Roadha Mihaaru
ކުދިކުދި ސުވާލަށް ވަޒީރުން ހާޒިރުކުރާތީ ހިތްހަމަނުޖެހުން

ކުދިކުދި މައްސަލަތަކުގައި ވަޒީރުން މަޖިލިހަށް ހާޒިރު ކުރާތީ ފަލާހުގެ ހިތްހަމަނުޖެހުން!

17 ޖުލައި 2024

އާދައިގެ ކުދިކުދި ކަންކަން އޮޅުން ފިލުވަން ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށްގެން ސުވާލުކުރަމުންދާތީ، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އާދައިގެ ކުދިކުދި ކަންކަން އޮޅުން ފިލުވަން ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށްގެން ސުވާލުކުރަމުންދާތީ، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

މަޖިލީހުގައި މިއަދު އޮތީ ބ. އަތޮޅުގެ ހަތަރު ރަށެއްގެ ފުޓުބޯޅަ ދަނޑާ ގުޅޭ ގޮތުން ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއާ ސުވާލު ކުރެއްވުމެވެ.

މެމްބަރުންގެ ސުވާލުތަކުގެ ތެރެއިން ފުރުސަތެއް ހޯއްދަވައި، ފަލާހު ވިދާޅުވީ އާދައިގެ ކަންކަން އޮޅުންފިލުވަން މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރާތީ ސުވާލު އުފެދޭ ކަމަށެވެ. ރައްޔިތުންނަށް އެނގުން މުހިއްމު، ބޮޑެތި މައްސަލަތަކާ ގުޅިގެން ވަޒީރުންނާ ސުވާލުނުކުރާ ސަބަބާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.

"ކުދިކުދި ހުއްޓާލާފައި އޮތް، ބަނގުރޫޓު ކޮށްފައި އޮތް ޕްރޮޖެކްޓަށް ސުވާލު ކުރަން ގެންނަނީ ކީއްވެގެންތޯ؟،" ފަލާހު ވިދާޅުވި އެވެ.

ސްޕޯޓްސް މިނިސްޓަރު ރާފިއު މަޖިލިހުގައި މެމްބަރުންގެ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް

ސްޕޯޓްސް މިނިސްޓަރު ރާފިއު މަޖިލިހުގައި މެމްބަރުންގެ ސުވާލުތަކަށް މިއަދު ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް

މި ކަންބޮޑުވުން ފަލާހު ފާޅުކުރެއްވީ ވަޒީރުންނާ ސުވާލުކުރުމުގައި އެމްޑީޕީ އަށް ނަސޭހަތެއް ދޭން ބޭނުންވާ ކަމަށް ވިދާޅުވެ އެވެ.

ފަލާހު ވަނީ، ވަޒީރުން އާދައިގެ މައްސަލަތަކުގައި ހާޒިރުކުރާތީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ވެސް ސުވާލު ކުރައްވައިފައި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުގެ މެމްބަރަކު ސުވާލެއް ފޮނުއްވައިގެން އެ ސުވާލަކަށް ތިން ދުވަސް ތެރޭގައި ޖަވާބު ނުދެއްވައިފި ނަމަ މަޖިލީހަށް މިނިސްޓަރު ހާޒިރު ކުރުމަކީ އެންމެ ރަނގަޅު ގޮތްތޯ ވިސްނާލަން ޖެހެ އެވެ.

މަޖިލީހުގެ ގަވައިދު އިސްލާހު ކުރާއިރު އެކަމަށް ރިއާޔަތް ކުރުމަކީ ރަނގަޅު ކަމެއް ކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ޕީޖީ ލީޑަރު، ފަލާހު ވިދާޅުވި އެވެ. ބަނދަރާއި ފެނާއި ނަރުދަމާ މަޝްރޫއުތަކުގެ ތާރީހު އެހުން ފަދަ ކުދިކުދި ކަންކަން އޮޅުންފިލުވަން ވަޒީރުން މަޖިލީހަށް ހާޒިރުކުރާ މައްސަލަ މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް ފެންމަތިވި އެވެ. ބައެއް މެމްބަރުން އޭރު ކަންބޮޑުވުން ފާޅުކުރީ ސުވާލުތައް ފޮނުވައި މަޖިލީހަށް ހާޒިރު ކޮށްގެން ވަޒީރުންގެ ވަގުތު ބޭކާރު ކުރަމުންދާ ކަމަށް ވިދާޅުވެ އެވެ.