Roadha Mihaaru
ބަންކަރިން ހިދުމަތް އަންނަ މަހު ފަށަނީ

ބަންކަރިން ހިދުމަތް އަންނަ މަހު ފަށަނީ

22 އޯގަސްޓް 2024

އިހަވަންދިއްޕޮޅުގައި މެރިޓައިމް އަދި އޯޕީއެލްގެ ހިދުމަތް ގުޅިގެން ފޯރުކޮށްދިނުމުގެ ގޮތުން އެމްޕީއެލް އާއި އެސްޓީއޯއާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިހަވަންދިއްޕޮޅުގައި މެރިޓައިމް އަދި އޯޕީއެލްގެ ހިދުމަތް ގުޅިގެން ފޯރުކޮށްދިނުމުގެ ގޮތުން އެމްޕީއެލް އާއި އެސްޓީއޯއާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ.

އުތުރުގައި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތާ އެކު، މެރިޓައިމްގެ އިތުރު ހިދުމަތްތައް ވެސް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އެސްޓީއޯ އިން އޮފްޝޯ ބަންކަރިން ހިދުމަތް ފޯރުކޮށްދޭނެ އެވެ. އެމްޕީއެލްއިން ފޯރުކޮށްދެނީ ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ހިދުމަތްތަކެވެ.

މި އެމްއެމްޔޫގެ ދަށުން ބަންކަރިން ހިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން ގުޅިގެން، ވިހާ ވެސް ފަސޭހަ ހިދުމަތެއް ފޯރުކޮށްދޭން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފަ އެވެ. އެ ހިދުމަތް މާކެޓް ކުރުމުގައި ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރާނެ އެވެ.

ވަޖީހް ވިދާޅުވީ އުތުރުގެ ސަރަހައްދަކީ ބައިނަލްއަގްވާމީ މެރިޓައިމްގައި މުހިންމު ރޫޓަކަށްވާއިރު، އުތުރުގައި ބަންކަރިން އާއި މެރިޓައިމްގެ ހިދުމަތްތައް ފޯރުކޮށްދޭން ފެށުމަކީ ރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ.

"އެއްވެސް ކަހަލަ މާކެޓިންއެއް ނެތި، މިހާރުވެސް ހއ.އުލިގަމު ކައުންސިލްގެ ރެކޯޑްތައް ދައްކާ ގޮތުން މަހެއްގެ މައްޗަށް ހައެއް ނުވަތަ އަށް އާގު ބޯޓު އެ ސަރަހައްދަށް އެބަ ކޯލް ކުރޭ ފެނު ޚިދުމަތް ހޯދަން. އެހެންވީމާ އަޅުގަނޑުމެންނަށް އެ ސަރަހައްދުން ތެލާއި ފެން ފޯރުކޮށްދެވުނީމަ ރަނގަޅު ވިޔަފާރިއެއް އުފެދިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު ވިދާޅުވީ، އަންނަ މަހުގައި ބަންކަރިން ހިދުމަތް ފެށޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އިހަވަންދިއްޕިޅުގައި ފަށަނީ ފްލޯޓިން ބަންކަރެއްގެ ގޮތުގައި ކަމަށާއި އަމާޒަކީ މުސްތަގްބަލުގައި އެ ސަރަހައްދުގައި ސްޓޯރޭޖެއް ވެސް ހަދާށެވެ. މިވަގުތު އެ ހިދުމަތް ފަށަނީ ދެ ބާޖު ބޭނުންކޮށްގެން ނެވެ. އޭގެ އިން ކޮންމެ ބާޖަކުން 4،000 ޓަނުގެ ތެޔޮ އުފުލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.