Roadha Mihaaru
އޭޝިއާގެ އަންޑަ 19 ބީޗް ވޮލީ މުބާރާތް ރާއްޖޭގައި

އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗް ވޮލީ މުބާރާތް ރާއްޖޭގައި

10 ޖެނުއަރީ 2018

އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗް ވޮލީބޯޅަ މުބާރާތް މި އަހަރުގެ މާޗު މަހު ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އޭޝިއާގެ 19 އަހަރުން ދަށުގެ ބީޗް ވޮލީބޯޅަ މުބާރާތް މި އަހަރުގެ މާޗު މަހު ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއީ މުޅި އޭޝިއާ އަށް ހުޅުވާލައިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ވޮލީބޯޅަ މުބާރާތެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގަ އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު އަދީލް (ބޭބެ) ވިދާޅުވީ މުބާރާތުގައި ފިރިހެން ބައިގެ އިތުރުން އަންހެން ބައި ވެސް އޮންނާނެ ކަމަށެވެ. މުބާރާތުގެ ދައުވަތު ގައުމުތަކަށް ފޮނުވަން ތައްޔާރުވަމުން އަންނައިރު 20 ގައުމަކުން ބައިވެރިވާނެ ކަމަށް އެސޯސިއޭޝަނުން އުއްމީދުކުރެ އެވެ.

"އޯޝޭނިއާ ސަރަހައްދު ފިޔަވައި އޭޝިއާގެ ހުރިހާ ޒޯނަކުން ގައުމުތައް ބައިވެރިވާނެ. އަޅުގަނޑުމެންގެ އުއްމީދަކީ 20 ގައުމު ބައިވެރިވުން،" އަދީލް ވިދާޅުވި އެވެ.

އެ އަދަދަށް ބައިވެރިވެއްޖެ ނަމަ މި މުބާރާތް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ގައުމު ބައިވެރިވެގެން ބާއްވާ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތަށެވެ. އެކަމަކު ބީޗް ވޮލީބޯޅަ ޓީމެއްގައި ހިމެނޭނީ ދެ ކުޅުންތެރިންނަށް ވާތީ ނިސްބަތުން ކުޅުންތެރިންގެ އަދަދު މި މުބާރާތުގައި މަދުވާނެ އެވެ.

މިދިޔަ އަަހަރުގެ މާޗު މަހު ރާއްޖޭގައި ވަނީ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބާއްވައިފަ އެވެ. ރާއްޖޭގެ އިތުރުން އެ މުބާރާތުގައި ބައިވެރިވީ ނޭޕާލް، ތުރުކުމެނިސްތާން އަދި ކިރްގިސްތާނެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީ މަހު މާލޭގައި ވަނީ ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރު ބާއްވައިފަ އެވެ.