Roadha Mihaaru
ވަރުގަދަ ދެ ޕެއާއާ އެކު ބީޗް ވޮލީބޯޅަ ޓީމު މުބާރާތަށް

ވަރުގަދަ ދެ ޕެއާއާ އެކު ބީޗް ވޮލީބޯޅަ ޓީމު މުބާރާތަށް

11 އެޕްރީލް 2018

ތައިލެންޑުގައި އަންނަ ހަފްތާގައި ފަށާ އޭވީސީ ބީޗްބޯލް ޓުއާގައި ވާދަކުރާ ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ދެ ޕެއާ މިއަދު މުބާރާތަށް ފުރައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ތައިލެންޑުގައި އަންނަ ހަފްތާގައި ފަށާ އޭވީސީ ބީޗްބޯލް ޓުއާގައި ވާދަކުރާ ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ދެ ޕެއާ މިއަދު މުބާރާތަށް ފުރައިފި އެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެ ތަމްސީލްކުރާ ދެ ޕެއާ އަކީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަޝްފާގު އާދަމް (އައްކަޅޭ)ގެ ޕެއާ އަދި ޝިއުނާޒް އަބްދުލް ވާހިދު އާއި މުހައްމަދު އަލީގެ ޕެއާ އެވެ.

ކުޑަކާއްޓޭ އާއި އައްކަޅޭ މި ފަހަރު ބީޗް ވޮލީބޯޅަ ޓީމަށް ކުޅޭއިރު، ސީނިއާ ޓީމު މިހާރު އަންނަނީ މި މަހު 19 ވަނަ ދުވަހު ބަންގްލަދޭޝްގައި ފަށާ އޭވީސީ ސީނިއާ މެންސް ވޮލީބޯޅަ މުބާރާތަށް ތައްޔާރުވާން ތައިލެންޑު ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރަމުންނެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުގައި ކާއްޓޭ ނުހިމެނުނީ ޓީމުގެ ޕްރެކްޓިސް ފެށިއިރު، އާއިލާ އަށް ވަގުތުދޭން ބޭނުންވާތީ ހުރިހާ ޕްރެކްޓިހެއްގައި އޭރު ބައިވެރިވެވެން ނެތުމުންނެވެ.

އައްކަޅޭ ވަނީ ފުރަތަމަ ސީނިއާ ޓީމުގެ ޕްރެކްޓިހަށް ގޮސްފަ އެވެ. އެހެން ނަމަވެސް ފަހުން އޭނާ ނިންމީ ބީޗް ވޮލީބޯޅަ މުބާރާތަށް ދިއުމަށެވެ. ބީޗް ވޮލީބޯޅަ ޓީމަށް އިރުޝާދުދޭނީ ތަޖުރިބާކާރު ކޯޗު އަބްދުﷲ ނަޝީދު އެވެ.

ބީޗް ވޮލީބޯޅަ ޓީމު މުބާރާތަށް ފުރުމުގެ ކުރިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ވަނީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް ޓީމަށް ހިތްވަރު ދީފަ އެވެ.

ތައިލެންޑުގެ ހަޓް ޔާއި ގައި ކުރިއަށްދާ މި ޓުއާގައި މި މަހު 14 ވަނަ ދުވަހު އޮންނާނީ ކޮލިފިކޭޝަން ބުރެވެ. މެއިން ޑްރޯ އޮންނާނީ 15-17 އަށެވެ.

ބީޗް ވޮލީބޯޅައިގައި މީގެ ކުރިން ރާއްޖޭގެ ޕެއާ ތަކުން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އަދި މި ފަހަރުގެ މުބާރާތަށް ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ ދެ ޕެއާ އެއް ދާއިރު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށް ވީއޭއެމުން އުއްމީދުކުރެ އެވެ.