Roadha Mihaaru
މި ދެ ބޯވަދިލަމަހުގެ އަގަކީ 4،100 ރުފިޔާ!

މި ދެ ބޯވަދިލަމަހުގެ އަގަކީ 4،100 ރުފިޔާ!

03 އެޕްރީލް 2019

މި ސަރުކާރުން މުޅިން އަލަށް ރާއްޖޭގައި ފެށި ތުތިބޯވަދިލަ މަހުގެ މަސްވެރިކަން މިހާރު ވަނީ ވައިގައި ހިފަން ފަށައިފަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި ސަރުކާރުން މުޅިން އަލަށް ރާއްޖޭގައި ފެށި ތުތިބޯވަދިލަ މަހުގެ މަސްވެރިކަން މިހާރު ވަނީ ވައިގައި ހިފަން ފަށައިފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ހާއްސަ ތަމްރީނުތަކެއް ދީގެން ކުރާ މި މަސްވެރިކަމުގެ ދަށުން ފުރަތަމަ ބޯވަދިލަމަސް އިއްޔެ މިފްކޯއަށް ވިއްކާލި އިރު އޭގެ އަގު 4،100 ރުފިޔާއަށް އަރަ އެވެ.

މިދިޔަ ޖެނުއަރީ މަހު ތައާރަފްކުރި މި މަސްވެރިކަން މިހާރު ހަތަރު ފަރާތަކުން ކުރެ އެވެ. އޭގެ ތެރެއިން ބަޔަކު، ކ. އެނބޫދޫ ކައިރިން އިއްޔެ ބޭނި އެއް ބޯވަދިލަ މަހުގެ ބަރުދަނުގައި 12.2 ކިލޯ ހުރި އިރު، އަނެއް ބޯވަދިލަމަހުގައި 11.3 ކިލޯ ހުއްޓެވެ. މި މަސްތައް މިފްކޯއަށް ވިއްކާލީ ކިލޯއަކަށް 180 ރުފިޔާގެ މަގުން، 4،100 ރުފިޔާ އަށެވެ.

މި ދެ މަސް ބޭނީ 400 މީޓަރު އަޑިންނެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މި މަސްވެރިކަމުގައި އުޅޭ އެހެން މީހަކު ވަނީ 18 ކިލޯގެ ބޯވަދިލަމަހެއް ބާނައިފަ އެވެ.

ބައިނަލްއަގްވާމީ މާކެޓްގައި ބޯވަދިލަމަހުގެ ކިލޯއެއްގެ އަގު 15-25 ޑޮލަރަށް އަރާއިރު މިއީ ރާއްޖޭގެ ރިސޯޓުތަކަށް ވެސް ވަރަށް ބޭނުން ވައްތަރުގެ ބާވަތެކެވެ.

މި ބާވަތުގެ މަސް އާއްމުކޮށް އުޅެނީ ޖޯޑުޖޯޑަށެވެ. އެހެންވެ، އެ މަސްވެރިކަން ކުރާ ސަރަހައްދުގައި ކޮންމެ ފަހަރަކު ވެސް ދޭތި ބޭނުމުގެ ފުރުސަތު އޮވެ އެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އާދަމް މަނިކު ވިދާޅުވީ ތުތިބޯވަދިލަ މަހުގެ މަސްވެރިކަމަށް ފުރަތަމަ ހުޅުވާލި ފުރުސަތުގައި އެ މަސްވެރިކަމަށް ބޭނުންވާ އާލާތްތައް ހަތަރު ބަޔަކަށް ވަނީ ފޯރުކޮށްދީފަ އެވެ. އަނެއް އޭގެ އާލާތްތައް ހޯދުމަށް ދިހަ ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މީހަކު ބޭނި ތުތިބޯވަދިލަމަހެއް: މި ބާވަތުގެ މަސްވެރިކަން މިހާރު ވަނީ ވައިގައި ހިފަން ފަށާފައި

