Roadha Mihaaru
ސިއްރުކުރި މައުލޫމާތެއް މާލިއްޔަތު ކޮމިޓީން ހާމަކޮށްފި

ޖުޑިޝަރީ ކޮމިޓީން ސިއްރުކުރި މައުލޫމާތެއް މާލިއްޔަތު ކޮމިޓީން ހާމަކޮށްފި

09 ޖުލައި 2024

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ސިއްރު ކުރަން ނިންމި މައުލޫމާތުތަކެއް މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް މިއަދު ހާމަކުރައްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ސިއްރު ކުރަން ނިންމި މައުލޫމާތުތަކެއް މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް މިއަދު ހާމަކުރައްވައިފި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް މީހަކު ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލަ އާ ގުޅިގެން މިދިޔަ ހަފުތާ ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

އެ ދުވަހު ޖުޑިޝަރީ ކޮމިޓީން ބައްދަލުވުން ސިއްރުކުރީ މައްސަލަ ހުށަހެޅި ފަރާތް ހާޒިރުކޮށް މައުލޫމާތު ސާފުކުރުމަށެވެ. އަދި އެ މީހާގެ ވަނަވަރު ހާމަކުރަން ކޮމިޓީގެ މެންބަރުންނަށް ނުފެންނަ ކަމަށް އެ ދުވަހު ކޮމިޓީގެ ބައްދަވުލުމުގައި ނިންމި އެވެ.

ނަމަވެސް، މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މުގައްރިރު ގާސިމް ވަނީ އެ ސިޓީ އިއްވަވާފަ އެވެ. އަދި އެ ސިޓީ މަޖިލީހަށް ފޮނުވި މީހާގެ ނަމާއި އެޑްރެސް ވެސް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ދިޔަ ބައްދަލުވުމުގައި ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އެ މައްސަލަ ހުށަހަޅާފައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ބައެއް މެންބަރުން އެ ތަން ހިންގުމަށް ނުފޫޒު ފޯރުވަމުންދާތީ އާއި ކުރަން ނުޖެހޭ ގިނަ ހަރަދުތަކެއް ބަޖެޓުންކޮށް، ގާނޫނާ ހިލާފަށް އެތަނުގައި ކަންތައްތަކެއް ހިންގަމުންދާ ކަމަށް ބުނެ އެ ކަންކަން ބަލައި ދިނުމަށެވެ.

އެ ސިޓީ ގާސިމް އިއްވެވުމުން ކޮމިޓީގެ ސެކްރެޓޭރިއަޓުން ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޖުޑިޝަރީ ކޮމިޓީގެ މެންޑޭޓްގައި ހިމެނޭ ތަނެއް ކަމަށާއި އެ މައްސަލަ އެ ކޮމިޓީން ބަލަމުންދާ ކަމަށް ބުނެފަ އެވެ. އެހެންވެ، މާލިއްޔަތު ކޮމިޓީއިން މިއަދު ނިންމާފައިވަނީ އެ ސިޓީއާ ގުޅިގެން އެ ކޮމިޓީން ވަކި ގޮތެއް ނިންމަން ނުޖެހޭ ކަމަށެވެ.