Roadha Mihaaru
އިސްކުރަންވީ ހިނިތުންވުމާއި އޯގާތެރިކަން: ނައިބު ރައީސް

ސިވިލް ސާވިސްގެ މުވައްޒަފުން އިސްކުރަންވީ ހިނިތުންވުމާއި އޯގާތެރިކަން: ނައިބު ރައީސް

09 ޖޫން 2024

ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެންމެ މުހިންމު ދެ ކަމަކީ، ހިނިތުންވުމާއި، އޯގާތެރިކަމާ އެކު ހިދުމަތް ދިނުން ކަމަށާއި ސިވިލް ސާވިސްގެ މުވައްޒަފުން ވެސް އިހްލާސްތެރިކަމާ އެކު ހިދުމަތުގައި ދެމިތިބެން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު އެދިވަޑައިގެންފި އެވެ.

ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެންމެ މުހިންމު ދެ ކަމަކީ، ހިނިތުންވުމާއި، އޯގާތެރިކަމާ އެކު ހިދުމަތް ދިނުން ކަމަށާއި ސިވިލް ސާވިސްގެ މުވައްޒަފުން ވެސް އިހްލާސްތެރިކަމާ އެކު ހިދުމަތުގައި ދެމިތިބެން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް މިއަދު އެދިވަޑައިގެންފި އެވެ.

ހަތަރުވަނަ ސިވިލް ސާވިސް ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ދިވެހި ސިވިލް ސާވިސްގެ ކޮންމެ މުވައްޒަފަކީ ވެސް ހިދުމަތް ހޯދަން އަންނަ ކޮންމެ ދިވެއްސަކާއި ބިދޭސީއަކާ ވެސް އޯގާތެރިކަމާ އެކު މުއާމަލާތް ކުރައްވާ ބޭފުޅަކަށްވުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި އެކި އިދާރާތަކުގައި 26،000 އަށް ވުރެ ގިނަ މީހުން ހިދުމަތް ދެ އެވެ.

ހިދުމަތަކަށް އެދި ސަރުކާރުގެ ގިނަ އިދާރާތަކަށް ދާ ރައްޔިތުން ކޮންމެ ދުވަހަކުވެސް އިސްތިގުބާލު ކުރަން ތިބޭނީ ސިވިލް ސާވިސް މުވައްޒަފުން. ރައްޔިތުންގެ އަޑުއަހަން، ސުވާލުތަކަށް ޖަވާބުދާރީވާން، ކަންކަން ފަހިކޮށްދޭން، ހަލުވިކޮށްދޭން، މަގު ދައްކަވަން ތިބޭނީވެސް، ހަމަ ސިވިލް ސާވިސް މުވައްޒަފުން. އެހެންކަމުން، ސަރުކާރެއް ހިންގުމަށް ސިވިލް ސާވިސް ވަރަށް މުހިންމު ދައުރެއް އެބަ އަދާކުރޭ. -- ނއިބު ރައީސް

ވަރަށް ހަލުވިކަމާ އެކު ކުރިއަރަމުންދާ ޓެކްނޯލޮޖީއާ އެކީގައި ބަދަލުވަމުންމިދާ ދުނިޔޭގައި، ޒަމާނާ ގުޅޭ ގޮތަށް ހިދުމަތް ދިނުމަކީ ވެސް މުހިންމު ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި ކިއޫގައި ޖެހިގެން ހިދުމަތް ހޯދަން އެތައްއިރަކު ތިބެން ޖެހުން ފަދަ ކަންކަމަކީ، ޒަމާނުގެ ޓެކްނޯލޮޖީއާއެކު ހައްލު ހޯދޭނެ ކަންކަން ކަމަށް ވެސް ވިދާޅުވި އެވެ.

