Roadha Mihaaru
އެޑަމް، ކުޑަކާއްޓޭގެ ޕެއާއިން ރާއްޖެއަށް ރަން މެޑަލް

އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާއިން ބީޗް ވޮލީން އަނެއްކާ ވެސް ރާއްޖެ އަށް ރަން މެޑަލް ހޯދައިދީފި

03 އޯގަސްޓް 2024

އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ގެ ބީޗް ވޮލީބޯޅަ މުބާރާތުން، އާދަމް ނަސީމާއި އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) ގެ ޕެއާއިން އަނެއްކާ ވެސް ރާއްޖެ އަށް ރަން މެޑަލް ހޯދައި ދީފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) ގެ ބީޗް ވޮލީބޯޅަ މުބާރާތުން، އާދަމް ނަސީމާއި އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) ގެ ޕެއާއިން އަނެއްކާ ވެސް ރާއްޖެ އަށް ރަން މެޑަލް ހޯދައި ދީފި އެވެ.

މިއީ ކާވާ ބީޗް ވޮލީބޯޅަ މުބާރާތުން، މި ދެ ކުޅުންތެރިން ރާއްޖެ އަށް ރަން މެޑަލް ހޯދައި ދިން ދެ ވަނަ ފަހަރެވެ. އެޑަމް އާއި ކުޑަ ކާއްޓޭގެ ޕެއާއިން ވަނީ، 2022 ގައި ލަންކާގައި ބޭއްވި ކާވާ ގެ ބީޗް ވޮލީބޯޅަ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއީ ރާއްޖޭގެ ވޮލީގެ ތާރީހުގައި ހޯދި ފުރަތަމަ ރަން މެޑައްޔެވެ.

މިފަހަރު ބޫޓާނުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލް މެޗުގައި މިއަދު ނޭޕާލްގެ މަން ބަހާދުރު ޝުރެސްތާ އާއި ދިލް ބަހާދުރް ސުނާއާ ދެކޮޅަށް ކުޅުނު މެޗު އެޑަމް އާއި ކުޑަ ކާއްޓޭގެ ޕެއާ ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓްތައް ގެންދިޔައީ 21-19، 21-17 އިންނެވެ.

މަން ބަހާދުރަކީ ނާޕޭލްގެ އިންޑޯ ވޮލީގައި ވެސް އެންމެ ތަޖުރިބާކާ ކުޅުންތެރިޔާ އެވެ. ފިރިހެން ވޮލީ ޓީމުގެ ކެޕްޓަނަކީ ވެސް އެއީ އެވެ. އެކަމަކު ރާއްޖެ ހިމެނޭ ކާވާ ކެޓަގަރީގެ ބީގެ ބީޗް ވޮލީގައި ހުރި އެންމެ ތަޖުރިބާކާރު ދެ ކުޅުންތެރިން، އެޑަމް އާއި ކުޑަ ކާއްޓޭ ކާމިޔާބު ހޯދި އެވެ.

ދިލް ބަހާދުރާއި މަން ބަހާދުރުގެ ޕެއާ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ރާއްޖޭގެ އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ) ގެ ޕެއާ ބަލި ކުރުމަށް ފަހު އެވެ. ޑެންޒޯ އާއި ކޯކޭގެ ޕެއާ މެޗުން ބަލިވީ 21-10 އަދި 21-16 އިންނެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގައި ވާދަކުރި ރާއްޖޭގެ އަންހެން ދެ ޕެއާގެ ތެރެއިން ސެމީ ފައިނަލާ ހަމައަށް ދެވުނީ ހައްވާ އަރީޝާ އާއި ފާތިމަތު ޒީނިއާގެ ޕެއާ އަށެވެ. ހައްވާ ރާޝިދާ އާއި އާއިޝަތު މާޖިދާގެ ޕެއާ ގުރޫޕް ސްޓޭޖުން މުބާރާތާ ވަކިވާން ޖެހުނީ އެވެ.