Roadha Mihaaru
މުއިއްޒު ވެރިކަން ކުރާތަން ބަލަން ޔާމީނަށް ކެތް ނުވީ!

ޔާމީން ދުރަށް ދިޔައީ އެހެން މީހަކު ވެރިކަން ކުރާތަން ބަލަން ލަނގޮނޑިއަށް ކެތް ނުވެގެން: އަބްދުއްރަހީމް

03 އޯގަސްޓް 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީން، މި ސަރުކާރާ ދުރަށް ވަޑައިގަތީ އެހެން ބޭފުޅަކު ވެރިކަން ކުރައްވާ ތަން ބައްލަވަން އެ މަނިކުފާނުގެ ލަގޮނޑިއަށް ކެތް ނުވެގެން ކަމަށް ވިދާޅުވެ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ބަހުގެ ހޫނު ހަމަލައެއް ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން، މި ސަރުކާރާ ދުރަށް ވަޑައިގަތީ އެހެން ބޭފުޅަކު ވެރިކަން ކުރައްވާ ތަން ބައްލަވަން އެ މަނިކުފާނުގެ ލަގޮނޑިއަށް ކެތް ނުވެގެން ކަމަށް ވިދާޅުވެ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ބަހުގެ ހޫނު ހަމަލައެއް ދެއްވައިފި އެވެ.

ޕީއެންއެފުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި، މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މި ސަރުކާރާ ދުރަށް ވަޑައިގަތީ ޔާމީންގެ ބޮޑާކަމާއި ކިބުރުވެރިކަން ބޮޑުވެ، އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބައްލަވަން ލަގޮނޑިއަށް ކެތްނުވެގެން ކަމަށެވެ.

ރައްޔިތުން ހެއްލިދާނެ ކަމަށް މޮޅު ވާހަކަ ދައްކަވަން ނޫޅުއްވުމަށް އަބްދުއްރަހީމް ޔާމީންގެ އެދިވަޑައިގަތެވެ.

"ވެރިކަމުގެ އިއްޒަތާއި ލައްޒަތަށް އޮތް ދަހިވެތިކަމަކުން. މިކަން ވަކިން ބޮޑަށް މިއަދު ރައްޔިތުންނަށް ޔަގީން ވަނީ ސިޔާސީ ގޮތުން ފެއިލްވެފައި ތިބި ދެ ތިން މީހުން ގޮވައިގެން ތިޔަޖަހާ ހަޑި ހުތުރު މުޑުދާރު ސަކަރާތުން،" ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގައި އެ މަނިކުފާނުގެ ހިއްސާއެއް އޮންނާނެ ކަމަށެވެ. ނަމަވެސް، މި ވެރިކަމުން ދުރަށް ވަޑައިގަތީ ހަދަމުންދާ ގޯސްތަކަށް ކެތްނުކުރެއްވިގެން ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން، މި ސަރުކާރުން ކުރަމުންދާ ކަންކަމަށް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދުރަށް ވަޑައިގަތީ ސަރުކާރުން ހަދާ ގޯސްތަކަށް ކެތްނުވެގެން ކަމަށް ޔާމީން ވިދާޅުވިޔަސް، ރައީސް މުއިއްޒު މަގާމުގެ ހުވާ ނުކުރައްވަނީސް ޔާމީން ވަނީ އެކި ކަންކަމާ ހިތްހަމަޖެހިވަޑައިނުގެން ވާހަކަފުޅު ދައްކަވަން ފައްޓަވައިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ އެ މަނިކުފާނު އޭރު ގޭ ބަންދުގައި ހުންނެވިއިރު، މިނިވަންކުރަން ގޮވާލައި އަޑު އުފުލަން މީހުން ނުދިއުމެވެ.

އަދި ޔާމީން މިނިވަންކުރުމުގެ ކަންކަން ރީތި ގޮތުގައި ގެންދަން ފުރުސަތު ދިނުމަށް ރައީސް މުއިއްޒު ޖަލްސާއެއްގައި ވިދާޅުވުމަކީ ވެސް ޔާމީނަށް ގަބޫލު ކުރެއްވުނު ކަމަކަށް ނުވި އެވެ. އޭރު އަދި ރައީސްކަމުގެ ހުވާ މުއިއްޒު ނުކުރައްވާއިރު، އެ ހިސާބުން ފެށިގެން ނުސީދާކޮށް ޕީޕީއެމްގެ ލީޑަޝިޕަށާއި ސަރުކާރު އުފެއްދުމުގެ އެކި ކަންކަމަށް ޔާމީން ފާޑުވިދާޅުވާން ފެއްޓެވި އެވެ.

ޔާމީން މިނިވަންކުރަން ގޮވާލައި މަގުތަކަށް މީހުން ނުކުންނަން ޔާމީން ބޭނުންފުޅުވި ނަމަވެސް ރައީސް މުއިއްޒު އެދިވަޑައިގަތީ އުސޫލުން ބޭރުން މަގުމައްޗަށް ނުކުމެ އަޑުގަދަ ނުކުރުމަށެވެ.

"... އެ ކަން ނުކުރެއްވުމަށް އަޅުގަނޑު އެދެން. އަޅުގަނޑަށް މި މަސައްކަތް ރީތިކޮށް ކުރުމުގެ ފުރުސަތު ދެއްވުމަށް އަޅުގަނޑު އެެދެން. އެހެން ނޫނިއްޔާ އަޅުގަނޑަށް މި މަސައްކަތް ކުރަން ހަވާލު ކުރައްވާފައި ތިބޭފުޅުން ވަކި މަގަކުން ވަޑައިގެންފިއްޔާ ގައުމުގެ ހަމަޖެހުމެއް އަޅުގަނޑު މި ދަންނަވާ ގޮތަކަށް ނުލިބޭނެ،" ރިޔާސީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ވަރަށް ގިނަ ސަޕޯޓަރުންނާ އެކު ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.