Roadha Mihaaru
އާޓިސްޓުންގެ މަސައްކަތަށް އަގު ލިބޭނެ؟

އާޓިސްޓުންގެ މަސައްކަތްތައް ހިލޭ ސާބަހަށް؛ މިކަމަށް ނިމުމެއް އަންނާނެ؟

11 ޖޫން 2024

ދިވެހި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް (ޝަލަބީ) ބަންޑުންކޮށްލީ އޭނާގެ ހުރި ކަންބޮޑުވުންތަކެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ދިވެހި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް (ޝަލަބީ) ބަންޑުންކޮށްލީ އޭނާގެ ހުރި ކަންބޮޑުވުންތަކެވެ.

މޯލްޑިވިއަން އައިޑަލް އިން ވިދާލި ޝަލަބީ "މިހާރު" އަށް އިންޓަވިއުއެއްގައި ބުނީ ރާއްޖޭގައި ފަންނުވެރިންނަށް މާ ބޮޑު ފައިދާއެއް ނުވަތަ އާމްދަނީއެއް ނުލިބެނީ، ފައިދާވާ ގޮތަށް ކަަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އަދި ފަންނާނުންނަށް ލިބެން ޖެހޭ "ރޯޔަލްޓީ" ދިނުމަށް އެއްވެސް ބަޔަކު މަސައްކަތް ނުކުރާތީ ކަމަށް އޭނާ ބުންޏެވެ.

ޝަލަބީ ބުނި ގޮތުގައި، ރޯޔަލްޓީ އަކީ ކޮބައިކަން ވެސް ބައެއް މީހުންނަށް ނޭނގެ އެވެ.

މި ކަންބޮޑުވުންތައް ޝަލަބީ އެންމެ ފުރަތަމަ ހިއްސާކުރީ މިފަހުން ފޭސްބުކްގައި އޭނާ ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ވެސް އޭނާ ދެއްކީ ފަންނާނުންނަށް ލިބެން ޖެހޭ ރޯޔަލްޓީ ނުލިބޭތީ ހުރި ކަންބޮޑުވުންތަކުގެ ވާހަކަ އެވެ. އަދި ވަރަށް ގިނަ ދިވެހި އާޓިސްޓުން އެކަމާ އެއްބަސްވެ، އެ ޕޯސްޓު ޝެއާކޮށްފައިވެ އެވެ.

ހުރިހާ ޕްލެޓްފޯމެއްގައި ވެސް ދިވެހި އާޓިސްޓުންނަށް އޭގެން މަންފާއެއް ކުރާނެ ގޮތްތަކެއް ހަމަޖެހިފައި އޮންނަން ޖެހޭނެ ކަމަށް ޝަލަބީ ބުންޏެވެ.

ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް.-- ފޮޓޯ: އަދޫ

ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް.-- ފޮޓޯ: އަދޫ

ރާއްޖޭގެ އެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ހުރި ދިވެހި އާޓިސްޓުންގެ މަސައްކަތްތައް އަޑުއަހައި ބެލެނީ މަހުންމަހަށް ސަބްސްކްރިބްޝަން ފީ ދައްކައިގެން ކަމަށް ވާއިރު، އެ ޕްލެޓްފޯމަކުން ފަންނާނުންނަށް މާ ބޮޑު މަންފާއެއް ނުކުރާ ކަމަށް އޭނާ ބުންޏެވެ.

އެންމެ ކުޑަމިނުން، އެންމެ ގިނަ ލަވަ ޕްލޭކޮށްފައި ހުންނަ އާޓިސްޓަކަށް އެއްޗެއް ލިބޭނެ ގޮތަކަށް އިންތިޒާމުވެފައި އޮންނަ ނަމަ އާޓިސްޓުންނަށް އޭގެން ފައިދާކުރާނެ ކަމަށް އޭނާ ބުންޏެވެ.

"ބާޒާރުމަތިން ވެސް މަސްކިރާ އިރަކު މަހަށް ނުލިބޭ އަގަކަށް މަހެއް ނުކިރާނެދޯ. ކަރާ މާރުކޭޓަކަށް ވެސް ކަރާއެއް ނުގެންނާނެދޯ އޭގެ އަގެއް ނެތިއްޔާ. އަދި ކިތައްމެ މީރު އެއްޗަކަށް ވިޔަސް. ކިތައްމެ ޑިމާންޑެއް އޮތަސް ވެސް،" ޝަލަބީ ބުންޏެވެ.

