Roadha Mihaaru
ފީތައް ބޮޑުވުމުން މޯލްޑިވިއަންގެ ޓިކެޓް އަގު ބޮޑުކޮށްފި

ގްރައުންޑް ހޭންޑްލިން ފީ ބޮޑުވުމުން މޯލްޑިވިއަނުން ޓިކެޓްގެ އަގު ބޮޑުކޮށްފި

01 މާޗް 2023

އެއާޕޯޓުތަކުގެ ގްރައުންޑް ހޭންޑްލިން ފީ ބޮޑުވުމުން ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޑޮމެސްޓިކް ދަތުރުތަކުގެ ޓިކެޓްގެ އަގުތައް ބޮޑުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެއާޕޯޓުތަކުގެ ގްރައުންޑް ހޭންޑްލިން ފީ ބޮޑުވުމުން ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޑޮމެސްޓިކް ދަތުރުތަކުގެ ޓިކެޓްގެ އަގުތައް ބޮޑުކޮށްފި އެވެ.

އެންމެ ބޮޑުކޮށްފައިވަނީ ކާޑެއްދުއަށް ކުރާ ދަތުރުތަކުގެ ޓިކެޓްގެ އަގުންނެވެ. އެއީ 180ރ. އެވެ. މި ބަދަލާ އެކު ކާޑެއްދުއަށް ދެކޮޅު ޓިކެޓުގެ އަގަކީ 3385ރ. އެވެ.

ކާޑެއްދޫގެ އިތުރުން އެހެން ހުރިހާ ޑޮމެސްޓިކް ޓިކެޓަކުން ވަނީ 70ރ. ބޮޑުކޮށްފަ އެވެ.

ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރަމުން އަންނަ މޯލްޑިވިއަން އިން 2019 ވަނަ އަހަރު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވައުދުވެފައިވާ ގޮތަށް އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކޮށްފަ އެވެ. އޭރު ވަނީ ހުރިހާ މަންޒިލަކަށް ދަތުރުގެ އަގު 2،600ރ. އަށް ވުރެ ކުޑަކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން އެކި ހިދުމަތްތަކުގެ އަގަށް އައި ބަދަލާ އެކު އަގު ވަނީ ބޮޑުވެފަ އެވެ.

ރީޖަނަލް އެއާޕޯޓުން ވަނީ ގްރައުންޑް ހޭންޑްލިން ފީ މިހާރު ހުރި ރޭޓުތަކަށް ވުރެ ގާތްގަނޑަކަށް 10 ޕަސެންޓް އިތުރުކުރަން ނިންމައިފަ އެވެ. އަދި ވިލާ ގްރޫޕުން ހިންގާ ކާޑެއްދޫ އެއާޕޯޓުގެ ގްރައުންޑް ހޭންޑްލިން ފީ ވެސް ޖެނުއަރީ މަހުން ފެށިގެން ވަނީ ބޮޑުކޮށްފަ އެވެ.

ގްރައުންޑް ހޭންޑްލިން ފީ އަކީ އެ އެއާޕޯޓަށް ޖައްސާ ކޮންމެ ބޯޓަކުން ނަގާ ފީ އެވެ. އެ ފީ ނަގަނީ ބޯޓު ނައްޓާލާ އިރު އާއި ޖައްސާ އިރު އެ ދޭ ރޭމްޕް ހިދުމަތްތަކާއި މާޝަލް ކުރުމުގެ ހިދުމަތްތަކަށެވެ.