Roadha Mihaaru

ކުއާޓާ ފައިނަލުން ނާކާމިޔާބުވެ ކާވާ ބީޗް ވޮލީގެ ތަށި ރާއްޖެ އަށް ދިފާއު ނުކުރެވުނު

ރާއްޖެއަށް ކާމިޔާބެއް ނިލިބި، މިއަހަރުގެ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ބީޗް ވޮލީބޯޅަ މުބާރާތް ނިންމާލައިފި އެވެ.

ކުއާޓާއިން ބަލިވެ ރާއްޖެ އަށް ތަށި ދިފާއު ނުކުރެވުނު

ރާއްޖެއަށް ކާމިޔާބެއް ނިލިބި، މިއަހަރުގެ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ބީޗް ވޮލީބޯޅަ މުބާރާތް ނިންމާލައިފި އެވެ.

މުބާރާތުގައި ފިރިހެން ޗެމްޕިއަންކަން ހޯދީ އިރާނުގެ އަމިރާލީ ގަލޭނޯވީ އާއި އަބޯލްހަސަން ކާކިޒާދޭގެ ޕެއާ އެވެ. އަންހެން ޗެމްޕިއަންކަން ހޯދީ ކަޒަކިސްތާންގެ ލައުރާ ކަބުލްބެކޯވާ އާއި ނަޑެޒްޑާ އިވާންޗެންކޯގެ ޕެއާ އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ސްރީލަންކާގެ ނިގޮމްބޯ ބީޗުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ރާއްޖޭގެ ހަތަރު ޕެއާ ވާދަކުރި އެވެ. އަންހެން ދެ ޕެއާ އާއި ފިރިހެން ދެ ޕެއާ ވެސް ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ.

ފިރިހެން ދެ ޕެއާގެ ތެރޭގައި ހިމެނެނީ، މިދިޔަ އަހަރު ބޫޓާނުގައި މި މުބާރާތް ކާމިޔާބު ކުރި އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާގެ އިތުރުން މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ގެ ޕެއާއެވެ. އަންހެން ދެ ޕެއާ އަކީ ހައްވާ (ހައްވަ) ރާޝިދާ އާއި އައިޝަތު މާޖިދާގެ ޕެއާގެ އިތުރުން އައިމިނަތު އަރީޝާ އާއި ފާތިމަތު ޒީނިއާގެ ޕެއާ އެވެ.

މުބާރާތުގައި ވާދަކުރި ރާއްޖޭގެ ކުޅުންތެރިން.-- ފޮޓޯ: ވީއޭއެމް

މުބާރާތުގައި ވާދަކުރި ރާއްޖޭގެ ކުޅުންތެރިން.-- ފޮޓޯ: ވީއޭއެމް

ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ ކުޅުނު ފުރަތަމަ މެޗުގައި ލަންކާގެ ދިލީޕާއާއި މަލިތުގެ ޕެއާ އަތުން ބަލިވީ 21-17، 14-21، 11-15 އިންނެވެ. އެއަށް ފަހު ކަޒަކިސްތާންގެ ގުރިން އާއި މުހައްމަދުގެ ޕެއާ އަތުން ބަލިވީ 18-21، 21-19، 16-18 އިންނެވެ. އަދި އިރާނުގެ ގަލޭނޯވީ އާއި އަބޯލްހަސަން އަތުން ބަލިވީ 16-21، 11-21 އިންނެވެ. ކުއާޓާގައި ލަންކާގެއަންޖަނާ އާއި ސަންދުންގެ ޕެއާ އަތުން ބަލިވީ 19-21، 19-21 އިންނެވެ.

