Roadha Mihaaru
އިންޑިއާގެ ކޯޗަކަށް ސްޕެއިނުގެ މާކުއޭޒް ހަމަޖައްސައިފި

އިންޑިއާގެ ކޯޗަކަށް ސްޕެއިނުގެ މާކުއޭޒް ހަމަޖައްސައިފި

22 ޖުލައި 2024

އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ސްޕެއިނުގެ މަނޯލޯ މާކުއޭޒް ހަމަޖައްސައިފި އެވެ.

އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ސްޕެއިނުގެ މަނޯލޯ މާކުއޭޒް ހަމަޖައްސައިފި އެވެ.

ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ޓީމުން އާ ކޯޗެއް މި ހޯދީ ކުރިން ހުރި އިގޯ ސްޓިމަޗް މަގާމުން ވަކިކުރުމަށް ފަހު އެވެ.

މާކުއޭޒް މި ވަގުތު ހުރީ އިންޑިއަން ސުޕަ ލީގުގައި ވާދަކުރާ އެފްސީ ގޯއާގެ ކޯޗަކަށެވެ. އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކަލްޔާން ޗޯބޭ ވަނީ ގޯއާ އިން މާކުއޭޒް ގައުމީ ޓީމަށް ރިލީޒްކުރުމުން އެކަމަށް ޝުކުރުއަދާކޮށްފަ އެވެ.

އޭނާ މިވަގުތަށް މަސައްކަތްކުރާނީ ދެ ޓީމުގެ ކޯޗެއްގެ ގޮތުގަ އެވެ. އެގޮތުން އިންޑިއަން ސުޕަ ލީގުގައި އޭނާ ގޯއާ ޓީމަށް ކޯޗުކޮށްދިނުމަށް ފަހު ގައުމީ ޓީމަށް އިރުޝާދު ދޭނީ އިންޓަނޭޝަނަލް ބްރޭކުގަ އެވެ. ބެލެވޭ ގޮތުގައި އިންޑިއާއާ ފުލްޓައިމްކޮށް އޭނާ ހަވާލުވާނީ ސީޒަން ނިމުމުންނެވެ.

މާކުއޭޒް ބުނީ އޭނާގެ ދެ ވަނަ ގައުމެއްގެ ގޮތުގައި ދެކޭ އިންޑިއާގެ ގައުމީ ޓީމާ ހަވާލުވުމަކީ ޝަރަފެއް ކަމަށެވެ. އޭނާ އަންނަނީ 2020 ވަނަ އަހަރުން ފެށިގެން އިންޑިއާގައި ކޯޗުކޮށްދެމުންނެވެ. އޭނާ ވަނީ ގޯއާގެ ކުރިން ހައިދަރުއާބާދު ފުޓްބޯޅަ ކްލަބަށް ކޯޗުކޮށްދީފަ އެވެ.

އޭގެ ކުރިން އޭނާ ވަނީ ސްޕެއިނުގެ ޓީމުތަކާއި، ކްރޮއޭޝިއާގެ ޓީމުތަކަށް އަދި ތައިލެންޑުގެ ޓީމުތަކަށް ވެސް ކޯޗުކޮށްދީފަ އެވެ.

އިންޑިއާގެ ކޯޗުކަމުން ސްޓިމަޗް ވަކިކުރީ އޭޝިއަން ކަޕާއި، ވޯލްޑް ކަޕް ކޮލިފައިންގައި ދަށް ނަތީޖާތަކެއް ނެރުމުންނެވެ. އޭނާ ވަނީ އޭގެ ކުރިން އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕް ދެ ފަހަރު ކާމިޔާބުކޮށްދީފަ އެވެ.