Roadha Mihaaru
މުދާ އެތެރެކުރަން ޑޮލަރު ނޫން އެހެން ފައިސާއެއް

މުދާ އެތެރެކުރަން ޑޮލަރު ނޫން ފައިސާއެއް ބޭނުން ކުރަން ފަށަނީ

26 އޮކްޓޯބަރ 2020

ރާއްޖެ އަށް މުދާ އިމްޕޯޓު ކުރުމުގައި ޑޮލަރު ނޫން އެހެން ފައިސާއެއް ބޭނުން ކުރަން ތައްޔާރުވަމުން އަންނަ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖެ އަށް މުދާ އިމްޕޯޓު ކުރުމުގައި ޑޮލަރު ނޫން އެހެން ފައިސާއެއް ބޭނުން ކުރަން ތައްޔާރުވަމުން އަންނަ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ ޑޮލަރުގެ ޑިމާންޑު އިތުރުވެފައި އޮތް މިންވަރު ދަށްކުރުމަށް އެ އިދާރާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ޑިމާންޑު ދަށްުކުރުމަށް ރާއްޖޭގެ އިމްޕޯޓުގެ އެންމެ ބޮޑު ދެ މާކެޓު ކަމަށްވާ އިންޑިއާ އާއި ޗައިނާގެ ފައިސާ ބޭނުން ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަލްޓަނޭޓިވްލީ ބަލަމުން މިދަނީ އެހެން ކަރަންސީއެއް ވެސް އެކްސްޗޭންޖަށް ގެންނަން. ޗައިނީޒް ޔުއާން ނޫނީ އިންޑިއަން ރުޕީސްއަކީ ވެސް ހަމަ ޑައިރެކްޓްލީ ރުފިޔާއާ ސްވޮޕް ކުރެވޭނެ އެއްޗެއް،" އަލީ ހާޝިމް ވިދާޅުވި އެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވިގޮތުގައި މިިއީ އެހެން ގައުމުތަކުގައިި ވެސް އަމަލު ކުރާ އުސޫލެކެވެ. އެގޮތުން، ވިޔަފާރީގެ ގޮތުން އެންމެ ބޮޑަށް ގުޅިފައި އޮންނަ ގައުމެއްގެ ފައިސާ ބޭނުން ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ލޯކަލް ކަރަންސީ ބޭނުން ކޮށްގެން އެހެން ޖުރިސްޓިކްޝަނެއްގައި ހުންނަ މުދަލާއި ހިދުމަތް އަޅުގަނޑުމެންނަށް ހޯދޭނެ މެކޭނިޒަމެއް އެސްޓަސްބްލިޝް ވީމަ ޔޫއެސް ޑޮލަރަށް އޮންނަ ޑިމާންޑް ދަށްވާނެ. އެހެން ގައުމުތަކުން ވެސް މިހާރު ބޭނުން ކުރަމުން އަންނަ އެކްސަސައިޒެއް މިއީ،" އިމާދު ވިދާޅުވި އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގައި ޑޮލަރުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ދިމާވެފަ އެވެ. މީގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. މި ކަންކަން ހައްލު ކުރުމަށް އެމްއެމްއޭ އިން ވަނީ ބޭންކުތަކަށް ޑޮލަރު އިންޖެކްޓު ވެސް ކޮށްފަ އެވެ. އެގޮތުން މިހާތަނަށް 521 މިލިއަން ޑޮލަރު ބޭންކުތަކަށް ދޫކޮށްފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.