Roadha Mihaaru
މިދިޔަ މަހު ވައްކަމާއި ފޭރުމުގެ މައްސަލަތައް ދަށަށް

މެއި މަހާ ބަލާއިރު، މިދިޔަ މަހު ވައްކަމާއި ފޭރުމުގެ މައްސަލަތައް ދަށަށް

06 ޖުލައި 2024

މި އަހަރުގެ މެއި މަހާ އަޅާބަލާއިރު، މިދިޔަ ޖޫން މަހު ވައްކަމާއި ފޭރުމުގެ މައްސަލަތައް ރިޕޯޓުކުރި އަދަދު ދަށްވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މި އަހަރުގެ މެއި މަހާ އަޅާބަލާއިރު، މިދިޔަ ޖޫން މަހު ވައްކަމާއި ފޭރުމުގެ މައްސަލަތައް ރިޕޯޓުކުރި އަދަދު ދަށްވެއްޖެ އެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މެއި މަހު ވައްކަމުގެ 335 މައްސަލައަކާއި ފޭރުމުގެ 50 މައްސަލައެއް އެ އިދާރާ އަށް ހުށަހެޅި އެވެ. އެކަމަކު، ޖެހިގެން އައި ޖޫން މަހު ރިޕޯޓު ކޮށްފައި ވަނީ ވައްކަމުގެ 315 މައްސަލައަކާއި ފޭރުމުގެ 29 މައްސަލައެކެވެ.

މެއި މަހާއި ޖޫން މަހުގެ ކުށުގެ ތަފާސްހިސާބުތައް އާންމު ކުރައްވައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ކުށްކުރާ ޕެޓާނަށް މާ ބޮޑު ބަދަލެއް ނަޔަސް، މެއި މަހަށް ވުރެ ޖޫން މަހުގެ ތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ދަށްވުމަކީ ލިބޭ ހިތްވަރެއް ކަމަށެވެ.

މެއި މަހާއި ޖޫން މަހުގެ ކުށްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު މާބޮޑު ބަދަލެއް ނެތެވެ.

މެއި މަހުގެ ފުލުހުންގެ ތަފާސްހިސާބުތައް:

- ތަކެތި ގެއްލުމުގެ 98 މައްސަލަ.

- 226 އެކްސިޑެންޓު.

- ގެވެށި އަނިޔާގެ 21 މައްސަލަ.

- ޖިންސީ ކުށުގެ 18 މައްސަލައެއް.

- އަނިޔާގެ 44 މައްސަލަ.

- ޗެކް ބައުންސްވުމުގެ އެއް މައްސަލަ.

- މަސްތުވާތަކެއްޗާ ގުޅޭ 130 މައްސަލަ.

- ތަންތަނަށް ގެއްލުން ދިނުމުގެ 60 މައްސަލައެއް.

- ފޯޖްކުރުމުގެ 60 މައްސަލަ.

- ހިޔާނާތުގެ 34 މައްސަލަ.

ޖޫން މަހުގެ ފުލުހުންގެ ތަފާސްހިސާބުތައް:

- ތަކެތި ގެއްލުމުގެ 77 މައްސަލަ.

- ޖިންސީ ކުށުގެ 23 މައްސަލައެއް.

- 212 އެކްސިޑެންޓު.

- އަނިޔާގެ 47 މައްސަލަ.

- ގެވެށި އަނިޔާއާ ގުޅޭ 25 މައްސަލައެއް.

- ޗެކް ބައުންސުވުމުގެ ދެ މައްސަލަ.

- މަސްތުވާތަކެއްޗާ ގުޅޭ 175 މައްސަލަ.

- ހިޔާނާތުގެ 50 މައްސަލަ.

- ތަންތަނަށް ގެއްލުން ދިނުމާ ގުޅޭ 64 މައްސަލަ.

- ފޯޖްކުރުމުގެ 8 މައްސަލަ.

ވައްކަމާއި ފޭރުމުގެ މައްސަލަތައް މެއި މަހާ އަޅާބަލާއިރު ޖޫން މަހުގެ ތެރޭގައި މަދު ނަމަވެސް މި އަހަރުގެ މިހާތަނަށް ހުށަހެޅި ޖުމްލަ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައީ ވައްކަމުގެ މައްސަލަ އެވެ. އެއީ 1،891 މައްސަލައެކެވެ.

ވަގުންގެ އުނދަގޫ މި ފަހުން މިސްކިތްތަކަށް ވެސް ބޮޑުވެފައިވާއިރު، އެ ތަންތަނުގެ ފަންކާތައް ވަގަށް ގެންދިއުމުގެ މައްސަލަތައް އުޅެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ކުރިން ވިދާޅުވެފައިވާ ގޮތުގައި މާލޭގައި ތަކުރާރުކޮށް އެކަން ކުރާ 46 މީހަކު އެބަ އުޅެ އެވެ. އެ މީހުން މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 4،000 އަށް ވުރެ ގިނަ ފަހަރު ހުއްޓުވާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

ވައްކަމުގެ މައްސަލަތަކަށް ފަހު، ދެން އެންމެ ގިނައީ އެކްސިޑެންޓުތަކެވެ. މި އަހަރުގެ މިހާތަނަށް 1،506 އެކްސިޑެންޓެއް ފުލުހުންނަށް ރިޕޯޓު ކޮށްފައި ވެ އެވެ.