Roadha Mihaaru
އައިމާ އިން ބިދޭސީން ފުރުވާލި މައްސަލަ ކޮމިޓީގައި

އައިމާގެ ބިދޭސީ މުވައްޒަފުން އަވަހަށް ފުރުވައިލި މައްސަލަ މަޖިލީހުގެ ކޮމިޓީގައި

22 ޖޫން 2020

އައިމާ ކޮންސްޓްރަކްޝަންގެ އެތަކެއް ސަތޭކަ ބިދޭސީ މަސައްކަތްތެރިން މިދިޔަ މަހު ތިލަފުއްޓަށް ގެންދިއުމާއި އެ ރަށުގައި އެ މީހުން ގެންގުޅުނު ގޮތާއި އެ މީހުންނަށް ދިމާވި މައްސަލަތައް ކަމާބެހޭ ފަރާތްތަކުން ނުބަލައި އެ މީހުން ރާއްޖެ އިން ފޮނުވައިލުމުން ސީރިއަސް ސުވާލުތަކެއް ފެންމަތިކޮށް، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ އަށް ހުށަހެޅި މައްސަލައެއް އެ ކޮމިޓީން ބަލަމުން އެބަ ގެންދެ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

އައިމާ ކޮންސްޓްރަކްޝަންގެ އެތަކެއް ސަތޭކަ ބިދޭސީ މަސައްކަތްތެރިން މިދިޔަ މަހު ތިލަފުއްޓަށް ގެންދިއުމާއި އެ ރަށުގައި އެ މީހުން ގެންގުޅުނު ގޮތާއި އެ މީހުންނަށް ދިމާވި މައްސަލަތައް ކަމާބެހޭ ފަރާތްތަކުން ނުބަލައި އެ މީހުން ރާއްޖެ އިން ފޮނުވައިލުމުން ސީރިއަސް ސުވާލުތަކެއް ފެންމަތިކޮށް، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ އަށް ހުށަހެޅި މައްސަލައެއް އެ ކޮމިޓީން ބަލަމުން އެބަ ގެންދެ އެވެ.

މަޖިލީހުގެ ކޮމިޓީއަކުން ބަލާ މިފަދަ ފުރަތަމަ މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ލޭބަ ރިލޭޝަންސް އޮތޯރިޓީ އާއި ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން ޖަވާބުދާރީވާން އަންގައިފަ އެވެ.

ކޮމިޓީ އަށް މައުލޫމާތު ދެމުން، މި މަހު 9 ގައި ޓްރާންސްޕޭރެންސީން ބުނީ އައިމާގެ މުވައްޒަފުންނަށް ދިމާވި ކަންތައްތައް ބެލުމުގެ އިތުރުން ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނަށް ބިކަ ހާލު ޖައްސަމުންދާ ހާލަތު ބަދަލުކުރަން ނިޒާމީ އިސްލާހުތައް ގެންނަން މި މައްސަލައިން ފުރުސަތު ލިބޭ ކަމަށެވެ.

"މިހާތަނަށް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަދި ދިވެހިރާއްޖޭގައި ވެސް ނިޒާމީ ކަންކަން ހައްލު ކުރެވިފައި ހުރީ ވަކިވަކި ކަންކަމުން ޕްރެސެޑެންޓް ސެޓްކުރެވިގެން. އެހެންވީމާ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއީ ވަރަށް ރަނގަޅު ފުރުސަތެއް،" ޓްރާންސްޕޭރެންސީގެ ސީނިއަ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލް ކޮމިޓީގައި ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނި އައިމާ އިން ކޮންޓްރެކްޓަށް ރިސޯޓު ހަދަމުން އަންނަ ދެ ރަށަކުން ތިލަފުއްޓަށް ގެންދިޔަ ބަންގްލަދޭޝް އާއި އިންޑިއާގެ މީހުންގެ އަދަދު 400 އަށް ވުރެ މަތި ކަމަށް މީޑިއާގައި ރިޕޯޓު ކޮށްފައިވެ އެވެ. އެ މީހުން މަސައްކަތް ކުރަމުން ގެންދިޔައީ މ. މަޑިފުއްޓާއި ކ. އަތޮޅުގެ ރަށެއްގައި ކަމަށް ވެ އެވެ.

