ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީ ރައްޔިތުންނަށް ހޯދައި ދިނުމުގައި ގާނޫނީ ޗާޓުން އެންމެ އިންޗިއެއް ވެސް ބޭރު ނުވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
28 ފެބުރުއަރީ 2017
ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީ ރައްޔިތުންނަށް ހޯދައި ދިނުމުގައި ގާނޫނީ ޗާޓުން އެންމެ އިންޗިއެއް ވެސް ބޭރު ނުވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުންނަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމުގެ ވާހަކަތައް ދެކެވެމުން ދަނިކޮށް. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަތޮޅުތަކުގެ ތަރައްގީ އަށް ހުރަސް އަޅަން މަސައްކަތް ކުރިޔަސް، ތަރައްގީ ހޯދައިދިނުމުގައި އެންމެ އިންޗިއެއް ވެސް ސަރުކާރުން ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.
"ރައްޔިތުންނާއި ގައުމަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" މުއާޒް ވިދާޅުވި އެވެ.
އޭނާގެ ބަޔާނުގައި ވަނީ އިދިކޮޅު ފަރާތްތަކުން ކުރާ ނޭދެވޭ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ރައީސް އަބްދުﷲ ޔާމީން ގެނެސްދެއްވަން އުޅުއްވާ ތަރައްގީ އަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރުމަށާއި އެފަދަ ކަންކަމަށް ބާރު ނުދިނުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
މުއާޒް ވިދާޅުވި ގޮތުގައި ގައުމުގެ ނަން ކިލަނބުކޮށް، ޓޫރިޒަމް ބޯއިކޮޓް ކުރުން ފަދަ، ގައުމާއި ރައްޔިތުންނަށް ގެއްލުން ދިނުމަށް ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައިރު، އެ ކަންކަމުގެ މައްޗަށް ކުރި ހޯދައި، ރައީސް ޔާމީން ގައުމަށް ގެނެސްދެއްވި ތަރައްގީ އާއި ކުރިއެރުމަށް ރައްޔިތުން ހެކިވާނެ އެވެ.
ތަރައްގީ އަށް ހުރަސް އެޅުމުގެ ގޮތުން ކަންކަން އޮޅުވާލަން މަސައްކަތް ކުރިޔަސް، ތަރައްގީއާ ދެކޮޅަށް ކުރާ އެއްވެސް މަސައްކަތަކަށް، މި ސަރުކާރު ދެމި އޮތްހާ ދުވަހަކު ޖާގަ ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާ އިން ފ. އަތޮޅުގައި ބޮޑު މަޝްރޫއުއެއް ހިންގަން އުޅޭ އަޑުތަކާ އެކު އެމްޑީޕީ އާއި ޕީޕީއެމް މެމްބަރުންގެ މެދުގައި ވަރަށް ބޮޑު ޝައުގުވެރިކަމެއް ވަނީ އުފެދިފަ އެވެ. އެކަމަކު ކޮންމެ މެމްބަރެއްގެ ވެސް ކަންބޮޑުވުމަކީ އެ މަޝްރޫއާ ބެހޭ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަކޮށްފައި ނުވުމެވެ.
ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައިވާ ގޮތުން ވަކި ކަހަލަ ޝަރުތުތަކެއް ހަމަވާ ވަކި އުސޫލަކުން ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކޭނީ ގާނޫނެއްގެ ތެރެއިންނެވެ. ނަމަވެސް މިހާތަނަށް އައިއިރު އެފަދަ ގާނޫނެއް ވުޖޫދަށް އައިސްފައި ނުވާ ކަމަށް މެމްބަރުން ފާހަގަކުރެއްވި އެވެ.
ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން 2015 ގައި ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު ބިދޭސީންނަށް ބިން މިލްކު ނުކުރެވޭ ގޮތަށް، އެ އިސްލާހު ބަދަލުކުރަން މަޖިލީހަށް ހުށަހަޅަން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިހާރު ވަނީ ނިންމައިފަ އެވެ. ނަމަވެސް ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައީ ވެސް އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާއެކުގަ އެވެ.
ފ. އަތޮޅު ވިއްކާލަން އުޅޭ ކަމުގެ ވާހަކަތަކާ ގުޅިގެން ބައެއް ވަޒީރުންނާއި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވަނީ ބޭރުގެ އެއްވެސް ބަޔަކަށް އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށެވެ.
ފ. އަތޮޅުގައި ސައޫދީން ކުރިއަށް ގެންދާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކަމަށް މިދިޔަ މަހު އެ އަތޮޅު މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މަޝްރޫއުގެ ތަފްސީލެއް ނުދެއްވަ އެވެ.
ނިހާނާއި ޑރ. ޝަހީދާ ދެމެދު ބަހުގެ ހޫނު ހަމަލަތަކެއް
ފ. އަތޮޅު މަޝްރޫއާ ބެހޭ މައުލޫމާތު މަޖިލީހަށް ނުލިބޭ
"ސައޫދީ ސަރުކާރުން ރާއްޖޭގެ އަތޮޅެއް ގަންނާކަށް ނޫޅޭ"
ފ. އަތޮޅުގެ މުއާމަލާތް ހިނގަނީ އަނދިރީގެ ތެރޭގައި
ވިއްކާ ބިންތައް އަނބުރާ ހޯދަން އެމްޑީޕީގެ ގަރާރެއް
ފާޑު ކިޔުންތަކަށް މެމްބަރު ނާޝިދު ރައްދު ދެއްވައިފި
ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީ މެމްބަރުންގެ ތާއީދު
ފ. އަތޮޅުން މީހުނެއް ނުބާލާނެ: ޚަލީލު
ފ. މަޝްރޫއު ނުހުއްޓޭ، މަޝްރޫއު ގެންނާނެ:އަލީ އާރިފް
މައްސަލައަކީ ކޮބައިތޯ؟