Roadha Mihaaru
"ހަކަތަރި" ލޭބަލާ އެކު ހިޓާޗީގެ އާ އުފެއްދުންތަކެއް

"ހަކަތަރި" ލޭބަލާ އެކު ހިޓާޗީގެ އާ އުފެއްދުންތަކެއް އެސްޓީއޯ އަށް

27 ޖޫން 2024

ރާއްޖޭގެ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ކަނޑައަޅާފައިވާ ހަމަތަކަށް ފެތޭ، ހަކަތަ އިގުތިސާދު ކުރެވޭ ގޮތަށް ފަރުމާކޮށް، އެ ލޭބަލް ޖަހާފައިވާ ހިޓާޗީ ބްރޭންޑުގެ އާ ދޮންނަމެޝިނާއި އައިސް އަލަމާރިތަކެއް އެސްޓީއޯ އަށް ނެރެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގެ ތިމާވެއްޓާ ބެހޭ މިނިސްޓްރީން ކަނޑައަޅާފައިވާ ހަމަތަކަށް ފެތޭ، ހަކަތަ އިގުތިސާދު ކުރެވޭ ގޮތަށް ފަރުމާކޮށް، އެ ލޭބަލް ޖަހާފައިވާ ހިޓާޗީ ބްރޭންޑުގެ އާ ދޮންނަމެޝިނާއި އައިސް އަލަމާރިތަކެއް އެސްޓީއޯ އަށް ނެރެފި އެވެ.

މިއަދު އެސްޓީއޯ އިން ނެރުނީ ތިން ތަރި އާއި ހަތަރު ތަރި އަދި ފަސް ތަރީގެ ހަކަތަރި ލޭބަލް ޖަހާފައިވާ އުފެއްދުންތަކެވެ.

"ހަކަތަރި" އަކީ ކަރަންޓު ހަރަދު ކުޑަކޮށް، ކަރަންޓު ބޭނުން ކުރަނީ ކިހާ ވަރަކަށް ކަން އަންގައި ދިނުމަށް ބޭނުންކުރާ ދިވެހި ލޭބަލެކެވެ. މިއީ ރާއްޖެ އަށް އެތެރެ ކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގައި، ހާއްސަ މިންގަނޑުތަކަކަށް ފެތޭ ތަކެތިކަން ޔަގީންކޮށް، އާންމުންނަށް އެ ތަކެތި ވަކި ކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށް 2021 ވަނަ އަހަރު އެންވަޔަރުމެންޓް މިނިސްޓްރީން ބޭނުން ކުރަން ފެށި ލޭބަލެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާކެޓިން މެނޭޖަރު މުހައްމަދު ޝަހާދު ވިދާޅުވީ، އެއީ ސަރުކަރުގެ ހަކަތަރި ލޭބަލާ އެކު، އެންމެ ފުރަތަމަ އުފެއްދުންތައް ނެރުނު ކުންފުނި ކަމަށެވެ. ހަކަތަރި ލޭބަލްގައި އެ ކުންފުނި އެންމެ ފުރަތަމަ ނެރުނީ އޭސީ ކަމަށާއި އެއީ 2022 ވަނަ އަހަރުގައި ކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ފާއިތުވި އަހަރު ވެސް މި ލޭބަލްގައި އިތުރު ޕްރޮޑަކްޓުތައް ނެރުނިން. މިއަދު މި ނެރެނީ ހަކަތަރި ލޭބަލް ޖެހި ދޮންނަ މެޝިނާއި ރެފްރިޖަރޭޓަރު. މިއީ ހިޓާޗީ އިން އަލަށް ނެރުނު ސީރީޒްތަކުގެ ޕްރޮޑަކްޓުތަކެއް. މީގެ ތެރޭގައި އެކި ރޭޓިންތަކުގެ ހަކަތަރި ލޭބަލް ޖަހާފައިވާ ޕްރޮޑަކްޓުތައް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އެކްރެލިކް ހިޓާޗީ ހޯމް އެޕްލައެންސް ސިންގަޕޯ ޑިރެކްޓާ އޮފް ސޭލްސް ތަރުން ޖެއިން ވިދާޅުވީ، ރާއްޖޭގެ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ހަކަތެރިން ކަނޑައަޅާފައިވާ ލޭބަލް ޖެހޭ ވަރަށް އުފެއްދުންތައް މޮޑިފައި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ. އަދި ދަތިވީ މިނިސްޓްރީން ކަނޑައަޅާފައިވާ ސްޓޭންޑަޑްތައް މަތިކަމުން ކަމަށާއި ހަކަތަރި ލޭބަލް އަކީ ހަކަތަ އިގުތިސާދު ކުރެވޭނެކަން ޔަގީންކޮށް ޖަހާފައިވާ ލޭބަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.