Roadha Mihaaru
މައި ކެމިސްޓްގެ ވެރިޔާ އަށް ދައުވާކުރަން ފޮނުވައިފި

ޓެކްސް އަށް މަކަރު ހަދާ ކަމަށް ބުނެ މައި ކެމިސްޓްގެ ވެރިޔާ އަށް ދައުވާކުރަން ފޮނުވައިފި

18 އޯގަސްޓް 2024

ފުޅާ ދާއިރާއެއްގައި ޑޮކްޓަރީ ބޭސް އިމްޑޯޓްކޮށް ވިއްކާ "މައި ކެމިސްޓް" ގެ ވެރިޔާ ހުސެއިން އިރުފާން، ގަސްދުގައި ޓެކްސް އަށް މަކަރު ހަދާ ކަމަށް ފާހަގަވެފައި ވާތީ އޭނާއާ ދެކޮޅަށް ދައުވާކޮށްދޭން އެދި މީރާ އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

ފުޅާ ދާއިރާއެއްގައި ޑޮކްޓަރީ ބޭސް އިމްޑޯޓްކޮށް ވިއްކާ "މައި ކެމިސްޓް" ގެ ވެރިޔާ ހުސެއިން އިރުފާން، ގަސްދުގައި ޓެކްސް އަށް މަކަރު ހަދާ ކަމަށް ފާހަގަވެފައި ވާތީ އޭނާއާ ދެކޮޅަށް ދައުވާކޮށްދޭން އެދި މީރާ އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

އެ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިރުފާން ގަސްދުގައި ޓެކްސް އަށް މަކަރު ހަދާ ކަމަށް ތުހުމަތު ކުރެވޭތީ، އެ ކަމާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގާފައިވާ ކަމަށެވެ. ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ބުނީ 2018 އަދި 2019 އަށް އިރުފާން ހުށަހަޅާފައިވާ ބީޕީޓީ ބަޔާންތަކާއި 2020 އަށް ހުށަހަޅާފައިވާ އިންކަމް ޓެކްސް ބަޔާނުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އަދި އެކަން ކޮށްފައިވަނީ ޓެކްސް ދެއްކުމުން ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި ކަމަށް މީރާ އިން ބުންޏެވެ.

އިރުފާންގެ ހޯލްސޭލް ވިޔަފާރި ކަމަށްވާ "މައި ކެމިސްޓް ގޯޑައުން" އާ ގުޅޭ އާމްދަނީ އެއްވެސް ވަރަކަށް 2018-2020 އަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައި ހިމަނާފައި ނުވާ ކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް މީރާ އިން ބުންޏެވެ.

އެވްރެޖްކޮށް އަހަރަކު 53 މިލިއަން ރުފިޔާގެ އާމްދަނީ މީރާ އަށް ރިޕޯޓް ކޮށްފައި ނުވާއިރު، ޖުމްލަ 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރަށް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ކަން އޮޑިޓުން ހާމަވެފައިވާ ކަމަށް ވެސް މީރާ އިން ބުންޏެވެ. އެ ފައިސާ ދައްކަން މީރާއިން ވަނީ އިރުފާނަށް އަންގައިފަ އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަން ޖެހޭ އެއްވެސް ޓެކްސް ދެއްކުމަށް، އެނގި ހުރެ ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އެފަދަ ކުށެއް ކުރުމަށް ޓެކްސް ދޭންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި ކަމެއް ކުރުމަކީ ވެސް ކުށެކެވެ.