނިސްޓްރީ

ރައީސް، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވަނީ.-- ފޮޓޯ: އެންވާރްމެންޓް މިނިސްޓްރީ

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މިއަދު ފެށީ ލޮނުޒިޔާރަތް ޕާކުގަ އެވެ. އެ ތަނުގައި މިއަދު އިންދާފައި ވަނީ ރާއްޖޭގެ މާހައުލުން ފެންނަ، މިހާރު ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާގެއްސެވެ. އޭގެ ތެރޭގައި މޭވާ އަޅާ ގަހާއި ހިޔާ ލިބޭ ގަހާއި ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ އެކި ބާވަތުގެ ގަހުގެ އިތުރުން މާގަސް ހިމެނޭހެން 22 ބާވަތުގެ ގަސް އިންދާފައިވެ އެވެ.

އެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ ދެކަނބަލުންނާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އަދި ކެބިނެޓްގެ މިނިސްޓަރުންނާއި އެންބެސެޑަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފެއްޓުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގަސް އިންދަވަނީ.-- ފޮޓޯ: އެންވާރްމެންޓް މިނިސްޓްރީ

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފެއްޓުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގަސް އިންދަވަނީ.-- ފޮޓޯ: އެންވާރްމެންޓް މިނިސްޓްރީ

މިއަދު ފެށި ގަސް އިންދުމުގެ ޕްރޮގްރާމް މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކުގައި ވެސް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވައިފަ އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ ސަރުކާރުން ފަސް އަހަރު ދުވަހުގެ ތެރޭގައި 90 އަށް ވުރެ ގިނަ ވައްތަރުގެ ގަސް މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުގައި އިންދާނެ ކަމަށެވެ. އަދި އިންދާ ގަސްތައް މޮނިޓާކޮށް، އޭގެ ސިއްހަތު ބަލައި ކާބަން ނަގާ މިންވަރު ވަޒަންކުރާނެ ކަމަށް ވެސް ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިންދާފައިވާ ބައެއް ގަސްތަކަކީ، ކާބޮލި އަރޮޅި، ޗަމްޕާ ޕޫލު ގަސް، މެހެލި ގަސް، ތަނޑިރަތްމާ ގަސް، ކަހަރުވައް ގަސް، ކިޔަވާފިލާ ގަސް، މަރުގަސް، ޖަވާހިރުމާ ގަސް، ކާމިނީ ޕޫލު ގަސް، ދޮންބެއްޔާ ގަސް، ސަބުދެލި ގަސް، އަނޯނާ ގަސް، ހިތި ގަސް، މަދޮށި ގަސް، ސައްކެޔޮ ގަސް، އަނބުޅަ ގަސް، ކީރަންމާ ގަސް، ހަޒާރުމާ ގަސް، ބުރަފަތިމާ ގަސް އަދި ތިން ވައްތަރެއްގެ ޗާންދަނީމާ ގަހެވެ.