އެންމެ ގިނަ ލަވަ ޕްލޭކޮށްފައި ހުންނަ އާޓިސްޓަކަށް އެ ޕްލެޓްފޯމަކުން ކޮންމެ ޕްލޭއަކަށް 5ރ. ގެ ރޭޓުން ވިޔަސް އެއްޗެއް ހައްގުވާން ޖެހޭނެ ކަމަށް ޝަލަބީ ބުންޏެވެ.

ޓީވީ އާއި ރޭޑިއޯ އިން ޕްރޮގްރާމުތައް ހަދައި ސްޕޮންސަރުންނަށް ޕްރޮގްރާމްތައް ވިއްކައިގެން އޮންއެއާ ކުރާއިރު ވެސް، އާޓިސްޓުންނަށް އޭގެން އެއްވެސް ފައިދާއެއް ނުކުރާ ކަމަށް ޝަލަބީ ބުންޏެވެ. ނަމަވެސް އެ ޕްރޮގްރާމުތައް ފަޅުފިލުވައި ދެނީ ފަންނާނުންގެ ބުރަ މަސައްކަތްތަކުން ކަމަށް އޭނާ ބުންޏެވެ.

ޑިމާންޑް އޮތިއްޔާ ވެލިއު ދާން ޖެހޭނީ އަސްލު މައްޗަކަށް ނޫން. މިތަނުގައި ދަނީ ދަށަށް. މާރުކޭޓެއް ނެތީމަ މައްސަލަ އަކީ. އަހަރެމެން ޖެހޭނީ މާރުކޭޓެއް ހޯދަން އަހަރެމެންނަށް: ޝަލަބީ

"ޑިމާންޑް އޮތިއްޔާ ވެލިއު ދާން ޖެހޭނީ އަސްލު މައްޗަކަށް ނޫން. މިތަނުގައި ދަނީ ދަށަށް. މާރުކޭޓެއް ނެތީމަ މައްސަލަ އަކީ. އަހަރެމެން ޖެހޭނީ މާރުކޭޓެއް ހޯދަން އަހަރެމެންނަށް،" ޝަލަބީ ބުންޏެވެ.

ވޭތުވެދިޔަ ސަރުކާރުތަކުގައި ވެސް މިކަމަށް ހައްލެއް ހޯދައިދޭން އޭނާ މަސައްކަތްކުރި ނަމަވެސް، މިހާތަނަށް މިކަމަށް އެއްވެސް އަލިމަގެއް ފެނިފައިނުވާ ކަމަށް ޝަލަބީ ބުންޏެވެ.

ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް.-- ފޮޓޯ: އަދޫ

ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް.-- ފޮޓޯ: އަދޫ

ޝަލަބީ ބުނީ ދިވެހި އާޓިސްޓުންގެ ގިނަ މަސައްކަތްތައް މިހާރު ވެސް ޕަބްލިކަށް ދޫކޮށްލަނީ ހިލޭސާބަހަށް ކަމަށެވެ. ނަމަވެސް އޭގެން ފަންނާނުންނަށް ރިޓާންއެއް ނުވަތަ ފައިދާއެއް ލިބޭނެ ސިސްޓެމެޓިކް ގޮތެއް ރާއްޖޭގައި ނެތުމަކީ ވަރަށް ދެރަ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ޝަލަބީ ބުނި ގޮތުގައި، އެންމެ ކުރީގައި ދިވެހި ލަވަކިޔުންތެރިންނަށް ލިބުނު ފައިދާއެއް ވެސް ލިބިފައި ވަނީ ޓްރެކް ވިއްކައިގެންނެވެ. ނަމަވެސް ސޯޝަލް މީޑިއާ ތައާރަފުވެ، ހިލޭ ޓްރެކާއި އެއްޗެހި ލިބެން ފެށި ހިސާބުން އެކަމަށް ވެސް ނިމުމެއް އައީ އެވެ.

"މިހާރު އަހަރެމެންގެ ޕްލޭނެއް އެބައިން. ބަޔަކާ ގުޅިގެން އަަހަރެމެން އަމިއްލަ އެޕްލިކޭޝަނެއް ހަދައިގެން ކުރިއަށް ގެންދަން،" ޝަލަބީ ބުންޏެވެ.

ޝަލަބީ ބުނީ މިހާރު ހުރިހާ އާޓިސްޓުންވެގެން އަންނަނީ އާޓިސްޓުންގެ ކޮންޓްރޯލް އޮންނަ ޕްލެޓްފޯމެއް ހަދަން ތައްޔާރުވަމުންނެވެ. އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަގެންދެ އެވެ.