Roadha Mihaaru
ކޮމަންވެލްތު ގޭމްސްގެ ކޮލިފައިންގައި ރާއްޖެ އަށް ދެވަނަ

ކޮމަންވެލްތު ގޭމްސް ބީޗް ވޮލީ ކޮލިފައިންގައި ރާއްޖެ އަށް ދެވަނަ

20 މާޗް 2022

އިންގެލެންޑްގެ ބާމިންހަމްގައި ޖުލައި މަހު ބާއްވާ، ކޮމަން ވެލްތު ގޭމްސްގެ ކޮލިފައިންގެ ފައިނަލުގައި ލަންކާގެ ޕެއާ އަތުން ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) އާއި އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) ގެ ޕެއާ ބަލިވެއްޖެ އެވެ.

އިންގެލެންޑްގެ ބާމިންހަމްގައި ޖުލައި މަހު ބާއްވާ، ކޮމަން ވެލްތު ގޭމްސްގެ ކޮލިފައިންގެ ފައިނަލުގައި ލަންކާގެ ޕެއާ އަތުން ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) އާއި އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) ގެ ޕެއާ ބަލިވެއްޖެ އެވެ.

ލަންކާގެ ނޮގޮމްބޯގެ ބީޗް ޕާކުގައި ކުޅުނު ކޮލިފައިން މުބާރާތުގެ ފައިނަލުގައި އެޑަމް އާއި ކުޑަ ކާއްޓޭގެ ޕެއާއާ ދެކޮޅަށް ނުކުތީ ލަންކާގެ އަޝެން ރަޝްމިކާ އާއި ޝަޝިމާލް މަލިންތަ ޔާޕާގެ ޕެއާ އެވެ. އެޑަމް

އާއި ކުޑަ ކާއްޓޭގެ މައްޗަށް ލަންކާގެ އެ ދެކުޅުންތެރިން ކާމިޔާބު ހޯދައި އެދެ ކުޅުންތެރިން ވަނީ ކޮމަން ވެލްތު ގޭމްސް އަށް ކޮލިފައި ވެފަ އެވެ. އަޝެން އާއި މަލިންތަ މެޗު ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ދެ ސެޓް ވެސް ގެންދިޔައީ 21-13، 21-13 އިންނެވެ.

ރާއްޖޭގެ ޕެއާ އަށް، ދެވަނަ ހޯދުމުން ވަނީ ރިހި މެޑަލް ދީފަ އެވެ. ގުރޫޕް ސްޓޭޖުގައި ވެސް އެޑަމް އާއި ކުޑަ ކާއްޓޭ ވަނީ އަޝެން އާއި މަލިންތަ އަތުން ބަލިވެފަ އެވެ. ރާއްޖެ ފައިނަލަށް ދިޔައީ ސިންގަޕޫރާއި މެލޭޝިއާ އާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ވުުމުން މެޗުތަކުގައި ސްކޯރިން ރޭޝިއޯ އަށް ބަލައިގެން މެލޭޝިއާ އާއި ސިންގަޕޫރުގެ ޕެއާ އަށް ވުރެ ރާއްޖޭގެ ސްކޯރިން ރޭޓް ރަނގަޅުވުމުންނެވެ.

ހަތަރު ޓީމުގެ ޕޮއިންޓް ރޭޝިއޯ ދައްކައިދޭ ތާވަލް

ލަންކާގެ މަލިންތަ އާއި އަޝެންގެ ޕެއާ ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކުރި އެވެ. ރާއްޖެ އާއި މެލޭޝިއާ އަދި ސިންގަޕޫރަށް މޮޅުވީ އެއް މެޗުންނެވެ. ތިން ޓީމު އެއްވަރުވުމުން ބެލީ ޕޮއިންޓް ރޭޝިއޯ އަށެވެ. ޕޮއިންޓް ރޭޝިއޯގައި ރާއްޖެއަށް ލިބުނީ 1.0796 ރޭޝިއޯއެކެވެ. މެލޭޝިއާގެ ޕެއާ އަށް ލިބުނީ 0.8512 ގެ ޕޮއިންޓް ރޭޝިއޯއެކެވެ. ސިންގަޕޫރަށް ލިބުނީ 0.7719 ގެ ޕޮއިންޓް ރޭޝިއޯ އެކެވެ.

ރާއްޖެއިން މޮޅުވީ ސިންގަޕޫރުގެ ޕެއާ އާދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެޑަމް އާއި ކުޑަ ކާއްޓޭ ވަނީ ސިންގަޕޫރުގެ ޓެއޯ ޒި ހާއޯ އާއި ރޭ މެންގްގެ ޕެއާ ބަލިކޮށްފަ އެވެ. ރާއްޖޭގެ ޕެއާ އެ މެޗު ކާމިޔާބު ކުރީ 21-12 އަދި 21-8 ންނެވެ. އެޑަމް އާއި ކާއްޓޭ ވަނީ މެލޭޝިއާގެ ޝޯން ޝަޔަންގް އާއި ސިމް ޖިއާން ޝިން އަތުން ބަލިވެފަ އެވެ. ޝޯން އާއި ސިމް މެޗު ކާމިޔާބު ކުރީ 21-19 އަދި 21-18 އިންނެވެ.

ގައުމީ ބީޗް ވޮލީ ޓީމުގައި ވެސް މިހާރު މަސައްކަތް ކުރަމުން ދަނީ ބޭރުގެ ތަޖުރިބާކާރު ކޯޗެކެވެ. ބީޗް ވޮލީ ޓީމުގެ ކޯޗަކީ ބްރެޒިލްގެ ވިނީޝިއުސް އެވެ.