Roadha Mihaaru
ބިން ފޭރުމުގެ ބޮޑު ޕްލޭން އިޒްރޭލުން ތަންފީޒުކުރަނީ

ބިން ފޭރުމުގެ އެންމެ ބޮޑު ޕްލޭން އިޒްރޭލުން ތަންފީޒުކުރަނީ

04 ޖުލައި 2024

އިޒްރޭލުން ހިފާފައިވާ، ފަލަސްތީނުގެ ހުޅަނގު އައްސޭރިން މިދިޔަ 30 އަހަރު ތެރޭ ބިންތައް ފޭރުމުގެ އެންމެ ބޮޑު ޕްލޭން އިޒްރޭލުން ފާސްކޮށް ތަންފީޒުކުރަން ނިންމައިފި އެވެ.

އިޒްރޭލުން ހިފާފައިވާ، ފަލަސްތީނުގެ ހުޅަނގު އައްސޭރިން މިދިޔަ 30 އަހަރު ތެރޭ ބިންތައް ފޭރުމުގެ އެންމެ ބޮޑު ޕްލޭން އިޒްރޭލުން ފާސްކޮށް ތަންފީޒުކުރަން ނިންމައިފި އެވެ.

އިޒްރޭލުގެ މި ނިންމުމަކީ ސުލްހަޔަށް ބޮޑު ހުރަހެއް ކަމަށާއި ފަލަސްތީނު ރައްޔިތުންނަށް ލިބޭ އިތުރު ނިކަމެތި ކަމަކަށް ވާނެ ކަމަށް ބުނެ "ޕީސް ނައު" ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޕީސް ނައު ގްރޫޕުން ހާމަކުރުރި އަދި އޭއެފްޕީއަށް ލިބިފައިވާ އިޒްރޭލު ސަރުކާރުގެ ގަރާރެއްގައި ޣައުރުލް އުރުދުން [ޖޯޑަން ވެލީ] ގެ 12.7 އަކަކިލޯމީޓަރު (4.9 އަކަމޭލު) ގެ ބިން ޖޫން މަހު ވަނީ "ދައުލަތުގެ މުދަލެއް" ގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

"އިޒްރޭލުގެ ބިމުގެ ގޮތުގައި ކަނޑައެޅި ސަރަހައްދުގެ ބޮޑުމިނަކީ [1993 ވަނަ އަހަރުގެ[ އޮސްލޯ އެއްބަސްވުމަށް ފަހު މިހާތަނަށް ނެގި އެންމެ ބޮޑު ސަރަހައްދު. އަދި 2024 ވަނަ އަހަރަކީ ދައުލަތުގެ ބިމުގެ ގޮތުގައި މިހާތަނަށް އެންމެ ގިނަ ބިންތައް ކަނޑައެޅި އަހަރަށް ވަނީ ވެފައި،" ޕީސް ނައު އިން ބުންޏެވެ.

މި އަހަރު ހުޅަނގު އައްސޭރީގެ 23.7 އަކަކިލޯމީޓަރުގެ ބިން އިޒްރޭލުން ވަނީ ދައުލަތުގެ މުދަލުގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

"ޕީސް ނައު" އިން ބުނީ ފަލަސްތީނު ރައްޔިތުން ގެދޮރު ބިނާކޮށް ދިރިއުޅެމުންދާ ސަރަހައްދުތަކުން މިގޮތަށް ބިން ދައުލަތަށް ނެގުމުން، ފަލަސްތީނު ރައްޔިތުންނަށް އެއީ އަމިއްލަ މިލްކުވެރި ބިމުގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އަދި އެ ހިސާބުން އެ ބިންތައް ބޭނުންކުރުމުގެ ބާރު ވެސް ފަލަސްތީނު ރައްޔިތުންނަށް ގެއްލޭނެ އެވެ.

ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އަދި ޣައްޒާ އިޒްރޭލުން ހިފީ 1967 ވަނަ އަހަރުގެ އަރަބި-އިޒްރޭލު ހަނގުރާމައިގަ އެވެ.

އޭގެ ފަހުން ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި އިޒްރޭލުގެ 490،000 އަށް ވުރެ ގިނަ މީހުން ވަޒަންވެރިކުރުވާފައި ވާއިރު އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފް އަމަލެކެވެ.

ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ތިން މިލިއަނެއްހާ މީހުން އުޅެ އެވެ.

އިޒްރޭލުން 1980ގެ އަހަރުތަކުގައި އެތައް ސަތޭކަ އަކަކިލޯމީޓަރެއްގެ ބިން އަތުލައިގަތެވެ. އެކަމަކު 1992 ވަނަ އަހަރުން ފެށިގެން އެގޮތަށް ބިން ފޭރުން ހުއްޓާލި އެވެ. ނަމަވެސް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފުރަތަމަ ސަރުކާރުން 1996 ވަނަ އަހަރު އެކަން އަލުން ފެށި އެވެ.

ޣައްޒާ ހަނގުރާމައިގެ ސަބަބުން މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި މި ބިންތައް ފޭރުމާ ގުޅޭ ގޮތުން އިޒްރޭލުން ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. -- އޭއެފްޕީ