"އައިމާގެ މެނޭޖުމެންޓުން އެ ފަރާތްތަކުގެ އެމްޕްލޯޔާގެ ގޮތުގައި އަދި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ޑިއުޓީ އޮފް ކެއާއެއް އެބަ އޮންނަން ޖެހޭ މި ފަރާތްތަކަށް. މި ޑިއުޓީ އޮފް ކެއާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް ވަރަށް ބޮޑަށް ޝައްކުކުރެވޭ، އައިމާ މެނޭޖުމެންޓުން ވެސް އަދި ކަމާގުޅޭ ދައުލަތުގެ އިދާރާތަކުން ވެސް."

މި މައްސަލަ އަށް ބޮޑު ސަމާލުކަމެއް ފުރަތަމަ ލިބުނީ، އެ މަސައްކަތްތެރިން މި މަހުގެ 2 ގައި ތިލަފުށީގައި ކުރި މުޒާހާރާއެއްގައި ހަމަނުޖެހުން ހިންގައިގެން ފުލުހުން ހަތް މީހަކު ހައްޔަރުކުރުމާ ގުޅިގެންނެވެ. މާލެއާ ކައިރި ސިނާއީ ރަށަށް އެ މީހުން ބަދަލުކުރީ ރިސޯޓު ހަދާ ސައިޓުތަކުގައި ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން ކަމަށް ވެސް ކުރިން ރިޕޯޓް ކޮށްފައިވެ އެވެ.

މަޖިލީހުގެ ކޮމިޓީގައި ޓްރާންސްޕޭރެންސީން ބުނީ އެ މަސައްކަތްތެރިންގެ ހައްގުތައް ގެއްލި ބިކަވިކަން، އެކި ފަރާތްތަކުން އެ ޖަމްއިއްޔާ އަށް ދީފައިވާ މައުލޫމާތުތަކާއި ނޫސްތަކުގައި ޖަހާފައިވާ ޚަބަރުތަކުން އެނގޭ ކަމަށެވެ.

އެ މީހުން ރާއްޖެ ގެނެސް ވަޒީފާ ދިނުމުގައި ހިއުމަން ޓްރެފިކިންގެ އަމަލެއް ހިންގާފައިވޭތޯ އާއި ކޮވިޑް-19އާ ގުޅިގެން ދަތުރުފަތުރު ހުއްޓާލައި، ހުރިހާ ގައުމުތަކެއް ލޮކްޑައުންގައި އޮތް ދަނޑިވަޅެއްގައި އެހާ އަވަހަށް އެ މީހުން ފުރުވައިލެވުނު ގޮތާއި އެކަމުގައި ސަރުކާރުގެ ބަޔަކު ބައިވެރިވެ ކޮރަޕްޝަންގެ އަމަލެއް ހިންގިތޯ ބަލައިދޭން ވެސް، އެފަދަ ތުހުމަތުތަކެއް އެބަހުރި ކަމަށް ބުނެ، ކޮމިޓީގައި ޓްރާންސްޕޭރެންސީން އެދުނެވެ.

"އައިމާގެ މެނޭޖުމެންޓުން އެ ފަރާތްތަކުގެ އެމްޕްލޯޔާގެ ގޮތުގައި އަދި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ޑިއުޓީ އޮފް ކެއާއެއް އެބަ އޮންނަން ޖެހޭ މި ފަރާތްތަކަށް. މި ޑިއުޓީ އޮފް ކެއާ ދިނުމުގައި އިހުމާލުވެފައިވާ ކަމަށް ވަރަށް ބޮޑަށް ޝައްކު ކުރެވޭ، އައިމާ މެނޭޖުމެންޓުން ވެސް އަދި ކަމާގުޅޭ ދައުލަތުގެ އިދާރާތަކުން ވެސް،" ޓްރާންސްޕޭރެންސީގެ ސީނިއަ ޕްރޮޖެކްޓް ކޯޑިނޭޓަރު އާހިދު ރަޝީދު ވިދާޅުވި އެވެ.

ތިލަފުށީގައި މަސައްކަތްތެރިން ތިބީ ތޮއްޖެހުން ބޮޑު، ދެރަ ހާލަތެއްގައިކަން ދައްކައިދޭ ފޮޓޯ އާއި ވީޑިއޯ ވެސް އެ ޖަމިއްޔާ އިން ކޮމިޓީ އަށް ހުށަހެޅި އެވެ.

