Roadha Mihaaru
މަސްވެރިން ހިތާމައިގައި ދެން ތިބޭކަށް ނުޖެހޭނެ: ރައީސް

މަސް ކިރުވި ފައިސާ ނުލިބުމުގެ ހިތާމައިގައި ދެން ތިބޭކަށް ނުޖެހޭނެ: ރައީސް

20 ފެބުރުއަރީ 2019

މަސް ކިރުވި ފައިސާ ނުލިބިގެން މަސްވެރިން ހިތާމައިގެ ދުވަސްތައް ދެން ގުނަން ނުޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ، ގއ. ކޫއްޑޫގައި ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މަސް ކިރުވި ފައިސާ ނުލިބިގެން މަސްވެރިން ހިތާމައިގެ ދުވަސްތައް ދެން ގުނަން ނުޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ، ގއ. ކޫއްޑޫގައި ވިދާޅުވެއްޖެ އެވެ.

ރައީސް މިރޭ ވަނީ، ފިޝަރީޒް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ތައާރަފްކުރި "މަސްވެރިޔާ ކާޑާ"އި ޑިޖިޓަލް ވޮލެޓް ތައާރަފް ކޮށްދެއްވައިފަ އެވެ. މަސްކިރުމާ އެކު މަސްވެރިންނަށް ވަގުތުން ފައިސާ ލިބި އަދި ރައްކާތެރިކަމާ އެކު ފައިސާ ގެންގުޅެ ރައްކާ ކުރެވޭނެ ނިޒާމެއް އެ ކާޑާ އެކު މަގުފަހިވީ އެވެ.

މިއީ، އެމަނިކުފާނުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި މަސްވެރިންނަށް ފުއްދަވައި ދެއްވަން ވައުދުވެވަޑައިގަތް ކަމެކެވެ.

ރައީސް ވިދާޅުވީ މަސްވެރިން އެތައް އަހަރެއް ވަންދެން ކުރަމުން އައި ޝަކުވާތައް މަސްވެރިޔާ ކާޑާ އެކު ނިމުން އައިސް މަސްވެރިންގެ ގިނަ ޚިދުމަތަކަށް ލުއި އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ދަތުރުތަކުގައި ދިމާވި މަސްވެރިންގެ އެންމެ ބޮޑު ޝަކުވާ އަކީ މަސްކިރުވުމުން ވަގުތުން ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމާއި ބޭންކިން ނިޒާމްގެ ތެރޭގައި މަސްވެރިން ހިމެނިފައި ނުވާ މައްސަލަ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކްރެޑިޓް ސްކީމާއި ލޯން ސްކީމްތަކުގައި ފަސޭހަ އިން ބައިވެރިވެވޭނެ ގޮތެއް ނެތުމަކީ ވެސް މަސްވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މަސްވެރި ރަށްރަށުގައި ފައިސާ ރައްކާކުރެވޭނެ ނިޒާމެއް ހަމަޖެހިފައި ނެތުމަކީ ވެސް ދައްޗެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ޝަކުވާތައް އަޑު އެހުމަށް ފަހު އަޅުގަނޑުމެން ވައުދުވީ މަސްދޯނި އެކައުންޓް ހުޅުވައިދީ ބޭންކިން ނިޒާމްގެ ތެރެއަށް ވަދެވޭނެ މަގު މަސްވެރިންނަށް ތަނަވަސްކޮށްދޭން. އަދި ރަށުގައި ފައިސާ ޖަމާކޮށް، ނެގޭނެ ވަސީލަތްތައް ގާއިމްކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

މަސްވެރިންނަށް ވެވަޑައިގަތް ވައުދު، މަސްވެރިޔާ ކާޑާ އެކު މިރޭ ފުދިގެންދާތީ އުފާކުރައްވާ ކަމަށް ވިދާޅުވެ، ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ރައީސް މަރުހަބާ ދެންނެވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ހަގީގީ ތަރައްގީ ފެންނަން ފަށާނީ މަސްވެރިންނަށް ވެސް ލިބޭ އާމްދަނީ އިތުރުކޮށް، ރައްޔިތު މީހާގެ ޖީބަށް ވަންނަ ފައިސާ ވެސް އިތުރުކޮށްދީގެންނެވެ.

މަސްވެރިޔާ ކާޑުގެ މުހިއްމު އެއް ބޭނުމަކީ ރައީސް ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން އަތުގައި ގެންގުޅެމުން ދިޔަ ނަގުދު ފައިސާ ރައްކާތެރިކަމާ އެކު ބޭންކު އެކައުންޓުގައި ބެހެއްޓުމެވެ. މަސްވެރިންނަށް ލިބޭ އާމްދަނީ ދުވަހުން ދުވަހަށް އެ ކާޑު މެދުވެރިކޮށް ޖަމާކުރެވޭނެ އެވެ.

"މަސްވެރިޔާ ކާޑުގެ ޚިދުމަތް ފެށުމުން، މަސްކިރުވުމާ އެކު ކެޔޮޅު ނުވަތަ އޮޑިވެރިޔާގެ އެކައުންޓަށް ފައިސާ ޖަމާކޮށްދެވޭނެ. ކެޔޮޅުގެ އެކައުންޓަށް ޖަމާކުރުމުން އެ ކާޑާ އެކުގައިވާ ޑިޖިޓަލް ވޮލެޓް ބޭނުން ކޮށްގެން ދޯނީގެ އެހެން ފަޅުވެރިންގެ އެކައުންޓްތަކަށް ވެސް ފައިސާ ޓްރާންސްފާ ކޮށްދެވޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަސްކިރުވައި ގިނަ ދުވަސްތަކެއް ވެގެންދާއިރު ވެސް މަސްވެރިންނަށް ފައިސާ ނުލިބި ތިބުމުގެ ހިތާމަ އަށް ވެސް އެ ކާޑާ އެކު ލުޔެއް ލިބުނީ އެވެ. އެއާއެކު، ފައިސާ ހޯދަން ދަތުރު ހަދާފައި އެހެން ތަނަކަށް ވެސް ދާކަށް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަސްވެރިޔާ ކާޑު ބޭނުންކުރަން ފެށުމުން އޮޑިވެރިން ތެޔޮ ގަތުމާއި އައިސް ގަތުން ފަދަ ކަންކަމަށް ވެސް އަތުގައި ނަގުދު ފައިސާ ގެންގުޅެން ނުޖެހޭނެ އެވެ. އެ ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ކުރާ އެއްވެސް މުއާމަލާތަކުން އިތުރު އެއްވެސް ފީއެއް ނުނަގާނެ ކަމަށް ވިދާޅުވި އެވެ.

މަސްވެރިން އެ ކާޑު ބޭނުންކުރަން ފެށުމުން މާލީ ހާލަތު ވެސް ބޭންކަށް އެނގެމުންދާނެ ކަން ފާހަގަކުރައްވައި އެއީ، ލޯން ލިބުން ފަދަ ކަންކަމަށް ލިބޭނެ ފަސޭހައެއް ކަން ވެސް ފާހަގަކުރެއްވި އެވެ. އެއާއެކު، އެ ނިޒާމުން މަސްވެރިންނަށް ލުއިކަން ގެނެސްދިނުމުގައި އެހީތެރިވެދޭން މަސްވެރިންނަށް ޚިދުމަތް ދޭ ކުންފުނިތަކަށް ވެސް ރައީސް ވަނީ ގޮވާލައްވައިފަ އެވެ.