Roadha Mihaaru
އެމްއެމްއޭގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް!

އެމްއެމްއޭގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފަސް އެމްޑީން ކަނޑައަޅަނީ!

05 އޯގަސްޓް 2024

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަކީ ޒަމާނީ ސެންޓްރަލް ބޭންކަކަށް ހެދުމުގެ ބޭނުމުގައި އެ އިދާރާގެ ހިންގުމުގެ އޮނިގަނޑަށް ބޮޑު ބަދަލުތަކެއް ގެނެސް ފަސް މެނޭޖިން ޑިރެކްޓަރުން ކަނޑައަޅަން އެމްއެމްއޭގެ ބޯޑުން ފާސްކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަކީ ޒަމާނީ ސެންޓްރަލް ބޭންކަކަށް ހެދުމުގެ ބޭނުމުގައި އެ އިދާރާގެ ހިންގުމުގެ އޮނިގަނޑަށް ބޮޑު ބަދަލުތަކެއް ގެނެސް ފަސް މެނޭޖިން ޑިރެކްޓަރުން ކަނޑައަޅަން އެމްއެމްއޭގެ ބޯޑުން ފާސްކޮށްފި އެވެ.

މަރުކަޒީ ބޭންކުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އެންމެ ބޮޑު އެއް ބަދަލަކީ އެސިސްޓެންޓް ގަވަރުނަރުގެ މަގާމު، މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރުން ކަމަށެވެ. އެމްއެމްއޭގެ ބޯޑުން ފާސްކުރީ ފަސް ދާއިރާއަކުން ފަސް މެނޭޖިން ޑިރެކްޓަރުން ކަނޑައެޅުމަށެވެ.

އެ ބަދަލާ އެކު، މިހާރު ތިއްބެވި އެސިސްޓެންޓް ގަވަރުނަރުން ވަނީ އެޑްވައިޒަރުންގެ މަގާމަށް ޕްރޮމޯޓް ކޮށްފަ އެވެ.

މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ މުއްދަތަކީ ފަސް އަހަރުގެ ދެ ދައުރެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެމްއެމްއޭގައި މަސައްކަތްކުރާ މީހުންގެ އިތުރުން އާންމުކޮށް ވެސް ހުޅުވާލާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެމްއެމްއޭގެ އޮނިގަނޑަށް ގެނައި ބަދަލުތައް ކުރުކޮށް:

- ފަސް ދާއިރާއަކުން ފަސް މެނޭޖިން ޑިރެކްޓަރުން.

- މެނޭޖިން ޑިރެކްޓަރުންނަށް ތިބެވޭނީ ފަސް އަހަރުގެ ދެ ދައުރުގެ މުއްދަތަކަށް. އެ މަގާމަށް އާންމުކޮށް އެންމެންނަށް ހުޅުވާލާނެ. އެމްއެމްއޭގެ މުވައްޒަފުންނަށް ވެސް ކުރިމަތިލެވޭނެ.

- މިހާރު ތިއްބެވި އެސިސްޓެންޓް ގަވަރުނަރުން އެޑްވައިޒަރުންނަށް ބަދަލުކޮށްފައި.

"މީގެ ސަބަބުން އެމްއެމްއޭގައި މިހާރު ތިބި ގާބިލް ފަރާތްތަކަށް އާ ފުރުސަތުތައް ހުޅުވިގެން ދާނެ. ފަންނީ ގާބިލު މީހުންނަށް އެމްއެމްއޭ އަށް ވަނުމަށް ވެސް ފުރުސަތު ހުޅުވޭނެ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، މެނޭޖިން ޑިރެކްޓަރަކު ހަމަޖެއްސުމުން، އެމްއެމްއޭގައި މަސައްކަތްކުރަން ބޭނުންވާ ތައުލީމީ އަދި ތަޖުރިބާކާރު މީހުންނަށް ފުރުސަތު ފުޅާވާނެ އެވެ.

އޭނާ ވިދާޅުވީ، އެ ބަދަލުތައް ގެންނަން ނިންމެވީ އެމްއެމްއޭގެ ބޯޑުގެ މަޝްވަރާގެ މަތިން އާ ގަވަރުނަރު އަހުމަދު މުނައްވަރު ކަމަށެވެ.

"މި ބަދަލުތަކުގެ ސަބަބުން އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާވެ، ހެޔޮ ނަތީޖާތަކެއް ނެރުމަށް ފަސޭހަވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މި ބަދަލުތައް ގެންނަން އެމްއެމްއޭގެ ބޯޑުން މި ފާސްކުރީ އާ ގަވަރުނަރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު އެ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ހަފުތާއެއް ވެސް ނުވަނީހެވެ. ރާއްޖޭގެ ބޭންކިން ދާއިރާ އަށް ގެންނަން އާ ގަވަރުނަރު ރާއްވަވާފައިވާ ބަދަލުތަކުގެ ތަފުސީލްތައް އަދި މީޑިއާއާ ހިއްސާއެއް ނުކުރައްވަ އެވެ.