ޓްރާންސްޕޭރެންސީން ނެގި މައިގަނޑު އެއް ނުކުތާއަކީ ތިލަފުށީގައި މުޒާހަރާކުރާ ހިސާބަށް ކަންތައް ދިޔަ ސަބަބަކީ އަދި މައްސަލައިގެ ފެށުމަކީ މުސާރަ އާއި އިނާޔަތްތައް ލިބުން ލަސްވާތީ ނުވަތަ މުސާރަ ލިބޭ ގޮތާ މެދު ހިތްހަމަނުޖެހިގެން ނުވަތަ ރިސޯޓު ސައިޓުގައި އެކޮމޮޑޭޝަން ހާލަތު ހުރި ގޮތުން އޭޕްރީލް މަހު މަސައްކަތްތެރިން ހަޅުތާލުކުރުން ކަމަށް އެ ޖަމިއްޔާ އަށް މައުލޫމާތު ލިބިފައިވާ ކަމެވެ. މުޒާހަރާކުރުމަކީ ގާނޫނުއަސާސީގެ ދަށުން ބިދޭސީ މަސައްކަތްތެރިންނަށް ވެސް އޮތް ހައްގެއްކަން ޓްރާންސްޕޭރެންސީން ފާހަގަކުރި އެވެ.

"އެހެންވީމާ ބިދޭސީ މަސައްކަތްތެރިން މުޒާހަރާކުރުން މައްސަލައަކަށް ވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. މައްސަލައަކަށް ވާން ޖެހެނީ މުޒާހަރާކުރި ސަބަބު މިއަދާ ހަމައަށް ވެސް އަޅުގަނޑުމެންނަށް ބެލިފައި ނުވަތަ އެކަމަށް އެޑްރެސްކުރެވިފައި ނުވާތީ،" ތޮލާލް ވިދާޅުވި އެވެ.

ޓްރާންސްޕޭރެންސީން ބުނިގޮތުގައި، ރިސޯޓު ހަދާ ތަނުގައި ކުރި ހަޅުތާލުގެ ތެރޭގައި ހަމަނުޖެހުމެއް ހިނގައި މާރާމާރީއަކަށް ބަދަލުވި މައްސަލަ ފުލުހުން ތަހުގީގުކޮށްފައިވާ ނަމަ ފާހަގަކުރެވުނު ކަންކަން އެނގުން މުހިއްމެވެ.

"ރިޕޯޓްކޮށްފައިވާ ނަމަ ފުލުހުން ތަހުގީގުކުރާނެ ކަމަށް އަޅުގަނޑުމެން މި ލަފާކުރަނީ. އެހެންވީމާ ކުރަމުންދާ ތަހުގީގެއް ކުރިއަށް ދަނިކޮށް، މިހިރީ އިތުރު ހާދިސާތަކެއް ހިނގައިފައި،" އާހިދު ވިދާޅުވި އެވެ.

"މި މާރާމާރީ މި ހިނގީ ކޮން ބައެއްގެ ތެރޭގައިތޯ އަޅުގަނޑުމެންނަށް ސުވާލު އުފެދޭ."

ހަމަނުޖެހުން ހިންގީ ވަކި ބަޔަކު ކަމަށްވާ އިރު، ހުރިހާ މަސައްކަތްތެރިން ތިލަފުއްޓަށް ގެންދިޔައީ ކީއްވެގެންތޯ އާއި ކޮވިޑް-19 ފެތެރުމެން ދަނިކޮށް އެތައް ސަތޭކަ ބަޔަކު ތިލަފުއްޓަށް އުފުލީ އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް ގައިދުރުކަމުގައިތޯ އަދި ތިލަފުއްޓަށް އެ މީހުން ބަދަލުކުރަން ފުލުހުންގެ އެހީތެރިކަން ލިބުނު ކަމަށް އައިމާއާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ އިރު އެކަމުގައި ފުލުހުން އަދާކުރީ ކޮން ދައުރެއްތޯ އާއި ފުލުހުންގެ އެސްއޯޕީތަކަށް އަމަލުކުރިތޯ ވެސް އެނގެން ޖެހޭ ކަމަށް ޓްރާންސްޕޭރެންސީން ބުނެ އެވެ.

