Roadha Mihaaru
ޕޭ ކޮމިޝަންގެ މެމްބަރުންގެ މުސާރަ މަޖިލިހުން ފާސްކޮށްފި

ޕޭ ކޮމިޝަންގެ މެމްބަރުންގެ މުސާރަ މަޖިލިހުން ފާސްކޮށްފި

12 އެޕްރީލް 2017

ނޭޝަނަލް ޕޭ ކޮމިޝަންގެ ހަތަރު މެންބަރުންގެ ޖުމްލަ މުސާރައިގެ ގޮތުގައި މަހަކަށް 42،000ރ. ދިނުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނޭޝަނަލް ޕޭ ކޮމިޝަންގެ ހަތަރު މެންބަރުންގެ ޖުމްލަ މުސާރައިގެ ގޮތުގައި މަހަކަށް 42،000ރ. ދިނުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި މާލިއްޔަތު ކޮމެޓީން ހުށަހެޅި ރިޕޯޓު ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެމްބަރުންގެ އިއްތިފާގުންނެވެ.

މާލިއްޔަތު ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި ކަނޑައެޅި 42،000ރ.ގެ ތެރެއިން ކޮމިޝަންގެ ނައިބު ރައީސަށް ލިބޭނީ 12،000ރ. ގެ މުސާރައެކެވެ. ކޮމިޝަންގެ އަނެއް ތިން މެމްބަރުންނަށް ކަނޑައެޅީ 10،000ރ.ގެ މުސާރައެކެވެ. ކޮމިޝަންގެ ރައީސްގެ ގޮތުގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ހުންނަވާ އިރު، އެ މަގާމަށް މުސާރައެއް ކަނޑައެއް ނާޅަ އެވެ.

މަޖިލިހުން މި ގޮތަށް ފާސް ކުރުމުން ޕޭ ކޮމިޝަނުގެ މެމްބަރުންނަށް މުސާރައިގެ އިތުރުން އެކިއެކި ގާނޫނުތަކުގެ ދަށުން ލިބޭ އިނާޔަތްތައް ފިޔަވައި އިތުރު އިނާޔަތެއް ލިބިވަޑައިނުގަންނަވާނެ އެވެ.

މިނިސްޓަރު މުނައްވަރުގެ އިތުރުން ކޮމިޝަންގައި ތިއްބަވަނީ އެ އޮފީހުގެ އަންޑަ ސެކްރެޓެރީ ޑރ. އިސާމް މުހައްމަދާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިއުމަން ރިސޯސް ޑިވިޝަންގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަ ލުބްނާ އަބްދުލްގާދިރާއި، ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓެރީ ޖެނެރަލް ޑރ. މުހައްމަދު ފައިސަލާއި ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލާ ފާތުމަތު ރަޒީނާ އެވެ.

ޕޭ ކޮމިޝަނުން ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައަޅައި، މުސާރައިގެ ކުރިއެރުން ދީ، ދައުލަތުގެ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ދެވިދާނެ އިނާޔަތްތަކާއި، ވަޒީފާ އިން ވަކިވެގެންދާއިރު އިނާޔަތްތައް ދޭނެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތައް ކަނޑައަޅައިދެ އެވެ.

މީގެ އިތުރުން އިންތިހާބުތަކަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް އެއް ހަމައަކުން ބޭއްވުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލް މަޖިލިހުން ފާސް ކުރަން ނުފެންނަ ކަމަށް 47 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. މި އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް ބިލު ދިރާސާ ކުރީ ގައުމީ ސަލާމަތުގެ ކޮމެޓީން ވެސް ނިންމި އެވެ.