Roadha Mihaaru
ރަން މެޑެއްޔާ އެކު އެޑަމްގެ ޓާގެޓްތައް މަތިވެއްޖެ

ރަން މެޑެއްޔާ އެކު އެޑަމްގެ ޓާގެޓްތައް މަތިވެއްޖެ

03 ޖެނުއަރީ 2023

އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގައި އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާ ހިއްސާވެ ރާއްޖެ އަށް ހޯދައިދިން ރަން މެޑަލް އާއެކު ކުރިއަށް ހުރި ޓާގެޓްތައް މަތިވެއްޖެ ކަމަށް ތަޖުރިބާކާރު ކުޅުންތެރިޔާ އާދަމް ނަސީމް (އެޑަމް) ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގައި އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާ ހިއްސާވެ ރާއްޖެ އަށް ހޯދައިދިން ރަން މެޑަލް އާއެކު ކުރިއަށް ހުރި ޓާގެޓްތައް މަތިވެއްޖެ ކަމަށް ތަޖުރިބާކާރު ކުޅުންތެރިޔާ އާދަމް ނަސީމް (އެޑަމް) ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ނިމުނު ސެންޓްރަލް ޒޯން ބީޗް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކުޑަކާއްޓޭ އާއި އެޑަމް ޕެއާ ހޯދުމާ އެކު އެ ދެ ކުޅުންތެރިން ވެފައިވަނީ ވޮލީބޯޅައިން ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ފުރަތަމަ ކުޅުންތެރިންނަށެވެ.

ތަފާތު ދެ މުބާރާތަކުން ވޮލީން މެޑަލް ހޯދައިދިން އެޑަމް ބުނީ ދެން އޭނާގެ އުއްމީދަކީ ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖެ އަށް ރަން މެޑަލް ހޯދައި ދިނުން ކަމަށެވެ.

"ވޮލީން އިންޓަނޭޝަނަލް ފުރަތަމަ ރަން މެޑަލް ހޯދައި ދިނުމުގައި ހިއްސާ ވެވުނީތީ ވަރަށް ބޮޑު އުފަލެއް ލިބިއްޖެ. ވޮލީން ރާއްޖެ އަށް ރަން މެޑަލެއް ހޯދައިދޭން އަބަދު ވެސް ވަރަށް އުއްމީދުކޮށްގެން ހުރި ކަމެއް މި ހާސިލުވީ،" މާޗް މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާގެ އެވޯޑް ހޯދި އެޑަމް ބުންޏެވެ.

އޭޝިއަން ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތތުގެ ތަށި ރާއްޖެ އަށް ހޯދައި ދިން ޝާހް އާއި އާދަމް: ކާވާގެ މި މުބާރަތަކީ އެޑަމް އާއި ޝާހް އެއްކޮށް ކުޅުނު ހަތަރުވަނަ މުބާރާތް --- ފޮޓޯ: ޔޫތު މިނިސްޓްރީ

އޭޝިއަން ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތތުގެ ތަށި ރާއްޖެ އަށް ހޯދައި ދިން ޝާހް އާއި އާދަމް: ކާވާގެ މި މުބާރަތަކީ އެޑަމް އާއި ޝާހް އެއްކޮށް ކުޅުނު ހަތަރުވަނަ މުބާރާތް --- ފޮޓޯ: ޔޫތު މިނިސްޓްރީ

މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބީޗްވޮލީގައި ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެކު ހިއްސާވެ އެ ގޭމްސްއިން ލޯ މެޑަލް ހޯދި އެޑަމް ބުނީ އޭނާގެ މިހާރުގެ ޓާގެޓަކީ މި އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްއިން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިނުން ކަމަށެވެ.

"މިހާރު އޮތް ޓާގެޓަކީ އެއީ. އެ ދެ ގޭމްސްއިން ރަން މެޑަލް ހޯދައި ދެވިއްޖެޔާ އެ ވާނެ ވަރަށް ބޮޑު އެޗީވްމެންޓަކަށް،" ރ. ކިނޮޅަހަށް ނިސްބަތްވާ އެޑަމް ބުންޏެވެ.

އެޑަމް އާއި ކުޑަ ކާއްޓޭ ވަނީ މި އަހަރު ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވެސް ވާދަކޮށްފަ އެވެ. އެ މުބާރާތުގެ ޖާގަ އެ ދެ އެތުލީޓުންނަށް ލިބުނީ ކޮމަންވެލްތު ގޭމްސްގެ ކޮލިފައިން މުބާރާތުގެ ފައިނަލަށް ދަތުރު ކުރުމުން ދުނިޔޭގެ ވޮލީބޯޅައިގެ ޖަމިއްޔާއިން ދިން ފުރުސަތުގެ ދަށުންނެވެ.

ކުރިން ހަމަޖެހިފައި އޮތީ ކޮލިފައިން ބުރުން ޗެމްޕިއަންކަން ހޯދާ ސްރީ ލަންކާ އަށް އެކަނި އޭޝިއާ ސަރަހައްދުން ފުރުސަތު ދޭ ގޮތަށެވެ. އޭރު ލަންކާގައި ބޭއްވި ކޮލިފައިން މުބާރާތުގެ ފައިނަލުގައި އެޑަމް އާއި ކުޑަކާއްޓޭ ބަލިވީ ލަންކާގެ ޕެއާ އަތުންނެވެ. ކުރިން މަންކޭ އާއެކު ޕެއާވި އެޑަމް ބުނީ ކުޑަކާއްޓޭ އަދި މަންކޭ އާއެކު ވެސް ކުޅެން އޭނާ އަށް ފަސޭހަ ކަމަށެވެ.

