Roadha Mihaaru
ދަރަނި ދެއްކުން ހަރުދަނާކުރަން ހާއްސަ އޮފީހެއް!

ދަރަންޏާ ބެހޭ ބިލް: ދަރަނި ދެއްކުން ހަރުދަނާ ކުރަން ހާއްސަ އޮފީހެއް!

26 ޖޫން 2024

ޑެޓް މެނޭޖްމެންޓް އޮފީހެއް އުފައްދާ ގޮތަށް ދައުލަތުގެ ދަރަންޏާ ބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޑެޓް މެނޭޖްމެންޓް އޮފީހެއް އުފައްދާ ގޮތަށް ދައުލަތުގެ ދަރަންޏާ ބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް މިއަދު މަޖިލީހަށް ހުށަހެޅީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަންދޫހެވެ.

އެ ބިލްގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި ޑެޓް މެނޭޖްމެންޓް އޮފީހެއް، ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަން ފަށަން ވާނެ އެވެ.

އެ މިނިސްޓްރީގެ ދަށުން މިހާރު ހިންގާ ޑެޓް މެނޭޖްމެންޓުގެ ހުރިހާ ޒިންމާތަކާއި މުވައްޒަފުންނާއި މުދަލާއި ވަސީލަތްތަކާއި އިމްތިޔާޒުތައް ޑެޓް މެނޭޖްމެންޓް އޮފީހަށް ބަދަލުވާނެ އެވެ. އެ ބިލްގައިވާ ގޮތުން އެ އޮފީސް ހިންގާނީ ސިޔާސީ ނުފޫޒުން އެއްކިބާވެ، ޕްރޮފެޝަނަލް ކަމާ އެކު އެވެ. ނަމަވެސް އެ އޮފީހުގެ ކަންކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާން ޖެހޭނީ ފަައިނޭންސް މިނިސްޓަރު ކަމަށް ބިލުގައި ވެ އެވެ.

ޑެޓް އޮފީހުގެ މަސްއޫލިއްޔަތުތައް

- ލޯނާއި ސޮވްރިން ގެރެންޓީ އާއި ޓްރެޒަރީ ލޯނާއި ސަބްސިޑަރީ ލޯނާ ބެހޭ މައުލޫމާތުތައް ރެކޯޑު ކުރުމާއި ބެލެހެއްޓުމާއި ރިޕޯޓު ކުރުން.

- ދަރަނީގެ ސްޓްރެޓެޖީ އެކުލަވައިލުން.

- ދައުލަތުން ދަރަނި ނެގުމުގެ އަހަރީ ޕްލޭން އެކުލަވައިލުން.

- ސެކިއުރިޓީ ވިއްކުމުގެ ހުރިހާ މަސްއޫލިއްޔަތުތަކެއް އަދާކުރުން.

- ކްރެޑިޓް ރޭޓިން އެކަށީގެންވާ މިންގަނޑެއްގައި ހިފަހައްޓަން މަސައްކަތް ކުރުން.

ދަރަނީގެ މައްސަލަތައް ހައްލު ކުރުމަށް އޮފީހެއް ހަދަން ނިންމާފައި ވަނީ، މިހާރަށް ވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ދަރަނި ދެއްކުމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގައި ވަނީ ސޮވްރިން ގެރެންޓީ ދޭގެ ގޮތްތަކާއި ލޯކަލް ކައުންސިލްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދަރަނި ނެގުމުގައި އަމަލުކުރާނެ ގޮތްތައް ވެސް ބަޔާން ކޮށްފަ އެވެ.

ދައުލަތުގެ ދަރަންޏާ ގުޅޭ މައުލޫމާތުތައް އެކްސްޓާނަލް އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓެއް ހަދަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 15 ކުރިން ފާސް ކުރަން ޖެހޭނެކަމަށް ވެސް ބިލުގައިވެ އެވެ. އެ ސްޓްރެޓެޖީ ފާސްކުރަން ޖެހޭނީ ކެބިނެޓުންނެވެ.