Roadha Mihaaru
ސުވާލު އުފެދުނު ގޯލުން ބްރެޒިލް ލީޑު ފުޅާކޮށްފި

ސުވާލު އުފެދުނު ގޯލުން ބްރެޒިލް ލީޑު ފުޅާކޮށްފި

24 ޖޫން 2021

ރިއޯ ޑި ޖެނީރޯ (ޖޫން 24) - ބްރެޒިލުން ޖެހި ސުވާލު އުފެދޭ ލަނޑާ އެކު، ކޮލަމްބިއާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ގްރޫޕުގެ އެއް ވަނަ މަގާމުގައި ބްރެޒިލް ލީޑު ފުޅާކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރިއޯ ޑި ޖެނީރޯ (ޖޫން 24) - ބްރެޒިލުން ޖެހި ސުވާލު އުފެދޭ ލަނޑާ އެކު، ކޮލަމްބިއާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ގްރޫޕުގެ އެއް ވަނަ މަގާމުގައި ބްރެޒިލް ލީޑު ފުޅާކޮށްފި އެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ކޮލަމްބިއާ އިންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި އެ ލަނޑު ލުއިސް ޑިއާޒް ޖެހީ ހުއާން ކްއެޑްރާޑޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ކޮލަމްބިއާގެ މައްޗަށް ބްރެޒިލް ލީޑު ނެގުމުން، ރޭގެ މަޗަކީ ނުވަ މެޗަށް ފަހު ބްރެޒިލްގެ މައްޗަށް އެހެން ޓީމަކުން ލީޑެއް ނެގި ފުރަތަމަ ފަހަރެވެ.

މެޗުގެ ފަހު 12 މިނެޓާ ހަމައަށް ދިޔައިރު ވެސް ބްރެޒިލް އޮތީ ފަހަތުގަ އެވެ. މެޗުގެ 74 ވަނަ މިނެޓުގައި ރޮބާޓޯ ފިރުމީނޯ ވަނީ ރެނަން ލޯޑީ ތަނަވަސް ކޮށްދިން ފުރުސަތަކުން ލަނޑު ޖަހައިފަ އެވެ. އެހެންނަމަވެސް އެ ގޯލްއާ މެދު ކޮލަމްބިއާގެ ކުޅުންތެރިން ސުވާލު އެފެއްދި އެވެ. ނޭމާ ނަގައިދޭން އުޅުނު ބޯޅަ މެޗުގެ ރެފްރީ، އާޖެންޓީނާގެ ނެސްޓޯ ޕިޓަނާގެ ގައިގައި ޖެހިފައި ކޮންޓްރޯލް ވުމުން އަނެއްކާވެސް ބްރެޒިލްގެ ކުޅުންތެރިން ބޯޅަ ހޯދައި ހަމަލާ އުފައްދަން ފުރުސަތު ތަނަވަސް ކުރި އެވެ. އެ ބޯޅަ ލޯޑީ އަށް ދިނުމުން އޭނާ ނަގައިދިން ބޯޅައިން ފިރުމީނޯ ބޮލުން ލަނޑު ޖެހި އެވެ.

ބްރެޒިލަށް ލީޑް ނަގައިދިން ކަސެމީރޯ އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ބްރެޒިލަށް ލީޑް ނަގައިދިން ކަސެމީރޯ އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

އެ ލަނޑު ރެފްރީ ބަލައިގަތުމުން ކޮލަމްބިއާގެ ކުޅުންރިންގެ ހިތްހަމަނުޖެހުން ވަރަށް ބޮޑަށް ފެނިގެން ދިޔަ އެވެ. ވީއޭއާރު މެދުވެރިކޮށް ވެސް މައްސަލަ ބެލި އެވެ. އެހެން ނަމަވެސް ލަނޑެއް ނޫން ކަމަށް ނިންމާނެ ހާލަތެއް ރެފްރީ އަށް ނުދެއްކުމުން ކޮލަމްބިއާގެ ކުޅުންތެރިންގެ ޝަކުވާ ބޮޑުވި އެވެ. ކޮލަމްބިއާ ކުޅުންތެރިންގެ ހިތްހަމަނުޖެހުންތަކާ ހެދި 10 މިނެޓް ބޭކާރުވި އެވެ. އެހެންވެ އިތުރު ވަގުތާ އެކު މެޗުގެ ވަގުތު އިތުރަށް ދެމިގެން ދިޔަ އެވެ.

ބްރެޒިލްއަށް ލީޑް ނަގައިދިން ލަނޑު ކާލޯސް ކަސެމީރޯ ޖެހީ 100 ވަނަ މިނެޓްގައި ނޭމާ ނަގައިދިން ކޯނަރު ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

ރޭ އެކްއެޑޯ އާއި ޕެރޫ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ބްރެޒިލް އާއި ކޮމަލްބިއާ ވަނީ ދެ ވަނަ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފަ އެވެ. ގުރޫޕް ބީން ކުއާޓާގެ ފަހު ދެ ޖާގަ އަށް ވާދަކުރަނީ ޕެރޫ އާއި ވެނެޒުއޭލާ އެވެ.

ބްރެޒިލް އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑާކާ އެކު އެވެ. އެ ޓީމުން ވަނީ ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ކޮލަމްބިއާ ދެ ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ.