Roadha Mihaaru
ކުއްލި މައްސަލަ ހުށަހެޅޭ ގޮތް ހަރުކަށިކުރަން ގޮވާލައިފި

ކުއްލި މައްސަލަތަކުން ވަގުތު ބޭކާރު ކުރިޔަ ނުދީ، އުސޫލް ހަރުކަށިކުރަން ޖެހޭ: މެމްބަރުން

08 ޖުލައި 2024

ރައްޔިތުންގެ މަޖިލީހުގެ މުހިއްމު މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް "ވަގުތު ބޭކާރުކުރަން"، ކުއްލި މައްްސަލަ ހުށަނޭޅޭ ގޮތަށް ގަވައިދު ހަރުކަށިކުރަން ސަރުކާރު ހިންގާ ޕީއެންސީގެ ބައެއް މެމްބަރުން މިއަދު ގޮވާލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ މުހިއްމު މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް "ވަގުތު ބޭކާރުކުރަން"، ކުއްލި މައްްސަލަ ހުށަނޭޅޭ ގޮތަށް ގަވައިދު ހަރުކަށިކުރަން ސަރުކާރު ހިންގާ ޕީއެންސީގެ ބައެއް މެމްބަރުން މިއަދު ގޮވާލައިފި އެވެ.

ދައުލަތުގެ ހަރަދުގައި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ނުފޮނުވާ ކަމަށް ބުނެ އެމްޑީޕީން މިއަދު ކުއްލި މައްސަލައެއް ހުށަހެޅުމުން ޕީއެންސީގެ މެޖޯރިޓީން ވަނީ އެ މައްސަލަ ބޭރު ކޮށްލައިފަ އެވެ. މިދިޔަ ހަފްތާގެ ބުދަދުވަހު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައެއް ވެސް ޕީއެންސީން ވަނީ ބޭރުކޮށްލައިފަ އެވެ.

ކޮޕީ ރައިޓްސް ގާނޫނަށް ގެނައި އިސްލާހަށް މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ބައެއް މެމްބަރުން ވިދާޅުވީ އިދިކޮޅު އެމްޑީޕީން މަޖިލީހަށް ކުއްލި މައްސަލަތައް ހުށަހަޅަމުން ދަނީ "ވަގުތު ބޭކާރު ކުރަން" ކަމަށެވެ. މިގޮތަށް ވަގުތު ނަގާލަން ފުރުސަތު ނުދޭން، ކުއްލި މައްސަލަތައް ފަސޭހަ އިން ހުށަނޭޅޭ ގޮތް ހެދުމަށް މެމްބަރުން ގޮވާލެއްވި އެވެ.

ފޮނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވެސް ވިދާޅުވީ މަޖިލީހުގެ މުހިއްމު މަސައްކަތްތައް ހުއްޓުވައި ލަސް ކުރަން އިރުއިރުކޮޅާ ކުއްލި މައްސަލަތައް އިދިކޮޅުން ހުށަހަޅަމުންދާ ކަމަށެވެ. އެފަދަ މައްސަލަތައް ހުށަހަޅަނީ ކަން އޮތް ގޮތުގެ ހަގީގަތް އޮޅުން ނުފިލުވާ ކަމަށާއި އެއީ ފަަސޭހައިން ސާފު ކޮށްލެވެން ހުރި މައުލޫމާތުތައް ކަމަށް މަމްދޫހު ވިދާޅުވި އެވެ.

"މި މަޖިލީހުގައި ކުރަން ހުރި މުހިންމު ގައުމީ މަސައްކަތްތަކަށް ހުރަސް އަޅަންވެގެން މިއަދު އަނެއްކާވެސް ކުއްލި މައްސަލައެއް ހުށަހެޅީ. އަޅުގަނޑު ގަބޫލު ކުރަނީ މި ކަންކަމަށް ކޮންމެވެސް ކަހަލަ ބެރިއާއެއް އަންނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ކުއްލި މައްސަލަތައް ހުށަހަޅަމުން ދަނީ، މި ހިނގާ 20 ވަނަ މަޖިލީހަކީ ބޭކާރު މަޖިލީހަކަށް ހެދުމަށެވެ. އެފަދަ މައްސަލަތައް މަޖިލީހަށް ފަސޭހައިން ނުވެއްދޭނެ ގޮތަކަށް އުސޫލް ފަރުމާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ދުވަހެއް މި ފައްޓަނީ ތާކުންތާކު ނުޖެހޭ އެއްވެސް އުސޫލެއް، އަސްލެއް ނެތް ކަމެއްގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަކި އަދަދެއް ހަމަވެގެން ނޫނީ ކުއްލި މައްސަލަ ހުށަނޭޅޭ ގޮތް ހަދަން ޖެހެ އެވެ.

މަޖިލީހުގައި ވާހަކަ ދެއްކެވި ޕީއެންސީގެ ބައެއް އެހެން މެންބަރުން ވެސް ވަނީ އެ ހުށަހެޅުމަށް ތާއީދު ކުރައްވައިފަ އެވެ.

މަޖިލީހުގެ ގަވައިދު މިހާރު އޮންނަ ގޮތުން ކޮންމެ މެންބަރަކަށް ވެސް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅިދާނެ އެވެ. އެހެން ނަމަވެސް މިހާރު ވެސް އެ މައްސަލަ ބަލައިގަންނަން ނުވަތަ އެކަމަށް ބަހުސް ކުރާނީ މަޖިލީހުގެ މެޖޯރިޓީން އެ މައްސަލަ ފާސް ކުރުމުންނެވެ.