Roadha Mihaaru
ދައުލަތަށް ކާރު ގަންނަން 13 އަހަރުން 80 މިލިއަން

ދައުލަތުން ކާރު ގަންނަން 13 އަހަރުން 80 މިލިއަން ރުފިޔާ، މި އަހަރު 10 ކާރު

29 ޖުލައި 2024

ދައުލަތުގެ އިސްވެރިންގެ ރަސްމީ ބޭނުންތަކަށް ކާރު ގަތުމަށް ފާއިތުވި 13 އަހަރު 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދައުލަތުގެ އިސްވެރިންގެ ރަސްމީ ބޭނުންތަކަށް ކާރު ގަތުމަށް ފާއިތުވި 13 އަހަރު 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ދައުލަތުގެ "ޖީ" ބޯޑުގެ ކާރުތައް މިނިސްޓަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާއި މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި ވަޒީރުންގެ ފެންވަރުގެ އެހެން މަގާމުތަކަށް ފޯރުކޮށްދެ އެވެ. ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ދެނީ ދައުލަތުގެ ނިޝާން ޖެހި ކާރުކޮޅެކެވެ.

މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން ފޮނުވި ސުވާލުތަކަށް ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި ޖަވާބުގައި ވަނީ ދައުލަތާއި ސަރުކާރުގެ އިސްވެރިންނަށް ހާއްސަ ކޮށްގެން 2011 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 62 ކާރު ގެނެސްފައިވާ ކަމަށެވެ.

އެ ކާރުތަކަށް ޖުމްލަ 87.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ބުންޏެވެ.

އޭގެ ތެރެއިން މި އަހަރު އެކަނި ވެސް ޖަޕާނުން 10 ކާރު ގެނެސްފައި ވެ އެވެ. އެ ކާރުތަކަށް 12 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ 2018 ވަނަ އަހަރުން ފެށިގެން 2023 އާ ހަމައަށް 25 ކާރު ގެނައި ކަމަށެވެ. އެ ކާރުތަކަށް އެކަނި ވެސް 35.5 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރި އެވެ.

މިގޮތަށް ގެންނަ ކާރުތައް އާންމު ގޮތެއްގައި ބޭނުން ކުރަނީ 5-15 އަހަރާ ދެމެދުގެ މުއްދަތަކަށެވެ. އެ މުއްދަތު ހަމަވުމުން ސަރުކާރުގެ އެހެން އިދާރާތަކުގައި ބޭނުން ކުރަން އެ ކާރުތައް ހަވާލުކުރެ އެވެ.

ދައުލަތުގެ ބޭނުމަށް ކާރުތައް ގެންނަން އެންމެ ފުރަތަމަ ހަވާލުކުރީ ސިރިއަސް އެންޓަޕްރައިޒަސް ކުންފުންޏާ އެވެ. އޭގެ ފަހުން 2016 އާއި 2017 ވަނަ އަހަރު ކާރު ގެންނަން ސައިކްބިޒް އިންވެސްޓްމަންޓަށް ހަވާލު ކުރިއިރު 2019 ވަނަ އަހަރުން ފެށިގެން އެ މަސައްކަތް ކޮށްދެނީ އެސްޓީއޯ އިންނެވެ.