ޑެންޒޯ އާއި ކޯކޭ ވަނީ ފުރަތަމަ ބުރުގައި ބޫޓާންގެ ޖުމޭ އާއި ޑޯޖީގެ ޕެއާ 21-14، 21-12 އިން ބަލިކޮށްފަ އެވެ. އޭގެ ކުރިން ލަންކާގެ އަންޖަނާ އާއި ސަންދުން އަތުން 11-21، 14-21 އިން ބަލިވި އިރު، ކަޒަކިސްތާންގެ ޔަކޯވިއޭވް އާއި ބޮގާޓޫ އަތުން ބަލިވީ 14-21، 11-21 އިންނެވެ. އަދި ލަންކާގެ ނަތިން އާއި މަދޫޝާ އަތުން ވަނީ 10-21، 15-21 އިން ބަލިވެފަ އެވެ. ކުއާޓާގައި ބަލިވީ ލަންކާގެ ދިލީޕާއާއި މަލިތުގެ ޕެއާ އަތުން 12-21، 12،21 އިންނެވެ.

އަންހެން ދެ ޕެއާގެ ތެރެއިން މެއިން ޑްރޯގައި މޮޅެއް ހޯދީ ހައްވަ އާއި މާޖިދާ އެވެ. މި ޕެއާ ވަނީ ފުރަތަމަ ބުރުގައި ބޫޓާންގެ ޒަންގްމޯ އާއި ލޭކީއާ ވާދަކޮށް 21-16، 21-8 އިން މޮޅުވެފަ އެވެ. އޭގެ ކުރިން ލަންކާގެ ޝެހާނީ އާއި ޗަތުރިކާ އަތުން 7-21، 7-21 އިން ބަލިވި އިރު، ކަޒަކިސްތާންގެ ރީޔުކޯވާ އާއި ކަރީމޯވާ އަތުން ބަލިވީ 15-21، 12-21 އިންނެވެ. ފުރަތަމަ މެޗުގައި ލަންކާގެ ކަސޫނީ އާއި ވަސަނާ އަތުން ބަލިވީ 11-21، 17-21 އިންނެވެ. ކުއާޓާ ފައިނަލްގައި ބަލިވީ ކަޒަކިސްތާންގެ ކަބުލްބެކޯވާ އާއި އިވާންޗެންކޯ އަތުން 15-21، 8-21 އިންނެވެ.

އަރީޝާ އާއި ޒީނިޔާގެ ޕެއާ ވަނީ ފުރަތަމަ މެޗުގައި ކަޒަކިސްތާންގެ ކަބުލްބެކޯވާ އާއި އިވާންޗެންކޯ އަތުން 14-21، 13-21 އިން ބަލިވެފަ އެވެ. ކިރިގިސްތާންގެ ރަސުލްބެކް ކީޒީ އާއި އައިޓްބެކޯވާ އަތުން 21-19، 14-21، 9-15 އިން ބަލިވި އިރު، ލަންކާގެ ދީޕިކާ އާއި ކަސޫނީ އަތުން ބަލިވީ 18-21، 14-21 އިންނެވެ. ކުއާޓާގައި ބަލިވީ ލަންކާގެ ކަސޫނީ އާއި ވަސަނާ އަތުން 13-21، 14-21 އިންނެވެ.

ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ ވަނީ ފާއިތުވި ދެ އަހަރު ވެސް ރާއްޖޭގެ ބީޗް ވޮލީބޯޅަ ލީގާއި ގައުމީ މުބާރާތުގައި ޑެންޒޯ އާއި ކޯކޭގެ ޕެއާ ފަހަތަށް ޖައްސާލައި، ކާމިޔާބު ކޮށްފަ އެވެ. ހައްވަ އާއި މާޖިދާ ވަނީ މިދިޔަ އަހަރުގެ ގައުމީ ބީޗް ވޮލީ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން ބޭއްވި ގައުމީ ބީޗް ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އަރީޝާ އާއި ޒީނިއާ އެވެ.

ވީއޭއެމުން އަންނަނީ، އަންނަ މަހުގެ ފަސްވަނަ ދުވަހު ގައުމީ ބީޗް ވޮލީބޯޅަ ލީގު ފަށަން ތައްޔާރު ވަމުންނެވެ.