Roadha Mihaaru
މިދިޔަ އަހަރަކީ ކުރިމަތިލުންތައް އެންމެ ގިނަވި އަހަރު

ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު އެންމެ ގިނަ ކުރިމަތިލުންތައް ހިނގީ މިދިޔަ އަހަރު

11 ޖޫން 2024

މިދިޔަ އަހަރަކީ ދެ ވަނަ ބޮޑު ހަނގުރާމަ ނިމުނު ފަހުން މުޅި ދުނިޔޭގައި ވެސް ހަތިޔާރާ އެކު ކުރިމަތިލުންތައް އެންމެ ގިނައިން ހިނގި އަހަރު ކަމަށް ނޯވޭގެ ދިރާސާއެއްގައި ބުނެފި އެވެ.

މިދިޔަ އަހަރަކީ ދެ ވަނަ ބޮޑު ހަނގުރާމަ ނިމުނު ފަހުން މުޅި ދުނިޔޭގައި ވެސް ހަތިޔާރާ އެކު ކުރިމަތިލުންތައް އެންމެ ގިނައިން ހިނގި އަހަރު ކަމަށް ނޯވޭގެ ދިރާސާއެއްގައި ބުނެފި އެވެ.

މިދިޔަ އަހަރު މުޅި ދުނިޔޭގައި މިފަދަ 59 ކުރިމަތިލުމެއް ނުވަތަ ހަނގުރާމައެއް ހިނގާފައި ވާއިރު އޭގެ ތެރެއިން 28 އަކީ އެފްރިކާ ބައްރުގައި ހިނގި ހަމަނުޖެހުންތައް ކަމަށް ޕީސް ރީސާޗް އިންސްޓިޓިއުޓް އޮފް އޮސްލޯ (ޕީއާރްއައިއޯ) ގެ ދިރާސާއިން އެނގުނެވެ.

އެކަމަކު މިފަދަ ހަމަނުޖެހުންތަކުގެ އަސަރުކުރި ގައުމުތަކުގެ އަދަދު 2022 ވަނަ އަހަރު 39 ގައި ހުރުމަށް ފަހު މިދިޔަ އަހަރު ވަނީ 34 އަށް ދަށްވެފަ އެވެ.

ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު ވެސް ކުރީ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ދެ ބައިކުޅަ އެއް ބައި މަދުވެ 122،000 އަށް ވަނީ ވެއްޓިފައި ކަމަށް ސްވިޑަންގެ އޫޕްސަލާ ޔުނިވަސީޓީން އެއްކޮށްފައިވާ މައުލޫމާތުން ދައްކަ އެވެ.

އެކަމަކު މި އަދަދަކީ 1989 ވަނަ އަހަރަށް ފަހު ތިން ވަނަ އަށް އެންމެ މަތީ އަދަދެވެ. އޭގެ ތެރޭގައި ޔުކްރެއިން ހަނގުރާމަ އާއި އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގައި މަރުވި އަދަދު ވެސް ހިމެނެ އެވެ.

"ފިނި ހަނގުރާމައަށް ފަހު ހަމަނުޖެހުންތައް އެންމެ ގިނައީ މި ދުވަސްވަރު،" ޕީއާރްއައިއޯގެ ރިސާޗަރެއް ކަމަށްވާ ސިރީ އާސް ރަސްޓަޑް ވިދާޅުވި އެވެ.

ޕީއާރްއައިއޯ އިން ބުނެފައިވާ ގޮތުގައި އައިއެސް އޭޝިއާ އާއި އެފްރިކާ އަދި މެދުއިރުމަތީގެ ގައުމުތަކަށް ފެތުރިގެން ދިއުމާއި އަލްގައިދާ ފަދަ ޖަމާއަތްތަކުގެ ތާއީދާ އެކު، ވަކި ގައުމަކަށް ނިސްބަތްނުވާ ގޮތަށް އުޅޭ ހަނގުރާމަވެރި ގްރޫޕްތަކުގެ އަދަދު އިތުރުވުމަކީ ކުރިމަތިލުންތައް މިހާ ބޮޑަށް އިތުރުވި ސަބަބުތަކުގެ ތެރެއިން ސަބަބަކަށް ވެދާނެ އެވެ.

މިދިޔަ އަހަރު އެފްރިކާގައި 28 ކުރިމަތިލެއް ހިނގި އިރު އޭޝިއާގައި 17 އަދި މެދުއިރުމަތީގައި 10، ޔޫރަޕްގައި ތިނެއް އަދި އެމެރިކާ ސަރަހައްދުގައި އެއް ކުރިމަތިލުން ހިނގި އެވެ. -- އޭއެފްޕީ