އޭޝިއަން ސެންޓްރަލް ޒޯން ބީޗު ވޮލީގެ ތައްޓާއެކު އެޑަމް: ޓީމުގެ ކާމިޔާބު ފާހަގަކުރަން ސޯޝަލް ސެންޓަރުގައި އާދިއްތަ ދުވަހު ވަނީހަފުލާއެއް ބާއްވާފަ --- ފޮޓޯ: ޔޫތު މިނިސްޓްރީ

އޭޝިއަން ސެންޓްރަލް ޒޯން ބީޗު ވޮލީގެ ތައްޓާއެކު އެޑަމް: ޓީމުގެ ކާމިޔާބު ފާހަގަކުރަން ސޯޝަލް ސެންޓަރުގައި އާދިއްތަ ދުވަހު ވަނީހަފުލާއެއް ބާއްވާފަ --- ފޮޓޯ: ޔޫތު މިނިސްޓްރީ

"ކޮމްބިނޭޝަން މި އަންނަނީ ގިނައިން އެއްކޮށް ކުޅުނީމަ. މިހާރު ޝާހް [ކުޑަކާއްޓޭ] އާއެކު ހަތަރު މުބާރާތެެއްގައި ކުޅެވުނީމަ އޭނާއާ އެއްކޮ ކުޅެން ވެސް ފަސޭހަ. އޭރު ޝިއުނާޒް އާއެކު ކުޅެން ޖެހުނީމަ ވެސް ފަސޭހަ،" އެޑަމް ބުންޏެވެ.

ސްޕޯޓްސް މިނިސްޓްރީގެ އަރުތަ ޕްރޮގްރާމްގައި ވެސް ހިމެނޭ އެޑަމް ބުނީ މިހާރު އޭނާގެ ސަމާލުކަން ހުރީ ބީޗް ވޮލީ އަށް އެކަނި ކަމަށެވެ.

"އިންޑޯ ވޮލީން ރަސްމީކޮށް ދެން ނުފެންނާނެ. ސަބަބަކީ އަރުތަ ޕްރޮގްރާމްގައި އަޅުގަނޑު އިންނާނީ ބީޗް ވޮލީ އަށް ހާއްސަކޮށް ކަމަށް ވާތީ. އެ ޕްރޮގްރާމްގެ ދަށުން ބޭރުގެ ޓްރޭނިން އަށް ދާން އަޅުގަނޑަށް ފުރުސަތު ލިބޭނީ ވެސް ބީޗް ވޮލީން،" އެޑަމް ބުންޏެވެ.

އެޑަމް އާއި ބީޗް ވޮލީ ޓީމުގެ ކޯޗު ވިނީޝިއުސް އަދި ޝާހް ފޮޓޯ އަކަށް ހުއްޓިލައިގެން --- ފޮޓޯ: ޔޫތު މިނިސްޓްރީ

އެޑަމް އާއި ބީޗް ވޮލީ ޓީމުގެ ކޯޗު ވިނީޝިއުސް އަދި ޝާހް ފޮޓޯ އަކަށް ހުއްޓިލައިގެން --- ފޮޓޯ: ޔޫތު މިނިސްޓްރީ

"ދެން އަޅުގަނޑު ވެސް ބޭނުންވީ ބީޗް ވޮލީ އަށް ހުސްވާން. އެއީ އަޅުގަނޑަށް ގަބޫލު ކުރެވޭ ބީޗް ވޮލީން އަދި ވެސް އިތުރު ކާމިޔާބުތައް ރާއްޖެ އަށް ހޯދައި ދެވިދާނެކަން. އެހެންވެ ބީޗް ވޮލީ އަށް ހާއްސަވެގެން ހުންނަން ނިންމީ."

ގައުމީ ބީޗް ވޮލީ ޓީމަށް، ވީއޭއެމުން ހަމަޖެއްސި ބްރެޒިލްގެ ތާޖުރިބާކާރު ވިނިޝީއުސް މާޓީންގެ ކޯޗުކަމުގެ ދަށުން ކުޅުމުގެ ފެންވަރަށް ވެސް ކުރިއެރުން ލިބުނު ކަމުގެ އިހްސާސް ކުރެވޭ ކަމަށް އެޑަމް ބުންޏެވެ.

"ކޯޗު ކައިރިން ވަރަށް ބައިވަރު އެއްޗިހިތަކެއް މިހާރު ވެސް ދަސްވެއްޖެ. އަޅުގަނޑުމެންގެ ގޭމް ވެސް އިމްޕްރޫވްވެއްޖެކަން ވެސް އަމިއްލަ އަށް ވެސް އިހްސާސް ކުރެވޭ. އޭގެ ތަފާތު މިފަހަރު މި މުބާރާތުން ވެސް ފެނުނީ،" އެޑަމް ބުންޏެވެ.