"އޮފީސްދޮށަށް ނުގޮސް، ގޭގައި އިނދެގެންވެސް އޮންލައިންކޮށް ހިދުމަތް ލިބެންޖެހޭ. އެ ހިދުމަތް ފޯރުކޮށްދެވުމުން، އެ ހިދުމަތް ކޮންމެ ރައްޔިތަކު ވެސް ވަޒަން ކުރިގޮތް ނުވަތަ ރަނގަޅު ކުރަން ހުރި ކަންކަމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަކީ، މުހިންމު ކަމެއް ކަމުގައި ދެކެން،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމަކީ، ވަރަށް ކެތްތެރިކަމާއި ވަރަށް ހިކުމަތްތެރިކަމާއި، ވަރަށް ކަމޭހިތުމާ އެކު އަދާކުރަންޖެހޭ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި ސަރުކާރުގެ ކޮންމެ ވުޒާރާއަކާއި، ކޮންމެ އޮފީހަކުން ވެސް އެއްވެސް ދައްޗެއްނެތި ފަސޭހަކަމާ އެކު ހިދުމަތް ލިބެން ކޮންމެ ރައްޔިތަކު ވެސް ބޭނުންވާނެ ކަމަށެވެ.

"ހިދުމަތަކަށް އެދި ސަރުކާރުގެ ގިނަ އިދާރާތަކަށް ދާ ރައްޔިތުން ކޮންމެ ދުވަހަކުވެސް އިސްތިގުބާލު ކުރަން ތިބޭނީ ސިވިލް ސާވިސް މުވައްޒަފުން. ރައްޔިތުންގެ އަޑުއަހަން، ސުވާލުތަކަށް ޖަވާބުދާރީވާން، ކަންކަން ފަހިކޮށްދޭން، ހަލުވިކޮށްދޭން، މަގު ދައްކަވަން ތިބޭނީވެސް، ހަމަ ސިވިލް ސާވިސް މުވައްޒަފުން. އެހެންކަމުން، ސަރުކާރެއް ހިންގުމަށް ސިވިލް ސާވިސް ވަރަށް މުހިންމު ދައުރެއް އެބަ އަދާކުރޭ. ސިވިލް ސާވިސްގެ އެހީތެރިކަމާއި، އިހްލާސްތެރި އެއްބާރުލުން ދިވެހި ސަރުކާރަށް ބޭނުންވޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގައުމީ ހިދުމަތުގެ އެންމެ މުހިންމު މޮޓޯއަކީ، ރައްޔިތުންނަށް ދެއްވާ ހިދުމަތްތައް ހަލުވިކުރެއްވުން، ޒަމާނީ ކުރެއްވުން، ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންގޮސްދެއްވަން ހުއްޓުމެއްނެތި ރެއާއި ދުވާލު މަސައްކަތްޕުޅު ކުރެއްވުން. އަދި ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައި މިވާ ގައުމީ މަސައްކަތްޕުޅު ކާމިޔާބު ކުރުމުގައި، ދިވެހި ސިވިލް ސާވިސްއިން ފުރިހަމައަށް ވާގިވެރިވެދެއްވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން."

ނައިބު ރައީސް ވިދާޅުވީ ރައްޔިތުންގެ އަޑު އަބަދުމެ އަހައިގެން، ރައްޔިތުންނަށް ވީހާވެސް ސާފުކޮށް ކަންކަން އޮޅުންފިލުވައިދީގެން، ރައްޔިތުން އެދޭގޮތަށް ކުރިއަށް ދާން ސަރުކާރުން ފަށާފައިވާ ދަތުރުގައި، ދިވެހި ސިވިލް ސާވިސްގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

އަދި މި ދަތުރުގެ މުޅި ކާމިޔާބީގައި ސަރުކާރުގެ މުވައްޒަފުންގެ ހިއްސާ އެހާވެސް ބޮޑު ކަމަށާއި ދިވެހި ސިވިލް ސާވިސް ކޮމިޝަނުން އަދި ސިވިލް ސަރވިސްގެ މުވައްޒަފުން އެދޭ ކަންކަން ފަހިކޮށްދީ، ފަސޭހަކޮށްދިނުމަށް ސަރުކާރުން ރެޔާއިދުވާލު މަސައްކަތް ކުރާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.