ތިލަފުށީގައި ވެސް މައިގަނޑު ގޮތެއްގައި މުޒާހަރާކުރީ މުސާރައިގެ މައްސަލައިގައި ކަމަށާއި އެކަމަކު ކެއުމާއި ފާހާނާ ފަދަ އަސާސީ ބޭނުންތައް ވެސް އެ މީހުންނަށް ނުފުދޭކަން އެނގިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ. އޭގެ ތެރޭގައި، ބަންގްލަދޭޝްގެ މީހުން ތިބި ތަނުގައި ފުރަތަމަކޮޅު ފާހާނާއެއް ނެތިގެން މޫދަށް ފާހާނާކުރަން ޖެހުމާއި ރޯދަ މަހު ރޯދަ ހިފާ ބައެއް މީހުންނަށް އެކަށީގެންވާ ގޮތަކަށް ކާން ނުލިބުން ހިމެނެ އެވެ.

"އިންޑިއާ މަސައްކަތްތެރިންގެ ތެރޭގައި ތިބޭ މުސްލިމުންނަށް އެއްގޮތަކަށް ވެސް ރޯދަވީއްލާ ގަޑި އަށް އެއްޗެއް ލިބޭ ގޮތެއް ނުވޭ. އެހެންވީމާ އެ ފަރާތްތަކުން ހަދަން މި ޖެހުނު ގޮތަކީ މެންދުރު ގަޑީގައި މި ލިބޭ ކާއެތިކޮޅު އެ ފަރާތްތަކުން މަޑުކުރަން މި ޖެހެނީ އެ އެއްޗެހިތައް ކުނި ވިޔަސް، ނުވިޔަސް، ރޯދަ ވީއްލާ ގަޑި އަށް ކެއުމަށްޓަކައި،" އާހިދު ވިދާޅުވި އެވެ.

ތިލަފުށީ މުޒާހަރާގައި ފުލުހުން ބަޔަކު ހައްޔަރުކުރީ ކަމަކާ ނުލައިތޯ ކޮމިޓީ މެމްބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ޓްރާންސްޕޭރެންސީން ބުނީ އެ މީހުން ހައްޔަރުކުރީ މުދަލަށް ގެއްލުންދިނުމުގެ ތުހުމަތުގައިކަން އެނގިފައިވާ ކަމަށާއި އެފަދަ ކަންތައްތަކެއް ހިނގި ކަމަށެވެ.

"މި ހަމަނުޖެހުން ހިނގުމުގައި އެބަހުރި ބައެއް މަސައްކަތްތެރިން ކުށުގެ އަމަލުތަކުގެ ގޮތުގައި ހިމެނޭ އަމަލުތަކެއް ހިންގާފައި. އަޅުގަނޑުމެން އެއްގޮތަކަށް ވެސް އެ ކަމަކާ ދެކޮޅު ހަދަނީއެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މެއިން ޕޮއިންޓަކީ ހަތަރު ސަތޭކައެއްހާ މަސައްކަތްތެރިންގެ މިހާ ބައިވަރު ޝަކުވާތައް ހުރެ އަދި މީގެ އެތައް މަސައްކަތްތެރިންނެއް މުޒާހަރާކުރި އިރު، މުޒާހަރާކުރި މަސައްކަތްތެރިންތަކު ތެރޭ ތިބި މަދު ބަޔަކު ހިންގި ހަމަނުޖެހުމެއް ނުވަތަ މުދަލަށް ދިން އަނިޔާއެއް އޭތި ޕޮއިންޓެއް ގޮތަށް ނަގައިގެން ފަހުން ފެނިފައި ހުރީ. ދެން އޮތް ކަންތައްތަކަށް ނެތް ހައްލެއް ދީފައެއް." އެ މީހުންނަށް ކުރިމަތިވި ހާލަތު ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރުމެއް ނެތި އަނބުރާ ގައުމަށް ފޮނުވައިލުމަކީ މައްސަލައެއްގެ ގޮތުގައި އެ ޖަމިއްޔާ އިން ނެގި އެވެ. އާހިދު ވިދާޅުވީ ކަންތައް ގޯސްވެގެން ދިޔުމުން ގިނަ މަސައްކަތްތެރިން އަމިއްލަ އަށް ވެސް ބޭނުންވީ ރާއްޖެ އިން ފުރަން ކަމަށާއި އެކަމަކު "އެ ހިސާބަށް ކަންތައް ދިޔައިމަ ދެން ކޮންމެ މީހަކު ވެސް ބޭނުންވާނީ އަނބުރާ ރަށަށް ދާ"ން ކަމަށެވެ.

