Roadha Mihaaru
ތާލިބާނުން ކަންދަހާރު އެއާޕޯޓަށް ހަމަލާ ދޭން ފަށައިފި

ތާލިބާނުން ކަންދަހާރު އެއާޕޯޓަށް ހަމަލާ ދޭން ފަށައިފި

01 އޯގަސްޓް 2021

ކާބުލް (އޯގަސްޓް 1) - ތާލިބާންގެ ހަނގުރާމަވެރިން ކަންދަހާރުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ރޮކެޓް ހަމަލާތަކެއް ދިނުމާ ގުޅިގެން އެތަނުގެ ދަތުރުތައް މެދުކަނޑާލަން ޖެހިއްޖެ އެވެ.

ކާބުލް (އޯގަސްޓް 1) - ތާލިބާންގެ ހަނގުރާމަވެރިން ކަންދަހާރުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ރޮކެޓް ހަމަލާތަކެއް ދިނުމާ ގުޅިގެން އެތަނުގެ ދަތުރުތައް މެދުކަނޑާލަން ޖެހިއްޖެ އެވެ.

އަފްގާނިސްތާނުގެ ދެކުނުގައި އޮންނަ އެންމެ ކާރުބާރު ބޮޑު، އަދި އެ ގައުމުގެ ދެ ވަނަ އަށް އެންމެ ބޮޑު ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ތާލިބާނުން ރޮކެޓް ހަމަލާތަކެއް މި ދިނީ، އެ ގައުމުގެ އެހެން ސަރަހައްދުތަކުގައި ތާލިބާނުންގެ ހަނގުރާމަވެރިންނާ ދެކޮޅަށް، އަފްގާނިސްތާނު ސަރުކާރު ސިފައިން ވަރުގަދަ ހަމަލާތަކެއް ދެމުން ދަނިކޮށެވެ.

ތާލިބާނުންގެ ހަމަލާތަކާ ގުޅިގެން ކަންދަހާރު ވައިގެ ބަނދަރުގެ ދަތުރުތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ. އެއާޕޯޓް ހިންގުމާ ހަވާލުވެ ހުރި މަހްމޫދު ޕޮޝްތޫން ވިދާޅުވި ގޮތުގައި ތާލިބާނުން މިއަދު ދިން ރޮކެޓްގެ ތިން ހަމަލާގެ ތެރެއިން ފުރަތަމަ ދެ ހަމަލާ އަމާޒުވީ ވައިގެ ބަނދަރުގެ ރަންވޭ އަށެވެ. ރަންވޭ މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

މި ހަމަލާގައި މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށް، އަފްގާނިސްތާނު ސަރުކާރުން ބުނެ އެވެ.

ތާލިބާން ޖަމާއަތުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުނި ގޮތުގައި އެ ޖަމާއަތުން ކަންދަހާރުގެ ވައިގެ ބަނދަރަށް ހަމަލާ ދޭން ޖެހުނީ، އެތަނަކީ މަދަނީ ވައިގެ ބަނދަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ އިރު، ތާލިބާނުންގެ އަމާޒުތަކަށް ވައިގެ މަގުން ހަމަލާ ދިނުމުގައި، ސަރުކާރު ސިފައިން އެ ވައިގެ ބަނދަރު ބޭނުންކުރާތީ އެވެ.

މީގެ 20 އަހަރު ކުރިން އަފްގާނިސްތާނަށް އަރައި ތިބި އެމެރިކާ އާއި ނޭޓޯގެ ސިފައިން، މިދިޔަ މެއި މަހުން ފެށިގެން އެ ގައުމުން ފައިބަން ފެށުމާ އެކު، ތާލިބާނުންގެ ހަމަލާތައް ވަނީ ވަރުގަދަ ކޮށްފަ އެވެ. އެ ގޮތުން އެ ގައުމުގެ ވަރަށް ބޮޑު ސަރަހައްދެއް މިހާރު ވަނީ އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

ސަރުކާރު ސިފައިންނާއި ތާލިބާނުންނާ ދެމެދު މިހާރު އެންމެ ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރަމުން ދަނީ، ލަޝްކަރްގާހް އާއި ކަންދަހާރުގެ އިތުރުން ހީރާތު ޕްރޮވިންސްގަ އެވެ. އަފްގާނިސްތާނުގެ ރަށްފުށު ސަރަހައްދުގެ ގިނަ ރަށްތަކެއް ހިފުމަށް ފަހު، ތާލިބާނުން މިހާރު އަމާޒު ހިފާފައި ވަނީ، އެންމެ ބޮޑެތި ޕްރޮވިންސްތަކުގެ މައި ރަށްތައް ހިފުމަށެވެ.