Roadha Mihaaru
ޓްރެފިކް ތޮއްޖެހުން ކުޑަކުރަން ދުބާއީގެ އެހީ ހޯދަނީ

ޓްރެފިކް ތޮއްޖެހުން ކުޑަކުރަން ދުބާއީގެ އެހީ ހޯދަނީ

28 ޖޫން 2024

މާލޭގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރަން ދުބާއީގެ ޓެކްނޮލޮޖީ އެހީތެރިކަން ހޯދަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރަން ދުބާއީގެ ޓެކްނޮލޮޖީ އެހީތެރިކަން ހޯދަން ނިންމައިފި އެވެ.

ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން، "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުބާއީގެ ރޯޑްސް އެންޑް ޓްރާންސްޕޯޓު އޮތޯރިޓީ (އާރުޓީއޭ) އާ ބައްދަލުކޮށް، މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމާ ގުޅޭ މަޝްވަރާ ކުރެއްވި ކަމަށެވެ.

އަމީން ވިދާޅުވީ ރާއްޖޭގައި އެ މަސައްކަތް ކުރަން އާރުޓީއޭއިން ޓެކްނޮލޮޖީ އެހީތެރިކަން ފޯރުކޮށްދޭނީ އެއްބަސްވެފައިވާ ފްރޭމް ވޯކެއްގެ ދަށުން ކަމަށެވެ.

އާރުޓީއޭގެ ޓެކްނޮލޮޖީ އަދި ތަޖުރިބާގެ އަލީގައި މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް މަސައްކަތްކުރާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި، މިނިސްޓަރު އަމީން ވިދާޅުވީ މާލެ ސަރަހައްދުގައި ވެހިކަލް ގިނަވެ، ޓްރެފިކް ތޮއްޖެހުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމަށެވެ. އެހެންވެ، އެކަން ހައްލުކުރުމުގައި ނަމޫނާ ދައްކާފައިވާ ޔޫއޭއީ ނަވަތަ ސިންގަޕޫރު ފަދަ ގައުމަކުން ބައިލޭޓްރަލްގެ ދަށުން އެކްސްޕާޓުން ގެނެސް، ރާއްޖޭގައި ބައިތިއްބައިގެން މުޅި މައްސަލަ ދެނެގަތުމުގެ އެހީއަށް ފޮރިން މިނިސްޓްރީގައި އެދިފައިވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ވިދާޅުވި އެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި 69،780 އުޅަނދު އަލަށް ރަޖިސްޓަރީ ކޮށްދީފައިވެ އެވެ. އޭގެ ތެރެއިން 42،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީކުރީ މާލެ އަށް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެ އެވެ.