"އެއްވެސް ކަހަލަ ޔަގީން ކަމެއް ނެތޭ، މި ގައުމަކުންނެއް އިންސާފެއް ލިބޭނެ ކަމުގެ،" އޭނާ ވިދާޅުވި އެވެ. ކޮމިޓީ މެމްބަރުން ކަމަށްވާ ދަނގެތި ދާއިރާގެ މުހައްމަދު ނާޒިމާއި ވައިކަރަދޫ ދާއިރާގެ ހުސެއިން ޒިޔާދު ވެސް ވަނީ މަސައްކަތްތެރިންނާ ދޭތެރޭ ކަން ކުރި ގޮތް ތަހުގީގު ނުކޮށް އެ މީހުން ފޮނުވައިލުމަކީ މައްސަލައެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"މިއީ އަޅުގަނޑަށް ހީވަނީ ނުބައި ކަމެއްގެ ފެށުންހެން،" ޒިޔާދު ވިދާޅުވި އެވެ.

މައުލޫމާތު ދޭން ޓްރާންސްޕޭރެންސީ އަށް ފުރުސަތުދިނުމުގެ ކުރިން ކޮމިޓީން ވަނީ އައިމާގެ މުވައްޒަފުންނާ ދޭތެރޭ ކަން ކުރި ގޮތް ވަކިން ބެލުމަށާއި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާއި ކަރާމާތް ނަގާލުމުގެ އަމަލުތައް ރާއްޖޭގައި ހިންގަން ފުރުސަތު ލިބޭ ގޮތަށް ހުރި ނިޒާމީ މައްސަލަތައް ވެސް ބަލަން ފާސްކޮށްފަ އެވެ.

އާހިދު އިއްޔެ "މިހާރު" އަށް ވިދާޅުވިގޮތުގައި ހައްޔަރުކުރި ހަތް މީހުން ދޫކޮށްލާފައިވީ ނަމަވެސް އެކަކަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ވަނީ ހުށަހަޅައިފަ އެވެ. އެ މީހުންނާއި ފުރުވައިނުލައި ތިބި އިތުރު ބަޔަކު އައިމާގެ ބެލުމުގެ ދަށުގައި ތިބުމާ މެދު ކޮމިޓީގައި އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު އިއްޔެ ވިދާޅުވިގޮތުގައި ފުލުހުން ދޫކޮށްލި ހަތް މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދޭން އެދި ލޭބަ ރިލޭޝަންސް އޮތޯރިޓީ އަށް ކޮމިޓީން ސިޓީ ފޮނުވި ނަމަވެސް ހޮނިހިރު ދުވަހާ ހަމައަށް ޖަވާބެއް ނުލިބެ އެވެ.

އެޗްއާރުސީއެމުން މައްސަލަ ބަލައި ނިމުމުން ރިޕޯޓް ހުށަހަޅާނެ ކަމަށް ޖަވާބުދިން ކަމަށާއި އެކަމަކު ޕްރިލިމިނަރީ ހޯދުންތައް ކޮމިޓީއާ ހިއްސާކުރަން އެދިފައިވާނެ ކަމަށް ޖީހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަންގާރަދުވަހާ ހަމައަށް ޖަވާބެއް ނުލިބިއްޖި ނަމަ އެ ތިން ތަނާއި ޓްރާންސްޕޭރެންސީ އެކުގައި ކޮމިޓީ އަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށެވެ.

މިހާތަނަށް ކޮމިޓީ އަށް އިޖާބަދީ މައުލޫމާތު ފޯރުކޮށްދިނީ މޯލްޑިވިއަން ރެޑް ކްރެސެންޓުން އެކަންޏެވެ. ޖީހާން ވިދާޅުވީ ތިލަފުށީގައި ބިދޭސީން ތިބި ހާލަތާ ބެހޭގޮތުން އެމްއާރުސީން ވެސް ދީފައިވަނީ ޓްރާންސްޕޭރެންސީން ދެއްކި ވާހަކަތަކާ ދިމާވާ މައުލޫމާތުތަކެއް ކަމަށެވެ.