Roadha Mihaaru
ގެއްލުނު ގިނަ ޑޭޓާތައް އަނބުރާ ހޯދިން: ޕޮލިސް

ފުލުހުން ސިސްޓަމުން ގެއްލުނު ގިނަ ޑޭޓާތައް އަނބުރާ ހޯދިން: ޕޮލިސް

01 ޖުލައި 2024

ފުލުހުންގެ ސިސްޓަމަށް ގެއްލުންވެ ގިނަ ޑޭޓާތަކެއް 2017 ވަނަ އަހަރު ގެއްލުނު ކަމަށާއި ނަމަވެސް އޭގެ ތެރެއިން ގިނަ ޑޭޓާތައް އަނބުރާ ރިސްޓޯކުރި ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ސިސްޓަމަށް ގެއްލުންވެ ގިނަ ޑޭޓާތަކެއް 2017 ވަނަ އަހަރު ގެއްލުނު ކަމަށާއި ނަމަވެސް އޭގެ ތެރެއިން ގިނަ ޑޭޓާތައް އަނބުރާ ރިސްޓޯކުރި ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

ޝިފާން މިހެން ވިދާޅުވީ މީގެ ހަ އަހަރު ކުރިން މާލޭގައި ގޭންގަކުން ގޮސް ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ކޯރާޑިއަކުން ހަމަލާދިން މައްސަލާގައި މުހިންމު ހެއްކެއް ކަމަށްވާ ވީޑިއޯ ފުޓޭޖްތައް ފުލުހުންގެ އަތުން ގެއްލުމުން އެ މައްސަލާގައި ދައުވާ ލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވުމުންނެވެ.

"މިހާރު"ގެ ހަބަރު ރީޕޯސްޓް ކުރައްވަމުން ޝިފާން އެކްސްގައި ވިދާޅުވީ 2017 ވަނަ އަހަރު ފުލުހުންގެ ސްޓޯރޭޖް ސިސްޓަމަށް މައްސަލައެއް ދިމާވެ ފުލުހުންގެ ބައެއް ޑާޓާ ވަނީ ގެއްލިފައި ކަމަށާއި ނަމަވެސް އޭގެ ތެރެއިން ދިމާވުމުން ގިނަ ކްރިޓިކަލް ޑާޓާ ރިސްޓޯ ކުރެވުނު ކަމަށެވެ.

"އެ ހާދިސާއާ ގުޅޭ ގޮތުން، މި ފުޓޭޖާއި ގުޅުން ހުރިތޯ މިދަނީ ބަލަމުން،" ޝިފާން ވިދާޅުވި އެވެ.

ސެޕްޓެމްބަރު، 2017 ގައި ރައްޔިތުންގެ މަޖިލިސް ކައިރީގައި ހުންނަ ކެފޭއެއްގެ ތެރޭގައި ގްރޫޕަކުން ގޮސް ޒުވާނަކަށް ކޯރާޑިއަކުންނާއި ތޫނު އެއްޗެހި ބޭނުންކޮށްގެން އޭނާގެ ބޮލަށާއި ބުރަކަށްޓަށް ހަމަލާދިން މައްސަލާގައި ދައުލަތުން ދައުވާކުރީ ހަތަރު މީހެއްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ އެ މައްސަލާގައި ލިބިފައިވާ އެންމެ މުހިންމު ހެއްކަކީ އެ ސަރަހައްދުގައި ހުރި ފުލުހުންގެ ކެމެރާތަކުގެ ވީޑިއޯ ފުޓޭޖްތައް ކަމަށެވެ. އެގޮތުން ހަމަލާ ދިނުމަށް އެތަނަށް މީހުން ދިޔަ މަންޒަރާއި އަދި ހަމަލާ ދިނުމަށްފަހު ހަތިޔާރު ހިފައިގެން އެތަނުން ނިކުތް މަންޒަރު ވެސް އެ ފުޓޭޖްތަކުން ފެންނަ ނަމަވެސް ފުލުހުންގެ ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން އެ ވީޑިއޯ ފުޓޭޖްތައް ގެއްލިފައިވާ ކަމަށް ފުލުހުންގެ ތަހުގީގު ރިޕޯޓުގައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ފުޓޭޖްތަކުގެ ބެކަޕް ނެގުމަކީ ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށް ބުނެ، އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ވީޑިއޯ ކޮމްޕެރިސަން ފުލުހުން ހަދާފައެއް ނުވެ އެވެ. އަދި އެ މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިން ކޯޓަށް ހާޒިރުކުރަން ގިނަ ފުރުސަތުތަކެއް ދިން ނަމަވެސް އެ މީހުން ހާޒިރު ނުކުރެވޭތީ އެ މީހުންގެ ހެކިބަސް ލިބިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، ދައުވާލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމުގައިވެ އެވެ.