Roadha Mihaaru
ޗައިނާއަށް މަސް އެކްސްޕޯޓްކުރަން މަސައްކަތްކުރަން: ޒަހާ

ޗައިނާ އާއި ރަޝިއާ އަށް މަސް އެެކްސްޕޯޓްކުރަން މަސައްކަތް އެބަ ކުރަން: ޒަހާ

12 އޮކްޓޯބަރ 2020

ޗައިނާ އާއި ރަޝިއާ އަށް ވެސް ރާއްޖޭން މަސް އެކްސްޕޯޓްކުރަން މަސައްކަތް ކުުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޗައިނާ އާއި ރަޝިއާ އަށް ވެސް ރާއްޖޭން މަސް އެކްސްޕޯޓްކުރަން މަސައްކަތް ކުުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަހާ ވިދާޅުވީ ޗައިނާ މާކެޓަަށް ވަދެވެނީ ވަރަށް ގިނަ ހުއްދަތައް ހޯދައިގެން ކަމަށާއި އެ މަސައްކަތްތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ރަޝިއާ އަށް ވެސް މަސް އެކްސްޕޯޓްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަކި ގައުމަކާ އެކީ ވިޔަފާރި ނުކުރާކަށް ނުނިންމަން. ހަމަ އެއީ ހުޅުވިފައި އޮތް ވިޔަފާރިއެއް. ފުރުސަތު ހޯއްދަވައިގެން ވަދެވަޑައިގަންނަވަންވީ،" އޭނާ ވިދާޅުވި އެވެ.

ޖާބިރު މިއަދު ކުރެއްވި ފުރަތަމަ ސުވާލުގައި ވިދާޅުވީ ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ލިބެންޖެހޭ މަންފާތައް ހިފަހައްޓާފައި ވާއިރު އަތް އުރާލައިގެން އިންނަވަނީ ކީއްވެތޯ އެވެ. ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވަައުދުތައް ނުފުއްދަވަނީ ކީއްވެތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި ޒަހާ ވިދާޅުވީ ފްރީ ޓްރޭޑް އެއްބަސްވުމުގެ ކަންތައްތައް ބަލަހައްޓަނީ އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީން ކަމަށެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ ހަވާލާދެއްވައި ޒަހާ ވިދާޅުވީ ފްރީ ޓްރޭޑް އެއްބަސްވުން އަދި އޮޕަރޭޝަނަލައިޒް ނުވާ ކަމަށާއި އެކަމަށް މަޖިލީހުން ގާނޫނުތައް ހަދަން ޖެހޭ ކަމަށެވެ.

"އެހެންކަމުން މި އެގްރިމެންޓްގެ ދަށުން މަސްވެރިންނަށް ނުވަތަ އެކްސްޕޯޓަރުންނަށް ވެސް ލިބެންޖެހޭ މަންފާ މިނިސްޓްރީގެ ފަރާތުން ހިފަހައްޓާފައި ނުވާނެކަން ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާންމުކޮށް ހުރިހާ މަސްވެރިންގެ ލާބަޔަށް ހަދާފައިވާ ގަވައިދުތައް ފިޔަވައި އެއްވެސް ހިފެހެއްޓުމެއް ސަރުކާރަކުން ނުގެންގުޅެ އެވެ. ސަރުކާރުގެ ވިޔަފާރީގެ ސިޔާސަތާއި މަސްވެރިކަމުގެ ސިޔާސަތު ވެސް ބައްޓަންކޮށްފައި ވަނީ އެގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ. މީގެ ކުރިން އޮތް ހިފަހައްޓާފައި އޮތީ ކަޅުބިލަމަސް ގަނެ ޕްރޮސެސްކުރުމުގެ ސިނާއަތްކަމަށާއި އެ މަސައްކަތް ވެސް މިހާރު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މަސްވެރިކަމުގެ އިންޑަސްޓްރީއަށް ވެސް ގެއްލުންތައް ކުރިމަތިވެފައިވާ ކަަމަށާއި އެހެންވެ މަސްވެރިންނަށާއި އެކްސްޕޯޓަރުންނަށް ވެސް ދަތިތަކާ ކުރިމަތިވެފައިވާ ކަަމަށް ޒަހާ ވިދާޅުވި އެވެ.

ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ކުރަމުން އަންނަ އެންމެ މުހިއްމު މަސައްކަތަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ޔޫރަޕްގެ ގައުމުތަކުން ނަގާ ޑިއުޓީ ކުޑަކުރެވޭތޯ ބެލުމެވެ. އެކަމަށްޓަކައި ޔޫރަޕިއަން ޔޫނިއަން އަށް ހުށަހަޅަން ޖެހޭ ކަރުދާސްތައް ހުށަހަޅާފައިވާނެ ކަމަށާއި މަޝްވަރާތައް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް މިކަމަށް ޔޫރަޕިއަން ޔޫނިއަނުން ގޮތެއް ނިންމަން އިތުރަށް ދުވަސްތަކެއް ނަގާނެކަމަށް ބެލެވޭ،" ޒަހާ ވިދާޅުވި އެވެ.

ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ފައިދާ މަސްވެރިންނަށް ނުލިބިގެން ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރެއްވި މިއީ ދެވަނަ ފަހަރެވެ. އެކަމާ ބެހޭ ގޮތުން މިދިޔަ ހަފްތާގައި ފިނޭންސް މިނިސްޓަރާ ވެސް އޭނާ ސުވާލުކުރެއްވި އެވެ. އެ ސުވާލު އެދުވަހު ކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އެ އެއްބަސްވުމާ ބެހޭ ގޮތުން ވާހަކަ ދެެއްކެވި އެވެ. އެގޮތުން އެ އެއްބަސްވުން "މިހާރު ނެތް" ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޖާބިރުގެ ސުވާލާ ގުޅިގެން އެފްޓީއޭ އަށް ނަޝީދު މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ އެ އެއްބަސްވުމުގައި ޑިއުޓީ ސުން ޕަސެންޓަށް ހަދާފައި ހުރީ ރާއްޖޭގައި ނެތް އެއްޗިއްސަށް ކަމަށާއި ހުރި އެއްޗަކަށް ނަމަ އީޔޫއާ ދާދި އެއްވަރަކަށް ޑިއުޓީ ނަގަން އެބަ އޮތް ކަމަށެވެ.