Roadha Mihaaru
މިފެންނަނީ ކުށްވެރިންތަކެއް ދޫކޮށްލުމުން ވާގޮތް: ޝިފާން

މި ފެންނަނީ އުސޫލެއް ނެތި ގިނަ ކުށްވެރިންތަކެއް ދޫކޮށްލުމުން ވާ ގޮތް: ޝިފާން

19 ޖޫން 2024

މާލޭގައި ކުށްކުރުން އިތުރުވެފައި ވަނީ ކުށްވެރިންގެ ގިނަ ބަޔަކު އެއްވެސް ހަމައެއް ނެތި މުޖުތަމައުއަށް ދޫކޮށްލާފައި ވާތީ ކަމަށް ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ކުށްކުރުން އިތުރުވެފައި ވަނީ ކުށްވެރިންގެ ގިނަ ބަޔަކު އެއްވެސް ހަމައެއް ނެތި މުޖުތަމައުއަށް ދޫކޮށްލާފައި ވާތީ ކަމަށް ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން މިއަދު ވިދާޅުވެއްޖެ އެވެ.

ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކަ އަކީ ހަމަ ހަގީގަތެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުށްކުރުން އިތުރުވި މައިގަނޑު އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސްދުވަސް ކުރިން 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލާފައިވުމެވެ. އެ ކުށްވެރިން ދޫކޮށްލީ އެ މީހުން މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތިބީ ވަރަށް ބޮޑު ދަތިކަމެއްގެ ތެރޭގައި،" ޝިފާން ވިދާޅުވި އެވެ.

ފުލުހުންގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ވަރުގަދަކުރުމަށްޓަކައި މިދިޔަ އަހަރުތަކުގެ ތެރޭގައި ޕްލޭން ކުރެވިގެން މަސައްކަތްތަކެއް ކޮށްފައި ނުވާތީ، މި މައްސަލަ ހައްލުކުރަން އިތުރަށް ދަތިވެފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

މާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާ އަށް އިތުރުވެފައިވާ ކަމަށް ފުލުހުން އެންމެފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ ރަސްމީ ވައިގެބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ކާރު ވަގަށް ނެގި މައްސަލައެއް ތަހުގީގު ކުރަނިކޮށް ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން ހިންގާފައިވާ ވެހިކަލްތަކުގެ ބިޔަ ސްކޭމެއް ވެސް ވަނީ ފަޅާ އަރައިފަ އެވެ. އެ މައްސަލަ ތަހުގީގުކުރަނިކޮށް އެއީ ވެހިކަލް ވަގަށް ނެގުމުގެ ބޮޑު ނެޓްވޯކެއް ހިންގާ ބަޔަކުކަން ވަނީ އެނގިފަ އެވެ.

އޮޅުވާލައިގެން ހިޔާ ފްލެޓުގެ އެޕާޓްމަންޓަށް މީހުން ގެންގޮސް ރަހީނުކޮށް، ބަރަހަނާކޮށް، ބްލެކް މެއިލްކުރާ މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެކަން ކުރާ ބަޔަކު ހައްޔަރުކޮށް، ފަސް މީހެއްގެ ވަނަވަރު ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.