Roadha Mihaaru
ކޮޕާ އެމެރިކާގައި ކުޅެވޭނެ: ސުއަރޭޒް

ކޮޕާ އެމެރިކާގައި ކުޅެވޭނެ: ސުއަރޭޒް

13 މެއި 2019

ބާސެލޯނާ (މެއި 13) – މި ހަފުތާގައި ކަކުލުގެ އޮޕަރޭޝަނެއްކޮށް ކުޅުމާ މިވަގުތު ދުރުގައި ހުރި ނަމަވެސް އަންނަ މަހު އޮންނަ ކޮޕާ އެމެރިކާ މުބާރާތަށް ފިޓްވާނެ ކަމަށް އުރުގުއޭ އާއި ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބާސެލޯނާ (މެއި 13) – މި ހަފުތާގައި ކަކުލުގެ އޮޕަރޭޝަނެއްކޮށް ކުޅުމާ މިވަގުތު ދުރުގައި ހުރި ނަމަވެސް އަންނަ މަހު އޮންނަ ކޮޕާ އެމެރިކާ މުބާރާތަށް ފިޓްވާނެ ކަމަށް އުރުގުއޭ އާއި ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފި އެވެ.

އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ކަކުލަށް ދިމާވެފައިވާ ދުވަސްވީ މައްސަލައެއް ހައްލުކުރަން އޮޕަރޭޝަން ކުރުމާ އެކު ސްޕެނިޝް ލީގުގައި ބާކީ އޮތް ދެ މެޗާއި ސްޕެނިޝް ކަޕުގެ ފައިނަލުގައި ބާސެލޯނާ އަށް ނުކުޅެވޭނެ އެވެ. އޭނާ ޖުމްލަ ކުޅުމާ ދުރުގައި ހުންނަން ޖެހޭނީ ހަ ހަފުތާ އެވެ. ޖޫން 14 ގައި ފަށާ އެ މުބާރާތާ ދޭތެރޭ ދެން އޮތީ ގާތްގަނޑަކަށް އެހާ މުއްދަތެކެވެ.

"މަހެއްހާ ދުވަސް ތެރޭ ކުޅެން ތައްޔާރުވެވޭނެ. އަހަންނަށް ކުޅެވޭނެ. މިއީ 2017 ގައި ދިމާވި އަނިޔާގެ މައްސަލައެއް ނޫން. އެ ފަހަރު އެއީ ކަކުލު ހުޅުގެ ކާޓިލޭޖް މައްސަލައެއް. މިފަހަރު މިއީ މެނިސްކަސް އިންޖަރީއެއް،" ސުއަރޭޒް ބުންޏެވެ.

ޖުމްލަ 55 ގޯލް ޖަހައި އުރުގުއޭ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފް އޮތް ސުއަރޭޒަށް 2015 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ގެއްލުނީ ސަސްޕެންޝަނުގެ ސަބަބުންނެވެ. މި ފަހަރުގެ މުބާރާތަށް ފަހު އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ބެލެވެ އެވެ.

ބްރެޒިލްގައި ޖޫން 14 އިން ޖުލައި 7 އަށް ބާއްވާ މުބާރާތުގައި އުރުގުއޭ ހިމެނެނީ އިކުއެޑޯ އާއި ޖަޕާނާއި ޗިލީ އެވެ.