Roadha Mihaaru
އުތުރުގެ ބަންކަރިން ފަށަން އުޅަނދުތައް ގެނެސްފި

އުތުރުގައި ބަންކަރިންގެ ހިދުމަތް ފަށަން ޕައިލެޓް ބޯޓާއި ޓަގް ބޯޓު ގެނެސްފި

03 އޯގަސްޓް 2024

ރާއްޖޭގެ އެންމެ އުތުރުން، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފަށަން ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓު ރާއްޖެއަށް އިއްޔެ ގެނެސްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ އެންމެ އުތުރުން، އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފަށަން ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓު ރާއްޖެއަށް އިއްޔެ ގެނެސްފި އެވެ.

އެމްޕީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އުތުރުގައި ފަށާ އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓު ހދ. ކުޅުދުއްފުށީ ޕޯޓަށް އިއްޔެ ގެންގޮސްފައިވާ ކަމަށެވެ. ކުޅުއްދުއްފުށީ ޕޯޓަށް އެ ދެ އުޅަނދު ވަނުމާ އެކު ވޯޓާ ސެލިއުޓެއް ދިން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ބަންކަރިންގެ ހިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓު ކުޅުދުއްފުށީ ބަނދަރަށް ވަންނަނީ.-- ފޮޓޯ: އެމްޕީއެލް

ބަންކަރިންގެ ހިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓު ކުޅުދުއްފުށީ ބަނދަރަށް ވަންނަނީ.-- ފޮޓޯ: އެމްޕީއެލް

އެމްޕީއެލް އިން ބުނި ގޮތުގައި، އެ ދެ އުޅަނދުގެ ކެޕްޓަނުންނާއި ފަޅުވެރިންނަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމާއި މެނޭޖްމަންޓްގެ ބައެއް ބޭފުޅުން ވަނީ މަރުހަބާ ދަންނަވައިފަ އެވެ.

ބަންކަރިންގެ ހިދުމަތް ދިނުމަށް އެމްޕީއެލް އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި މިއީ ރާއްޖޭގެ އިގްތިސާދަށް މުހިންމު ހިދުމަތަކަށް ވާތީ އެ މަސައްކަތް ނަގަނީ ގައުމީ ކަމެއްގެ ގޮތުގައި ކަމަށް ވަޖީހު ވިދާޅުވި ކަމަށް އެ ބަޔާނުގައިވެ އެވެ.

ބަންކަރިންގެ ހިދުމަތް ފެށުމަށް ބޭނުންވާ ޓަގު ކުޅުދުއްފުށީ ބަނދަރުގައި.-- ފޮޓޯ: އެމްޕީއެލް

ބަންކަރިންގެ ހިދުމަތް ފެށުމަށް ބޭނުންވާ ޓަގު ކުޅުދުއްފުށީ ބަނދަރުގައި.-- ފޮޓޯ: އެމްޕީއެލް

އެމްޕީއެލް އިން ބުނި ގޮތުގައި، އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި މިހާރު ވަމުން އަންނަނީ އެންމެ ފަހުގެ ތައްޔާރީތަކެވެ.

މި ހިދުމަތް ފެށުމަށް ބޭނުންވާ އޮފީސް ޖާގަތައް ހެދުމުގެ މަސައްކަތް ވެސް ބާރު ސްޕީޑުގައި އަންނަނީ ކުރަމުން ކަމަށާއި މި މަހު 15 ވަނަ ދުވަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބަންކަރިންގެ ހިދުމަތް ފެށުމަށް ބޭނުންވާ އޮފީސް ޖާގައިގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް އެމްޕީއެލްގެ އިސްވެރިން ބައްލަވާލައްވަނީ.-- ފޮޓޯ: އެމްޕީއެލް

ބަންކަރިންގެ ހިދުމަތް ފެށުމަށް ބޭނުންވާ އޮފީސް ޖާގައިގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް އެމްޕީއެލްގެ އިސްވެރިން ބައްލަވާލައްވަނީ.-- ފޮޓޯ: އެމްޕީއެލް

އެމްޕީއެލް އިން ވަނީ ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ހަދަން އެ ރަށުގެ ކައުންސިލާ އެކު މިދިޔަ ހަފުތާގައި އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އަދި އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އިހަވަންދިއްޕޮޅުގައި މި މަހު ބަންކަރިންގެ ހިދުމަތް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މިދިޔަ މަހު ވިދާޅުވެފަ އެވެ. ސައީދު ވިދާޅުވި ގޮތުގައި، މި ހިދުމަތް ފެށުމުން އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބި އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވާނެ އެވެ. ރާއްޖޭގެ ޖީޑީޕީ އަކީ މިހާރު 6.5 ބިލިއަން ޑޮލަރެވެ.

ބަންކަރިންގެ ހިދުމަތް ފެށުމަށް ބޭނުންވާ އޮފީސް ޖާގަ ހަދަނީ.-- ފޮޓޯ: އެމްޕީއެލް

ބަންކަރިންގެ ހިދުމަތް ފެށުމަށް ބޭނުންވާ އޮފީސް ޖާގަ ހަދަނީ.-- ފޮޓޯ: އެމްޕީއެލް

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހު އެވެ. ރާއްޖޭގައި ގާއިމުކުރާ އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީން، ބޭރުން ދާ ބޮޑެތި ބޯޓުތަކަށް ރާއްޖެ އައިސް ތެޔޮ އެޅޭނެ ނިޒާމު ހަމަޖެއްސުމަށްޓަކައި ތެޔޮ ސްޓޯރޭޖެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

​ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރެ އެވެ. އެ ސަރަހައްދުގައި އެ ބޯޓު ފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް އަދި ނެތެވެ.