Roadha Mihaaru
މެންބަރުން އަދަދު މަދުކުރަން ހުށަހެޅި ގަރާރު ކޮމިޓީިއަށް

މެންބަރުންގެ އަދަދު ހިފަހައްޓަން ހުށަހެޅި ގަރާރު ދިރާސާކުރަން ކޮމިޓީއަށް

03 ޖުލައި 2024

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަޖިލީހުގެ ކޮންމެ ދައުރަކު ވެސް އިތުރުވަމުންދާ މައްސަލަ ހައްލު ކުރުމާ މެދު މެންބަރުންގެ ހިޔާލު ހޯދަން ހުށަހެޅި ގަރާރު އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަޖިލީހުގެ ކޮންމެ ދައުރަކު ވެސް އިތުރުވަމުންދާ މައްސަލަ ހައްލު ކުރުމާ މެދު މެންބަރުންގެ ހިޔާލު ހޯދަން ހުށަހެޅި ގަރާރު އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

މެންބަރުންގެ އަދަދު ހިފަހައްޓަން ގާނޫނުއަސާސީ ބަދަލުކުރުމާ މެދު މެންބަރުންގެ ހިޔާލު ހޯދަން ގަރާރެއް ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު އެވެ.

އެ ގަރާރާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި އިއްޔެ އާއި މިއަދު މެންބަރުން ބަހުސް ކުރައްވައި، ނެގި ވޯޓުގައި 78 މެންބަރުންގެ އިއްތިފާގުން ފާސްކުރީ އެ ގަރާރު ބަލައިގަތުމަށެވެ. އެހެންވެ ރިޔާސަތުން އިއުލާން ކުރީ އެ ގަރާރު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުވުމަށެވެ.

އެ މައްސަލާގައި ބަހުސް ކުރެއްވި ހުރިހާ ޕާޓީއެއްގެ މެންބަރުން ވެސް ވަނީ މަޖިލިސް މެންބަރުންގެ އަދަދު ހިފަހައްޓަން ޖެހޭ ކަމަށާއި މިހާރު ތިއްބެވި މެންބަރުންގެ އަދަދު ވެސް ގިނަ ކަމަށް ވިދާޅުވެފަ އެވެ. މެމްބަރުންގެ އަދަދު މަދުކުރަން ކުރާ މަސައްކަތަށް އެއްބާރުލުން ދީގެން ކުރިޔަށް ގެންދަން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ތާއީދު ކުރި އެވެ.

މެމްބަރުންގެ އަދަދު މަދުކުރާނެ ގޮތަކާ މެދު އެކި މެމްބަރުން ތަފާތު ހިޔާލު ހުށަހެޅުއްވި އެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހިޔާލު ހުށަހެޅުއްވީ ބައެއް ގައުމުތަކުން އެ ހިސާބު ޖަހާ ގޮތަށް ކިއުބް ރޫޓް ރިލޭޝަންޝިޕް ފޯމިއުލާ ބޭނުން ކުރުމަށެވެ. އޭރުން މަޖިލީހުގައި ތިއްބަވާނީ 72 މެންބަރުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

ދެވަނަ ގޮތަކީ ގާނޫނުއަސާސީގައި 5،000 މީހަކަށް މެންބަރެއް ކަނޑައަޅަން ޖެހޭ ގޮތަށް އޮތް އޮތުން 10،000 އަށް ބަދަލު ކުރުމެވެ. އޭރުން ކުރިއަށް އޮތް 25 އަހަރު ތެރޭގައި ވެސް 70 މެމްބަރުންގެ ގޮތުގައި މަޖިލީހުގެ އަދަދު ހިފެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ 5،000 މީހުން ތަމްސީލް ކުރާ މެންބަރުންގެ އަދަދު 1 އަށް ދަށްކުރުމުން މަޖިލިހުގެ މެންބަރުންގެ އަދަދު 72 އަކަށް ބަދަލުވާނެ ކަމަށެވެ. އެ މާއްދާގައި ބަޔާން ކުރާ އަދަދު 5،000 އިން 7،000 އަށް ބަދަލު ކުރަން ފެންނަ ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ.

އެހެން ނަމަވެސް ގާނޫނުއަސާސީގައި ބުނާ އަދަދު ބަދަލު ކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ތާއީދެއް ނުކުރައްވަ އެވެ. ސަބަބަކީ ގާސިމް ވިދާޅުވި ގޮތުގައި އާބާދީ އިތުރުވުމުން އަލުން ގާނޫނުއަސާސީ ބަދަލުކޮށްގެން އަދަދު އިތުރު ކުރަން ޖެހުމެވެ.

އޭގެ ބަދަލުގައި ގާސިމް ހުށަހެޅުއްވި ހައްލަކީ މަޖިލީހުގައި ދާއިރާތަކަކީ ކޮބައިކަން ކަނޑައަޅައި މަޖިލީހުގައި ތިއްބަވާނެ މެންބަރުންގެ ސީދާ އަދަދެއް ގާނޫނުއަސާސީގައި ލިއުމެވެ. އޭރުން އެ މާއްދާ ފަހުން ބަދަލު ކުރަން ނުޖެހި ދާއިމަށް ހައްލު ވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

އެމްއެންޕީގެ ރައީސް އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވީ ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލައި ކޮންމެ 10،000 މީހަކަށް މެންބަރެއް ބެހެއްޓުމަށެވެ. އެގޮތަށް ބަދަލު ކުރުމުން މަޖިލީހުގައި ތިއްބަވާނީ 52 މެންބަރުން ކަމަށާއި އޭރުން 31 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި މިހާރު ބުނާގޮތުން ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެމްބަރުން ތިބެން ޖެހެ އެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެމްބަރަކު އިންތިހާބު ކުރަން ޖެހެ އެވެ.

އޮގަސްޓް 7، 2008 ގައި އަމަލުކުރަން ފެށި މިހާރުގެ ގާނޫނުއަސާސީގެ ފަހުން ރައްޔިތުންގެ މަޖިލިހުގެ ހަތަރު އިންތިހާބެއް މިހާތަނަށް ބާއްވާފައިވާއިރު، ކޮންމެ ފަހަރަކު ވެސް މެމްބަރުންގެ އަަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން 2009 ގައި އިންތިހާބުކުރި 17 ވަނަ މަޖިލިހަށް 77 މެމްބަރުން 2014 ގައި 85 އަދި 19 ވަނަ މަޖިލިހަށް 87 މެމްބަރުން އިންތިހާބުކުރި އެވެ. ވިހި ވަނަ މަޖިލިސް އިންތިހާބުކޮށް މިހާރު ކުރިއަށް ދަނީ 93 މެމްބަރުންނާ އެކުގަ އެވެ.