ރާއްޖޭގައި މީހަކު ބޭނި ތުތިބޯވަދިލަމަހެއް: މި ބާވަތުގެ މަސްވެރިކަން މިހާރު ވަނީ ވައިގައި ހިފަން ފަށާފައި

ތުތިބޯވަދިލަ މަހުގެ މަސްވެރިކަމަށް މިނިސްޓްރީން މިހާރު ގެނެސްފައި ވަނީ އެކަމަށް ހާއްސަ ދިހަ އާލާތެވެ. މިއިން ސެޓެއްގެ އަގު 249،000ރ އަށް އަރަ އެވެ. މިތަކެތި ދޫކުރަނީ ދިގު މުއްދަތަކުން ފައިސާ ދައްކައިގެން މިލްކު ކުރެވޭ ގޮތަށެވެ. އެގޮތުން ކޮންމެ މަހަކު އެ މިނިސްޓްރީއަށް 4،446 ރުފިޔާ ދައްކަން ޖެހެ އެވެ.

އާދަމް މަނިކު ވިދާޅުވީ ތުތިބޯވަދިލަ މަހުގެ މަސްވެރިކަން ފަށަން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ފުދޭވަރަކަށް އެ ބާވަތުގެ މަސް އުޅެ އެވެ. އެކަމަކު އޭގެ އަސްލު މިންވަރ އަދި ހޯދިފައެއް ނުވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އެ ބާވަތުގެ މަސްވެރިކަން ކުރެވިދާނެކަމުގެ ޔަގީންކަން ބޮޑެވެ.

ކުދި ބޯވަދިލަ މަސްތަކެއް: އެ މަސްވެރިކަމަށް ބޭނުންވާ އާލާތްތައް ސަރުކާރުން އަންނަނީ ދޫކުރަމުން

ކުދި ބޯވަދިލަ މަސްތަކެއް: އެ މަސްވެރިކަމަށް ބޭނުންވާ އާލާތްތައް ސަރުކާރުން އަންނަނީ ދޫކުރަމުން

މި މަސްވެރިކަމަށް ޝައުގުވެރިކަން ފާޅުކުރި ދިހަ މީހުންނާއި އެކަމުގައި އަމިއްލަ ގޮތުން ބައިވެރިވި 15 މީހުންނާ އެކު ތަމްރީނު ދަތުރެއް ދާން ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އެއީ މަސްވެރިކަން ކުރާނެ ގޮތް ދަސްކޮށްދީ، އެ ބާވަތުގެ މަސް އާއްމުކޮށް އުޅޭ ސަރަހައްދުތައް ދެނެގަތުމަށް ކުރާ ދަތުރެކެވެ.

ތުތިބޯވަދިލަ މަހަކީ އައްޔަށް ދަތުރުކުރާ އެއްޗަކަށް ވުމުން، މި މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތުގައި ހުންނަނީ ބޮކި ހަރުކޮށްފަ އެވެ. ބޯވަދިލަމަސް ބާނަން ބޭނުންކުރާ ދެ ނަނުގައި ހަރުކޮށްފައިވާ ބޮކި ދިއްލުމަށް ފަހު ކަނޑަށް ދޫކުރަނީ އެވެ. ކަނޑުގެ 500 މީޓަރު އަޑިއަށް ނަނު ދޫކުރެވޭއިރު، ނަނު ދަމާ ނަގަނީ ކަރަންޓުގެ އެހީގަ އެވެ.

ތުތިބޯވަދިލަ މަސް ހިފަން ބޭނުންކުރާ ޖިގު ދައްކައިދޭ ކުރެހުމެއް -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ތުތިބޯވަދިލަ މަސް ހިފަން ބޭނުންކުރާ ޖިގު ދައްކައިދޭ ކުރެހުމެއް -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ތުތިބޯވަދިލަ މަސްވެރިކަން ރާއްޖެއަށް ތައާރަފްކުރުމަކީ މި ސަރުކާރުގެ ފުރަތަމަ މަހު ކުރަން ކަނޑައެޅި ވައުދެކެވެ.