Roadha Mihaaru
ސާފްގެ ކާމިޔާބާއެކު ސްޓިމަކަށް ޕްރެޝަރު ކުޑަވެއްޖެ

މުބާރާތް ކާމިޔާބުކުރުމުން ސްޓިމަކަށް ޕްރެޝަރު ކުޑަވެއްޖެ

17 އޮކްޓޯބަރ 2021

ރާއްޖޭގައި ރޭ ނިމުނު އުރީދޫ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުން އިންޑިއާގެ ކޯޗު އީގޯ ސްޓިމަކަށް އޮތް ޕްރެޝަރު ކުޑަ ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގައި ރޭ ނިމުނު އުރީދޫ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުން އިންޑިއާގެ ކޯޗު އީގޯ ސްޓިމަކަށް އޮތް ޕްރެޝަރު ކުޑަ ވެއްޖެ އެވެ.

އިންޑިއާގެ ޓީމު ގޮވައިގެން މުބާރާތަށް ސްޓިމަކް ރާއްޖެ އައި ހިސާބުން ފެށިގެން އޭނާ އަށް ޕްރެޝަރު އޮތެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން އެއްވަރުވުމުން އޭނާ އަށް އޮތް ޕްރެޝަރު އިތުރުވި އެވެ. ދެ ވަނަ މެޗުގައި ލަންކާ އަތުން އެއްވަރުވުމުން ދެން ކުރިމަތިވި ފާޑުކިޔުން މާބޮޑުވި އެވެ. އެއީ އިންޑިއާ އަތުން ލަންކާއިން ޕޮއިންޓެއް ހޯދީ 18 އަހަރަށް ފަހު ކަމަށްވާތީ އެވެ.

އިންޑިއާ އަތުން ލަންކާ އަށް މީގެ ކުރިން ޕޮއިންޓެއް ހޯދުނީ 2003 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގަ އެވެ. ލަންކާ އަތުން އެއްވަރުވުމަކީ އިންޑިއާގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ގަބޫލުކުރެވުނު ކަމަކަށް ނުވި އެވެ.

ކްރިކެޓަށް ބޮޑު ލޯއްބެއް އޮތް އިންޑިއާގެ ފުޓްބޯޅައިގެ ސަޕޯޓަރުން މަދު ނަމަވެސް، ސްޓިމަކް މަގާމުން ވަކި ކުރަން ގޮވާލާ އަޑުތައް ވެސް ގަދަވި އެވެ. އިންޑިއާގެ ސޯޝަލް މީޑިއާގައި އޮތް ޕްރެޝަރަށް އޭނާ ސަމާލުކަން ނުދޭކަމަށް ސްޓިމަކް މުބާރާތްތެރޭގައި ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުން ސްޓިމަކަށް އޮތް ޕްރެޝަރު މިހާރު ކުޑަވީ އެވެ. އިންޑިއާގެ ފުޓްބޯލް ފެޑެރޭޝަންގެ ޓެކްނިކަލް ކޮމިޓީގެ ޗެއާމަން ޝަޔަމް ތާޕާ ބުނީ، ސްޓިމަކްގެ މަސައްކަތް އުނދަގޫ ކަމަށެވެ. ނަމަވެސް އޭނާ އަށް ވަގުތުދީ އިތުބާރު ކުރަން ޖެހޭ ކަމަށް ތާޕާ ބުންޏެވެ.

"ޓީމަށް ފުރިހަމައަށް އިތުބާރު އެބައޮތް. އަހަރެން އެދެން އެންމެ ވެސް ކެތްތެރިވާން. ފުރަތަމަ ދެ މެޗު ރަނގަޅަށް ނުދިޔަ. އެކަމަކު އެއީ ފައިނަލެއް ވެސް ނޫން. އެކަމަކު ސާފްގައި އަހަރެމެންގެ ހައިބަތު ޓީމުން ދައކުވައިދީފި. ނޭޕާލްއާ ދެކޮޅަށް ވަރަށް ރަނގަޅަށް ކުޅުނު،" ނޭޕާލްގެ ގައުމީ ޓީމަށް ކުރިން ކޯޗްކޮށްދިން ތާޕާ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕް ފައިނަލް މެޗުގައި ލަނޑު ޖެހުމަށް ފަހު އިންޑިއާގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސާފް ޗެމްޕިއަންޝިޕް ފައިނަލް މެޗުގައި ލަނޑު ޖެހުމަށް ފަހު އިންޑިއާގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ކޯޗް [ސްޓިމަކް] ގެ މަސައްކަތް އަހަރެމެން ފާހަގަ ކުރަން ޖެހޭނެ. އޭނާގެ ވަޒީފާ އަކީ ފަސޭހަ ވަޒީފާއެއް ނޫން. އިންޑިއާ ރަނގަޅަށް ނުކުޅެންޏާ އޭނާ އަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވޭ. މިހާރު ކާމިޔާބު ހޯދީމަ ޖެހޭނެ އޭނާގެ މަސައްކަތް ފާހަގަ ކުރަން. ޓީމު ދިޔައީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުން. ފައިނަލުގައި ފެނުނީ އެންމެ ރަނގަޅު ޓީމު. އެކަމަކު އަދިވެސް ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭ."

ތާޕާ ބުނީ ސްޓިމަކަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އިންޑިއާގެ ޓީމާ އެކު އެކަށީގެންވާ މުއްދަތަކަށް ޕްރެކްޓިސް ނުކުރެވުން ކަމަށެވެ. އިންޑިއާގެ ސުޕަ ލީގަށް ވަގުތު ދިނުމުގެ ގޮތުންނާއި ކޮވިޑްގެ ސަބަބުން އެ ފުރުސަތު ނުލިބުނީ ކަމަށް ތާޕާ ބުންޏެވެ.

"ސުޕަ ލީގާއި ކޮވިޑްގެ ސަބަބުުން ޓްރޭނިން ކޭމްޕެއް ބޭއްވުމުގެ ފުރުސަތެއް ނުލިބުނު. އިންޑިއާގެ ޓީމުގައި ނުހުރޭ ޔޫރަޕްގެ ޓީމުތަކުގައި ހުންނަ ފެންވަރެއް. އެ ޓީމުތައް ތިން ދުވަހުން ކޭމްޕްކޮށްފައި ވެސް ރަނގަޅު ގޭމެއް ކުޅޭނެ،" ތާޕާ ބުންޏެވެ.

"އަހަރެމެން ޖެހޭ އެކަކު އަނެކަކަށް އިތުބާރު ކުރަން އެ ލެވަލްއަށް އަހަރެމެން ދިއުމަށްޓަކައި. ސާފް ޗެމްޕިއަންޝިޕް ކަހަލަ މުބާރާތްތައް ކުޅެ ގިނަ މެޗުތަކެއް ކުޅެން ޖެހޭ. އެހެން ނޫނީ ޓީމު އެ ލެވަލްއަށް ގެންދަން އުނދަގޫ ވާނެ."

ރޭގެ މެޗުގައި އިންޑިއާގެ ކޯޗު ސްޓިމަކް އަށް ބެންޗުގައި ނީނދެވުނެވެ. ގުރޫޕް ސްޓޭޖުގެ ފަހު ކުރިމަތިލުމުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އަށް ރަތް ކާޑު ދެއްކުމުން ފައިނަލް މެޗަށް ސަސްޕެންޑްވީ އެވެ.