Roadha Mihaaru
އެހީތެރިކަން ބޭނުންވާ ނަމަ އަންގަން އެދިއްޖެ

ވިއްސާރައާ ގުޅިގެން ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ނަމަ އަންގަން އެދިއްޖެ

13 އޯގަސްޓް 2024

ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން ރައްކާތެރިކަމާއި އެހީތެރިކަމެއް ބޭނުންވާނަމަ އަންގަން ސޯޝަލް އެންޑް ފެމެލީ މިނިސްޓްރީން އަންގައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން ރައްކާތެރިކަމާއި އެހީތެރިކަމެއް ބޭނުންވާނަމަ އަންގަން ސޯޝަލް އެންޑް ފެމެލީ މިނިސްޓްރީން އަންގައިފި އެވެ.

މާލެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ 183 ގެއަކަށް ފެން ވަދެ، އޭގެތެރެއިން ދިރިނޫޅެވޭވަރުވި ތިން ގެއަކުން މީހުން ވެސް ވަނީ ހުސްކޮށްފަ އެވެ. އަދި އަތޮޅު ތެރޭގެ، ހާއްސަކޮށް އުތުރުގެ ރަށްތަކުގެ ރައްޔިތުންނަށް އަންނަނީ ގިނަ ގެއްލުންތައް ލިބެމުންނެވެ.

ވިއްސާރައާ ގުޅިގެން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނީ ކަނޑައަޅުއްވައިފަ އެވެ.

ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރު ބަންދު ވިޔަސް އާއިލާތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި އެހީތެރިކަން ބޭނުންވާ މީހުން އެ މިނިސްޓްރީގެ ކޯލް ސެންޓަރު ނަމްބަރު 1433 އަށް ގުޅުމަށް އެދޭ ކަމަށެވެ.

އަދި ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގައި ގުޅަން ޖެހެނީ 1412 އަށެވެ. އިޖުތިމާއީ އަދި އާއިލީ މައްސަލަތަކުގައި 1421 އަށް ގުޅަން މިނިސްޓްރީން އެދުނެވެ.

މިއަދު ވިއްސާރާގައި މާލޭގައި ފެންބޮޑުވެފައި ވާތީ މީހެއްގެ ސައިކަލު ފެނުން މައްޗަށް ނަގާފައި.-- ފޮޓޯ: މިހާރު

މިއަދު ވިއްސާރާގައި މާލޭގައި ފެންބޮޑުވެފައި ވާތީ މީހެއްގެ ސައިކަލު ފެނުން މައްޗަށް ނަގާފައި.-- ފޮޓޯ: މިހާރު

އޭގެ އިތުރުން ބޯކޮށް ވާރޭ ހެވި، ފެންބޮޑުވުމުން ދިމާވާ މައްސަލަތަކުގައި އެމްއެންޑީއެފްގެ ނަމްބަރު 115 އަށް ގުޅުމަށް ވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

"އަދި ހަމައެއާއެކު މި ހިތްދަތި ދަނޑިވަޅުގައި ކޮންމެ ބޭފުޅަކު ވެސް އާއިލާ އާއި ރައްޓެހިން އަދި ދޭދޭ މީހުންގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވެދެއްވުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރަން،" އެ ބަޔާނުގައިވެ އެވެ.

މިއަދު ހެނދުނުން ފެށިގެން ހުއްޓާ ނުލައި މާލެ އަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވެފައި ވާއިރު އުތުރުގެ ގިނަ ރަށްތަކުގައި ވެސް ވަނީ ފެންބޮޑުވެފައި އެވެ. އެ ރަށްތަކުންނާއި މާލެއިން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ އެވެ.